މި ދުވަސްވަރު އެންމެ ގަދައަށް ކުޅުދުއްފުށީ ރައްޔިތުންގެ މެދުގައި ދެކެވެމުންދާ ވާހަކަ އަކީ ކުޅުދުއްފުށީ ކުޅީގެ ވާހަކަ އެވެ. އެކި މީހުންގެ ޝުއޫރުތައް ސްޓޭޓަސްތަކާއި، ޓްވީޓްތަކާއި، ފޮޓޯތަކާއި، ރިއެކްޝަންތަކާ، ކޮމެންޓްތަކާއި، ޅެންތަކުގެ ސިފައިގައިވެސް ދަނީ ފެންނަމުންނެވެ. ބަހުސް މައިގަނޑު ގޮތެއްގައި އޮންނަނީ ކުޅި ހިއްކުމާ ނުވަތަ ނުހިއްކުމާ ބެހޭގޮތުންނެވެ. ނޫނީ ކުޅިން ލިބޭ ފައިދާތައް ނުވަތަ އެއާޕޯޓުން ލިބޭ ފައިދާތަކާ ބެހޭގޮތުންނެވެ. ދެން ކޮންމެއަކަސް މިކަމާ ހުރެ އެހެން އެއްވެސް ކަމެއް ހަނދާންވެސް ނެތް ކަހަލަ އެވެ. މަގު ހެދުން ހުއްޓިފައި އޮތް އޮތުންވެސް ހަނދާން ނެތްހެން ހީވެ އެވެ. މި ދަނޑިވަޅުގައި މަގު ހެދުމަށް ގެންގުޅުނު ބައެއް ކަހަލަ މެޝިނަރީތައް ވެސް ބާލާއިފިޔޯލަ އެވެ. ހެޔޮކޮށްވިއްޔާ ދަނޑިވަޅުގެ ފައިދާ ނެގީ އެވެ.
ދެން މިހާރު މިއޮތީ މަހާ ޖައްރާފުވެސް ރަށަށް އައިއްސަ އެވެ. އެއާޕޯޓް އަޅާ ސަރަހައްދު ހިއްކާށެވެ. މަހާ ޖައްރާފުގެ ފުރަތަމަ ހިއްކާލުން ލިބިގެން މި ދަނީ ކުޅުދުއްފުއްޓަށެވެ. ނަމަވެސް މި ހިއްކާލުމަކީ ޔޫތު ސެންޓަރުގެ ބޮޑު މަގުގެ އިރުމަތިން ކުޅީގައި އޮންނަ ބައި ހިއްކާލި ހިއްކާލުން ފަދަ ހިއްކުމަކަށް ވެގެން ހިނގައްޖެނަމަ އެއީ އަދި ލިބިގެންދާނެ އެންމެ ބޮޑު ގެއްލުމަށްވާނެ ކަން ޔަޤީނެވެ. އޭރުން ދެ މީދާ ފެހި ބުޅަލަށް ވީ ވަރު ވެސް ނުވާނެ ތޯއްޗެ އެވެ. އެއީ ކުޅި ހިއްކުމަށްފަހު އެތަނުގައި ޖޭމު ދަނޑެއް ހެދިފައި އޮތުމަކުން އަދި ކަމަކު ނުދާނެ އެވެ.
މި ހިއްކާ ހިއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އެބަ ބޭނުންވާ ކަމަށްވެ އެވެ. ވަރަށް ދިގު މުއްދަތެކެވެ. 6 މަސް ދުވަހުން ހިއްކޭނެ ކަމުގައި ބުނި ކަމުގައިވިޔަސް ގިނަ ފަހަރަށް މިގޮތަށް މުއްދަތު ކަނޑައަޅާ ކަންކަމަކީ މިވީހާ ތަނަށް އެ ކަނޑައެޅި މުއްދަތުގެ ތެރޭގައިވެފައި ހުރި ކަންކަމެއް ނޫނެވެ. އެހެން ކަމުން އަންނަން އޮތް ރިޔާސީ އިންތިހާބަށް ޖަހާލާ ކަޑައަކަށް މިކަން ވެއްޖެނަމަ އަދި މުޅިއަކުން ފައްކަލެއް ނުވާނެ އެވެ. ކުޅި ހިއްކާ ނިމޭއިރު ދެން އޮންނާނީ ރައީސް އަކަށް އެ އަރާ ބޭފުޅަކު ދާދި ހޮވޭ ނުހޮވޭ ހިސާބުގަ އެވެ. ހޮވިއްޖެ ނަމަ އެއާޕޯޓް 2022 ގަ ފަށާ ގޮތަށްވެސް ބަދަލު ކޮށްލަފާނެ އެވެ. ނުހޮވިއްޖެނަމަ ކުޅި ހަލާކު ކޮށްލާފައި ހިއްކާ ބިން ދާއިމީ ވެލިގަނޑެއް ގޮތުގައި އޮތުންވެސް ހަމަ ދާދި ގާތެވެ.
