twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޓެކްނޮލޮޖީގެ އަނދިރި ފަރާތް

Sep 26, 2017

-ހަސަން އަހުމަދު-

ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި ސްމާޓް ފޯންތައް ތައާރަފުވުމާއެކު ރައްޔިތުންގެ ދިރިއުޅުން މިވަނީ އެތައް ތަނެއް ފަސޭހަވެފައެވެ. މީގެކުރިން ކަމެއް ހާސިލްކުރުމަށް އެތައް ވަގުތެއް އަދި އެތައް ދުވަހެއް ހޭދަކުރަންޖެހޭ ކަންކަން ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި މިހާރު ހިނދުކޮޅެއްތެރޭގައި ކޮށް ނިންމާލެވެއެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ޓެކްނޮލޮޖީއަށް އަންނަ މިފަދަ ބޮޑެތި ކުރިއެރުންތަކެއްގެ ފަހަތުގައި ގެއްލުންތަކެއްވެސް ހިމެނޭނެކަމެކެވެ. މީގެ އެއް މިސާލަކީ ބަދުއަޙްލާޤީ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފަސޭހައިން ބެލެން ހުރުމެވެ.

ބަދުއަޙްލާޤީ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބެލުމަކީ ޒަމާނުއްސުރެން ބޮޑެތިމީހުންގެ މެދުގައި އާންމުކަމެކެވެ. އެހެންނަމަވެސް ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި ސްމާޓް ފޯންތައް ތައާރަފްވުމާއިއެކު އާއްމު މުޖުތަމައުގައި މިބާވަތުގެ މަންޒަރުތައް ބެލުން މިހާރު ވަނީ އިހުނަށްވުރެން ފަސޭހަ ވެފައެވެ. ކޮންމެ މީހެއްގެ އަތުގައި ސްމާރޓް ފޯނެއް އޮންނައިރު ބޭނުންވަގުތަކު އެފަދަ މަންޒަރުތައް ބަލާލެވޭނެހެން އިންޓަރނެޓްގެ ހިދުމަތްވެސް ލިބެންހުރެއެވެ.

އަމިއްލަ ބޭނުމަށް ބޭނުންކުރާ ކޮންޕިއުޓަރު ނުވަތަ ސްމާރޓް ފޯން ބޭނުންކޮށްގެން އޮންލައިންކޮށް ބަދުއަޙްލާޤީ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބެލުމުން އޭގެ ސަބަބުން އެބަލާ މީހާއަށާއި މުޖުތަމައަށް ކުރިމަތިވެދާނެ އިޖްތިމާއީ، ސިއްހީ އަދި އިޤްތިޞާދީ ގެއްލުންތައްވެސް އެބަހުއްޓެވެ.

