twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް 2017 ވަނަ އަހަރު ފެށިދާނެތަ ؟

Sep 27, 2017

ކުޅުދުއްފުށީ އެއަރޕޯޓް ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. ދައުރުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި އަޅަންބުނި އެއަރޕޯޓްގައި ހަގީގީކުލަ ނުޖެހި ފިނިހަކަ ދުވެލީގައި މަސައްކަތް ކުރެވެމުންދާކަމުގެ އަޑުތައް އެކި ދުވަސް މަތިން އިވެއެވެ. ވާހަކަފުޅު ދައްކަވާ ކޮންމެ ޕޯޑިޔަމެއްގައިވެސް ވައުދު އާކުރަށްވައެވެ. މީގެ ދުވަސްކޮޅެއްކުރިން ވިދާޅުވެފައިވަނީ 2017ވަނަ އަހަރު އެއަރޕޯޓު ނިންމަވާ ހިދުމަތް ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ކޫއްޑޫ އެއަރޕޯޓް އަޕްގްރޭޑްކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި އެވައުދު އާކުރަށްވާވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓު އެޅުމުގެ އަމަލީ މަސައްކަތް 2017 ވަނަ އަހަރު ފެށޭނެވާހަކަ އެވެ.

ސުވާލަކީ 2017 ވަނަ އަހަރު އެއަރޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފެށިދާނެތޯއެވެ.؟

އަމަލީ މަސައްކަތް ފަށާނަމަ ފަށްޓަވާނީ ކޮން ކަމެއްތޯއެވެ؟ އެއަރޕޯޓު އެޅުމަށް ކުޅި ހިއްކުމުގެ މަސައްކަތް ހެއްޔެވެ؟ އެއަރޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފެށުމޭ އެބުނާ ބަހުގެ މުރާދަކީ ކުޅުދުއްފުއްޓަށް ގުދުރަތުން ލިބިފައިވާ މަށި ކުޅި ހިއްކަން ފެށުން ކަމުގައި ވާނަމަ އެއީ އަދި އެންމެ ރަންގަޅުގޮތެއް ނޫނެވެ. އެހެނީ، ކުޅި އަކީ ގުދުރަތުން ލިބިފައިވާ ތަނަކަށް ވެފައި ހަލާކުކޮށްލުމަށްފަހު އިއާދަ ނުކުރެވޭނެ ތަނަކަށް ވުމުގެ އިތުރުން ކުޅި ހިއްކުމުގެ ކުރިން ނިންމަންޖެހޭ އަދި އަމަލީ ގޮތުން ކުރަންޖެހޭ އެތައްކަމެއް ލިސްޓްގައި ހުރީމައެވެ.

އެއަރޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފެށުމޭ އެވިދާޅުވަނީ އެމް.ޑަބްލިޔު.އެސް.ސީ ގެ ޕަންޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތްތޯއެވެ؟ އެހެންކަމަށް ވާނަމަ ޕަންޕް ސްޓޭޝަން ބަދަލުކުރަނީ ކޮންތާކަށްތޯއެވެ؟

ނުވަތަ އަމަލީ ގޮތުން މަސައްކަތް ފެށުމޭ އެވިދާޅުވަނީ އެއަރޕޯޓު އަޅާ ސަރަހައްދުގައިވާ ގޯތި ގެދޮރު ބަދަލުކޮށް ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދިނުމުގެ ވާހަކަތޯއެވެ؟ ބަދަލު ދޭނަމަ ބަދަލު ދިނުމަށް ގޯތި ގެދޮރު ވެލިޔު ކުރެވިއްޖެ ހެއްޔެވެ.؟

އަދިވެސް ބައެއް ސުވާލު އެބަހުއްޓެވެ.

އެއަރޕޯޓު އަޅާ ސަރަހައްދާ އެންމެ ކާރީގައި ހުރި ރޯހައުސްތަކަށް ވާނީ ކިހެނެއްތޯއެވެ؟ ނުވަތަ އެރޯހައުސްތަކަށް އެދިއެދި ތިބި ރައްޔިތުންނަށް ވާނީ ކިހެނެއްތޯއެވެ؟ އަދި ހަމައެހެންމެ އެއަރޕޯޓާއި ޖެހިގެން އޮތް ރަށުގެ އެންމެ ބޮޑު ސްކޫލް ޖަލާލުއްދީން ސުކޫލަށް ވާނީ ކިހެނެއްތޯއެވެ؟ ގައިމުންވެސް ކޭމްބްރިޖް އެގްޒާމް ފަދަ އެގްޒާމްތައް ހަދާއިރު އެސަރަހައްދުގައި ބޯޓުފަހަރު ޖައްސާނަމަ އަޑުގަދަވާނެތީ މިއީވެސް ރައްޔިތުން ހިތުގައި އުފެދޭނެ ސުވާލެކެވެ.

ހައްތާވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ. އެހެންކަމުން އަނެއްކާވެސް މައިގަނޑު ސުވާލު ކޮށްލާނަމެވެ. 2017 ވަނަ އަހަރު އެއަރޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފެށިދާނެތޯއެވެ.؟

މައިގަނޑު ސުވާލާއެކު އަނެއްކާވެސް ހިތައް އަންނަނީ އެހެން ސުވާލުތަކެކެވެ.

ކުޅުދުއްފުށީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އެއަރޕޯޓް ޕްރޮޖެކްޓާއި ގުޅޭ އީ.އައި.އޭ ރިޕޯޓާއި ބެހޭ ކޮންސަލްޓަންޓުން ކުޅުދުއްފުށީގެ ރައްޔިތުންނާ ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހު ބައްދަލު ކުރަށްވާފައެވެ. އެމަސައްކަތަށް ރައްޔިތުން ހިޔާލުހުށަހެޅިއެވެ. ސުވާލަކީ މިހާރު ރިޕޯޓު ނިމުނީ ކިހެނެއްހެއްޔެވެ. އީ.އައި.އޭ ހެދި ކޮންސަލްޓަންޓުން ފާހަގަ ކުރި އެއްކަމަކީ ކުޅި ހިއްކުމަށް ރަށުގެ ބައެއް ސަރަހައްދުން ވެލި ނަގާ ވާހަކައެވެ. އެދައްކަނީ ވަރަށްބައިވަރު ވެލީގެ ވާހަކައެވެ. މިކަން މިހެން އޮތްއިރު ރިޕޯޓް ފައިނަލް ވީގޮތެއްވެސް ރައްޔިތުން އޮޅުން ފިލުވާލަން ބޭނުންވާނެކަން ކަށަވަރެވެ.

ކިތަމެ ބައިވަރު ސުވާލެއް ހުރި ނަމަވެސް ކުޅުދުއްފުއްޓަށް އެއަރޕޯޓުގެ މުހިންމުކަން ބޮޑެވެ. އެކަމަކު އެއީ މުޅިން އެހެން މައުލޫއެކެވެ. މިފަހަރުގެ ސުވާލަކީ 2017 ވަނަ އަހަރު އެއަރޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފެށިދާނެތޯ ކުރެވޭ ސުވާލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355