ނޮވެންބަރ މަހުގެ 12 ވަނަ ދުވަހަކީ ކުޅުދުއްފުށީ ރައްޔިތުންނަށް ބޮޑު ދުވަހެކެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު އޮންނަ ދުވަހެވެ. އެގޮތުން ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅިއަށް ވަދާއީ ސަލާން ކިޔަން ޖެހޭ ދުވަސް މިއޮތީ ވަރަށް ކައިރިވެފަ އެވެ.
އެފަދަ ހިތްގައިމު ތަނެއް ކުޅުދުއްފުށީގައި ދެން ނުފެންނާނެތީ ދެރަވެއެވެ. ދެން އެތަން ނުފެއްނާނެތީ އެތަން ބަލާލަންދާ މީހުންގެ އަދަދުވެސް މިދުވަސްވަރު ގިނަކަން ފާހަގަ ވެއެވެ.
މިދުވަސްވަރު ކުޅުދުއްފުށީ ރައްޔިތުން ހަވީރު ފިންޏަށް ދުއްވާލާކަށެއް ނުދެއެވެ. އޭގެ ބަދަލުގައި ދަނީ ކުޅިއަށް ގޮސް ކެނޯ ދުއްވާލަން ނޫނީ ނަލަހެދިލައިގެން ކުޅިއަށް ފޮޓޯ ނަގަން ނޫނީ ކުޅިން މަށިނަގައިގެން ގައިގަ ހާކައިގެން ކުޅީގައި ހިނގާށެވެ. އޭގެ ތެރޭގައި އަލަށް ކުޅިއަށް އެރޭ މީހުން ގިނަވާނެ އެވެ. އެއީ ކުރިން އެތަން ގެއްލިދާނެ ކަމުގެ ބިރު ހީވެފައި ނެތުމުންނެވެ. އެކަމަކު މިހާރު އެއާޕޯޓްގެ އަޑު ގަދަވުމުގެ ސަބަބުން އެތަން އެންމެ ފަހު ކަމަކަށް ބަލާލުން އެންމެނަށް މިވަނީ މަޖުބޫރުވެފައި އެވެ.
ކުޅުދުއްފުށީ ކުޅީގައި ބަޔަކު ކެނޯ ދުއްވަނީ، ފަހަކަށް އައިސް ގިނަ ބަޔަކު ކުޅިއަށްދަނީ ޒިޔާރަތްކުރަމުން–
އެހެންކަމުން ކުޅިއަށް ކެނޯ ދުއްވާލަށް ދިޔަ އަހުމަދުގެ ބަހެއް ހޯދާލީމެވެ. އަހުމަދު ބުނިގޮތުގައި ރަށުގަ އެކަހަލަ ތަނެއް އޮތަސް ކުޅިއަށް އެރި ބަލާލާކަށް ނުދެވޭ ކަމަށާއި ކުރިއަށް އޮތްތާ އެތަން ނުފެނިދާނެތީ ކުޅި ބަލާލަން ޝައުގުވެރިކަން އުފެދުނީ ކަމަށެވެ.
އަދި އެތަނަކީ ހިއްކާ ވަރަށްވުރެ ރީތި ތަނެއް ކަމަށާއި ކުޅި ބޭރުން ބަލާލުމާއި ކުޅިއަށް އެރި އުޅުނީމަ އެކުރެވޭ އިހުސާސް ތަފާތުކަމަށް ބުންޏެވެ.
“އެއީ ހިއްކާ ކަހަލަ ތަނެއް ނޫން، ވަރަށް ރީތި ތަނެއް . ބޭރުން ބަލާލާއިރު އޮންނަ ގޮތަކަށް ނޫން އެތެރެއިން އެހެން ދުއްވާލާއިރު ފެންނަނީ، އެއަށްވުރެ މާ ރީތި.” އަހުމަދު ކިޔައިދިނެވެ.
ކުޅިއަށް ގޮސް ބަޔަކު މަށިލައގެން، ގިނަ ބަޔަކު ދަނީ ކުޅިއަށް ޒިޔާރަތްކުރަމުން–
ކެނޯ ދުއްވާލަން ދިޔަ އިތުރު މީހަކާވެސް ވާހަކަ ދައްކާލީމެވެ. އައިވެލް ޕޯޓްރެއިޓްގެ ފޮޓޯގުރާފަރެއް ކަމަށްވާ ނަވާޒް އައްސަދު ބުނިގޮތުގައި ކުޅީގަ ކެނޯ ދުއްވާލަން ދިޔައީ އަލަށެވެ. އެކަމަކު ކުރިންވެސް އެކިފަހަރުމަތިން ކުޅިއަށް އެރެވިފައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އޭނާއަށް ކުރިން ހީކުރެވިފައި އޮތީ ކުޅިއަކީ ތިލަ ތަނެއްކަމުން ކުޅީގަ ކެނޯ ނުދުއްވޭނެ ކަމަށެވެ.
“ކުރިއަކުން ނޭނގޭ އެތާ ކެނޯ ދުއްވޭ ކަމެއް، އެއަށްވުރެ ތިލަކަމަށް ހީކުރީ. ކުޑަކޮށް ޗަކަކޮށް އޮތަސް ކެނޯ ދުއްވޭ.”
އަދި ރަށުގައި ކެނޯ އޮންނަ މީހުން އަތުގަ އޮންނަ ކެނޯތަކުގެ ޑިމާންޑް މިދުވަސްކޮޅު ވަރަށް ބޮޑުކަން ނަވާޒް ފާހަގަކުރިއެވެ.
ކުޑަކުދިންތަކެއް ކުޅިއަށް އެރި މަށިލާ، މަޖާކުރަނީ–
ކުޅިއަކީ މިހާރުވެސް ގިނަ އަންހެނުންތަކެއް އާއްމުދަނީ ހޯދުމަށް ރޯނުވެށުމަށް ބޭނުންކުރާ ބޮނބިފާ ކުރުމަށް ބޭނުންކުރާ ތަނެކެވެ. ދުވަސްވީ ނުވަތަ މެދުއުމުރުން މައްޗަށް ގޮސްފައި ތިބޭ 300 އެއްހާ އަންހެނުން ރޯނުވެށުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ އެމީހުންނަށް ލިބޭ އާންމުދަނީ އިތުރުކުރުމަށެެވެ.
ސުނާމީ އާއި މޫސުމީ ވިއްސާރައިން ރަށުގެ ފެންބޮޑުވުމުގެ ހާލަތުން ސަލާމަތްކޮށް ރައްކާތެރިކޮށްދޭ މި މުހިންމު ތަނުގައި ތަފާތު ދޫނި ސޫފާ ސޫއްޕާއި އައި. ޔޫ. ސީ. އެން ގެ ނެތި ހިނގައިދާނެކަމުގެ ބިރު ފާހަގަކުރާ ރަތް ލިސްޓުގައި ހިމެނޭ 8 ގަހުގެ ބާވަތެއްވެސް މިކުޅީގައި ހިމެނެއެވެ.