ކުޅުދުއްފުށި – ފޮޓޯ: އައިވެލް
ދިވެހިރާއްޖޭގައި މި ވާ ގޮތަކީ އެއް ރައީސް އަކު ކުރަން ފަށާފައި ނިނިމި ހުރި ކަމެއް އަނެއް ރައީސް އަކު ކުރިއަށް ގެންދަން ނިކަން ޖެހިލުންވާނެ އެވެ. ދެން ހިއްކާލާގޮތަށް އަނެއް ފަސް އަހަރު ވަންދެން އެތާ އަދި ވެލިގަނޑެއް އޮތީމާ އެތަނުގައި ހުންނާނީ ނުނިމޭ ރޯ ހައުސްތަކާ އަހަރަކު އެއް ފަހަރު އޮންނަ މިއުޒިކު ޝޯއެކެވެ. މިހާރުވެސް ނުލާހިކު ބޮޑު ވެލިގަނޑެއް އެބަ އޮތެވެ. ދެން ނުހޮވިއްޖެނަމަ އަރާ ރައީސްއަކު ރުޅި އައިސްގެން އެކަހަލަ ކުޅިއެއް ހަދާދީފިއްޔާ ކިތަންމެހާވެސް ރަގަޅެވެ. އަޅުގަނޑު ވެސް ހަޤީޤަތެއް ނެތް ހުވަފެނެއް ބަލައިލީ އެވެ ؛-).
މިހާރު ދެން އަޅުގަނޑަށް ނިކަން ޔަޤީންވާ ގޮތުގައި ކުޅި ހިއްކުން ހުއްޓުވާލެވިދާނެ ހެނެއް ހިއެއް ނުވެ އެވެ. ކޮންމެވެސް ބަޔަކު ކުޅި ހިއްކިޔަ ނުދީ އެތާ އޮށޯވެ ތިބެއްޖެ ނަމަ ފަހަރެއްގައި ނުހިއްކާފާނެ އެވެ. އަޅުގަނޑުގެ ގޭ މަގުގައި ތާރު ގަނޑު ފަތުރާ ނުލެވުނީވެސް ބަޔަކު ހުރަހަށް މަގުގައި އޮށޯވެ ތިބީމަ އެވެ. އެހެންވީމާ ކުޅި ހިއްކަންވެސް ބޭނުން ނޫންނަމަ، މިހާރު ދެން އޮތް ގޮތަކީ ކުޅި ހިއްކަން ބޭނުންނުވާ މީހުން ކުޅީގައި ހުރަހަށް އޮށޯވެ ތިބުމެވެ.
މަހާ ޖައްރާފު އަދި ސަރުކާރުގެ ކިބައިން އެދޭ އެދުމެއް އެބަ އޮތެވެ. ހިއްކަން އައި ފަހަރު ރަށުގެ އިރުމަތި ފަރާތުންވެސް ހިއްކެން އޮތްބައި ހިއްކާލަ ދިނުމެވެ. އެއާޕޯޓް އަޅަން އީއައީއޭތައް ހެދިއިރު އެތާނގެ އީއައިއޭ ވެސް ހެދިހެން ހީވެ އެވެ. އެހެންވީމާ އިތުރު އީއައިއޭތައް ހަދަން އަހަރުތަކެއް ބޭނުމެއް ނުވާނެ ނޫން ހެއްޔެވެ. މަހާ ޖައްރާފު ފަދަ ބޮޑު އެއްޗެއް އަނެއްކާ ކުޅުދުއްފުއްޓަށް އުފުރާލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެންވީމާ މިކޮޅަށް އައި ފަހަރު ހިއްކަން ޖެހޭ ތަންތަން ހިއްކާލުމަކީ ނިކަން ބޮޑު އެދުމެކެވެ.
ނިންމާލުމުގެ ކުރިން އަޅުގަނޑުގެ ރައުޔު ސާފުނުވެ އޮތް ބޭފުޅުންނަށް އެކަން ސާފު ކޮށްލަދޭން ބޭނުމެވެ. އަޅުގަނޑަކީ މި ރަށުގައި އެއާޕޯޓެއް އޮންނަން ބޭނުން މީހެކެވެ. ހަނިމާދޫގައި އެއާޕޯޓެއް އެބަ އޮތޭ ކިޔާ ދަލީލު ދައްކާ މީހުންގެ ވާހަކައަކަށް އެއްވެސް ކަހަލަ ތާއީދެއް ނުކުރެވޭނެ އެވެ. ގިނަ ފަހަރަށް އެ ވާހަކަ ދައްކަނީ ހަނިމާދޫ ދަތުރުގެ ތަކުލީފު ނޭނގޭ މީހުންނެވެ. ދެން އޮތީ ކުޅީގެ ވާހަކަ އެވެ. މި ކުޅި އަކީ ރާއްޖޭގައިވެސް އޮތް ހަމައެކަނި ހުދު މަށި ކުޅި އެވެ. ހިއްކައިގެން އެއާޕޯޓް އެޅުމަކީ އަޅުގަނޑުވެސް އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. ބޭނުންވަނީ އެ ނޫން ގޮތެއް އޮތްތޯ އަދިވެސް ރަގަޅަށް ދިރާސާކޮށް އެ ނޫން ގޮތަކަށް އެއާޕޯޓް އެޅޭނަމަ އެގޮތަކަށް ކަންތައް ކޮށްދިނުމެވެ. މިއީ ސަރުކާރުގައި އަޅުގަނޑުމެން ދަންނަވާ ބޮޑުވަރެއްގެ އާދޭހެކެވެ. އަދި ދެ އަހަރު ތެރޭ ނުވެ އޮތްކަމުގައިވިޔަސް މަނިކުފާނު ފައިބައިވަޑައިގަތުމުގެ ކުރިން އެއާޕޯޓް އަޅާ ދޭންވާނެ އެވެ.