އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް އޭޖެންޓް ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވިގޮތުގައި މި ކުންފުންޏަކީ ރާއްޖޭގެ ގިނަ ރަށްތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށާއި ފެނަކަ މެދުވެރިކޮށް ބީއެމްއެލްގެ ގިނަ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތް ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ.
ކޭޝް އޭޖެންޓުންގެ ހިދުމަތުކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލުން ފަށާފައިވާ ހިދުމަތެއް ކަމަށްވާއިރު 2014 ވަނަ އަހަރު ތައާރަފްކުރި އެ ހިދުމަތުގެ ދަށުން ބޭންކްގެ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން އަތޮޅުތަކުގައި ހިދުމަތް ދެމުންދެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑުރޫ ހީލީ ވިދާޅުވީ ގޮތުގައި ބީއެމްއެލްގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދި މި އެއްބަސްވުމުގެ ދަށުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދޭ 116 ރަށަކުން ފައިސާ ނެގުމުގެ ހިދުމަތް ބީއެމްއެލްގެ ކަސްޓަމަރުންނަށް ދެވިގެންދާނެ ކަމަށް ހީލީ ވިދާޅުވި އެވެ.