އަމިއްލަ ބޭންކް އެކައުންޓްގެ ރަށްކާތެރިކަން ގެއްލުން

ބަދުއަޙްލާޤީ މަންޒަރުތައް އިންޓަރނެޓް މެދުވެރިކޮށް ފަސޭހައިން ބެލެންހުރުމާއިއެކު، އެފަދަ ވެބްސައިޓްތައް ބޭނުންކުރާ މީހާގެ ޒާތީ މުހިންމު މައުލޫމާތުތައްވެސް ފަސޭހައިން ލީކުވުމުގެ ނުރައްކާ ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. މިހާރަކަށްއައިސް ގިނަ ސްމާޓް ފޯނު ބެނުންންކުރެވެނީ ގޫގަލް އެކައުންޓް މެދުވެރިކޮށެވެ. އިންޓަރނެޓް ބޭނުންކުރާ ކޮންމެ ވަގުތެއްގައި އޮޓޮމެޓިކުން ގޫގަލް އެކައުންޓް އިން ލޮގިންވެއެވެ. ގޫގަލް އެކައުންޓް ހުންނަނީ ކޮންމެ ކަމެއް އިންޓަނެޓްގައި ކުރިކަމުގައި ވިޔަސް ހުރިހާ ވަގުތެއްގައި ވެސް އަމިއްލައަށް ލޮގިންވެވިފައި ހުންނަ ގޮތަށެވެ. އެހެންކަމުން ބަދުއަޙްލާޤީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވެބްސައިޓްތަކަށް ވަނުމުން ތިމާގެ އެކައުންޓްގެ މައުލޫމާތު އެފަދަ ވެބްސައިޓުތަކުން ކެޕްޗަރ ކުރެއެވެ. މީގެއިތުރުން ބައެއް ވެބްސައިޓް ތަކަށް ވަނުމަށް ކޭސް އަދި ކުރެޑިޓް ކާޑުގައިވާ މައުލޫމާތު ބޭނުންކުރަންޖެހޭ ފަހަރު އާދެއެވެ. މިގޮތަށް ފޯރުކޮށްދެވޭ ކޭސް ކާޑުގެ މައުލޫމާތާއި އެމީހެއްގެ ޒާތީ މައުލޫމާތު ތަކުގެ އެހީގައި ތިމާގެ އެކައުންޓް ހެކްކުރުމާއި އޭގެ ނާޖާއިޒު ފައިދާ ހޯދުން މިހާރު އަންނަނީ އިތުރު ވަމުންނެވެ.

އަދި ހަމައެހެންމެ މިހާރަކަށްއައިސް ގިނަ ވިޔަފާރިތައް މާރކެޓުކުރުމަށް ބޭނުންކުރަނީވެސް އިންޓަރނެޓް ގެ ޒަރީއާއެވެ. އެގޮތުން ވިޔަފާރިކުރުމަށް ތަފާތު ވައްތަރުގެ އެޕްލިކޭޝަންތައް މީހުން ހަދާފާހުރެއެވެ. އަދި އެޕްލިކޭޝަންގައި ކްރެޑިޓް ކާޑުގައިވާ މައުލޫމާތުތައް ރައްކާކޮށްހެދުމުން ދެވަނަ ފަހަރަށް ފައިސާ ދެއްކުމުގައި ފަސޭހަތަކެއް ވެގެން ދެއެވެ. އެހެން ނަމަވެސް މިދެންނެވި ބަދުއަޙްލާޤީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވެބްސައިޓްތައް ފަރުމާކޮށްފައި ހުންނަނީ ފައިސާ ދެއްކުމަށް ބޭނުންކުރާ އެޕްލިކޭޝަންސްތައް ރައްކާތެރިކުރުމަށް އަޅާފައިވާ ސެކިއުރިޓީ ކަންތައްތަކުގައި ހުންނަ ލޫޕް ހޯލްސް ތައް ދެނެގަނެވޭ ގޮތަށެވެ. އަދި ތިމާގެ މުހިންމު މައުލޫމާތު ތައް ބޭނުންކޮށްގެން ވިޔަފާރީގެ މުޢާމަލާތްތައް ވެސް ކުރެވޭ ގޮތަށެވެ.

ފޭކް ޕްރޑަކްޓްސް އިސްތިހާރުކުރުން

މި ވެބްސައިޓް ތަކުން ބައެއްފަހަރު އަސްލު ޕްރޮޑަކްޓް ވެސް އިސްތިހާރު ކުރެއެވެ. އެހެންނަމަވެސް އެޕްރަޑަކްޓްތަކަކީ ފޭކް އެއްޗަކަށް ވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ހަމައެއާއެކު އިންޓަރނެޓް ބޭނުންކުރާއިރު ސްކްރީންއަށް ކުއްލިއަކަށް އަންނަ މެސެޖްތަކަށް ފިތާލުމުން ތިމާ ބޭނުންވާ ސައިޓް ނޫން އެހެން ސައިޓްތަކަށްވެސް ވަދެވެއެވެ. މިފަދަ ސައިޓްތައް ބޭނުންކުރުމާ އެސައިޓްތައް މެދުވެރިކޮށް ފޮނުވާ ސަރވޭތައް ފުރާ ފޮނުވުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ޖިންސީ ބާރުދައްވެ އެދުންވެރިކަން ކުޑަވުން

މިފަދަ ވެބްސައިޓްތަކުން ވަގުތީ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް މިފަދަ މަންޒަރުތައް ބަލާ މީހުންނަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ނުވެއެވެ. ޖިންސީ ބާރުދައްވުމާއި އެފަދަ މަންޒަރުތައް ބަލައިގެން ނޫނީ ހިތްހަމަ ނުޖެއްސޭ ކަމީ ބަރަހަނާ މަންޒަރުދައްކުވައިދޭ ވެބްސައިޓްތައް ބަލާ މީހުންނަށް ދިމާވާ ސިއްހީ މައްސަލައެކެވެ. ކައިވެނިތަކުގައި މައްސަލަޖެހި ވަރި އިތުރުވަމުންދާ މިމުޖުތައުގައި މިއީވެސް ބެލެނިވެރިން ސަމާލުވެތިބެންޖެހޭ ކަމެކެވެ. ކައިވެންޏާ ހަމައަށް އެކުއްޖަކު ދާއިރު އެފަދަ ވެބްސައިޓް ތަކުގެ ޝިކާރަށްވެފައި ތިބޭކުދިންވެސް މަދެއްނޫނެވެ. ދަރިންނަށް ސްމާޓް ފޯނުހޯދައިދީ ފުރާވަރަށް އަރަމުން އަންނައިރު ކުދިން ބަލަނީ ކޯޗެއްކަން އިނގެންޖެހޭނެއެވެ.

އިޖްތިމާއީ ބަލިމަޑުކަން އިތުރުވުން

ޓެކްނޮލޮޖީގެ ތެރެއިން ސްމާޓްފޯނާ އެކި ވައްތަރުގެ ޓެބްލެޓްތަކާއި ކޮމްޕިއުޓަރ ފަދަ ތަކެއްޗަކީ ފުރާވަރަށް އަރަމުން އަންނަ ކުދިން ކިޔެވުމާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ އެއްޗެއްސެވެ. އެހެންނަމަވެސް މިތަކެތި ބޭނުންކޮށްގެން މިދެންނެވިފަދަ ވެބްސައިޓުތަކަށްވަދެ ފެންނަމަންޒަރުތައް ތަޖުރިބާކުރަން ކުދިންބޭނުންވެއެވެ. ސުކޫލު ދުވަސްވަރު ލޯބީގެގޮތުން ގުޅިގެން އުޅުމާ މިގުޅުމުގެ ތެރެއިން ބަދުއަހުލާގީ އަމަލުތައް ތަޖުރިބާކުރުމަށް އެންމެ ބޮޑަށް ވާގިވެރިވަނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވެބްސައިޓުތަކެވެ. މިވެބްސައިޓް ތަކުން ދައްކުވައިދޭ ކަންކަން ތަޖުރިބާ ކުރުމަށް ބައެއްފަހަރު އިހްތިޔާރުކުރެވެނީ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމާއި ބިރުދެއްކުމާއި ބްލެކްމެއިލް ކުރުންފަދަ ކުށްތަކެވެ.

މަތީގައި ފާހަގަކުރެވުނު ބައެއްކަންތައްތަކުގެ އިތުރުން މިފަދަ މަންޒަރުތައް ބެލުމާއި ތަޖުރިބާ ކުރުމަކީ މާތްވެގެންވާ އިސްލާމުދީނުގައިވެސް ނަހީކުރަށްވާފައިވާ ފާހިޝް ކަންތައްތަކެވެ. ކަންމިހެން ހުރުމާއިއެކު އިންޓަރނެޓް ބޭނުންކުރުމުގައި އިތުރަށް ފަރުވާތެރިވާން ޖެހެއެވެ. އަދި ތިމާގެ ވިސްނުންތެރިކަމާއެކު ތިމާ ބޭނުންވާ މުހިންމު ސައިޓްތަކަށް އިންޓަރނެޓްގެ ޒަރީއާއިން ވަނުމަށް ސަމާލުވާން ޖެހެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355