twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަސްތުވާތަކެތި – މުޖުތަމައުގެ ހަލާކު: މަސްތުވާތަކެއްޗާއި ދުރު ދަރިއެއް ބޮޑުކުރާނީ ކިހިނެއް؟

Feb 20, 2011

އިބްރާހީމް ޔޫސުފް (ޔޫސުފް)

މަސްތުވާތަކެތި މިހާ ތިޔާގި ރާއްޖެއެއްގައި، އޭގެ އަވާގައި ދަރިފުޅު ޖެހިދާނެތީ ވަރަށް ސަމާލުވާން ޖެހެއެވެ. މިކަމަށް މައިން ބަފައިން ދުރާލައި މަސައްކަތް ފަށަންޖެހެއެވެ.

ދަރިން ތަރުބިއްޔަތުކުރުމުގެ މަގުސަދު ހާސިލްކުރުމަށް، ދަރިންނާއެކު ވަރުގަދަ، އިތުބާރުކުރެވޭ ގުޅުމެއް ގާއިމުކުރުމަށް ސަމާލުކަންދޭށެވެ. ދަރިފުޅާއި އަޅާލާކަން އަމަލާއި ބަހުން ދައްކާށެވެ. ދަރިފުޅުގެ ކިބައިގައި އަމިއްލަ ނަފުސަށް އިތުބާރު އުފައްދައި، ނިންމުންތައް ނިންމުމުގެ ހުނަރާއި މައްސަލަ ހައްލުކުރުމުގެ ހުނަރު ތަރައްގީކުރުވާށެވެ.

ހަށިގަނޑަށް ރަނގަޅު ކަންކަމާއި އެއްޗެއްސާއި، ހަށިގަނޑަށް ގެއްލުން ލިބޭ ކަންކަމާއި އެއްޗެއްސާއިމެދު ދަރިފުޅާއި ވާހަކަދައްކާ މަޝްވަރާކުރާށެވެ. ދަރިފުޅަށް އެންމެ މީރު ކާބޯތަކެތީގެ ތެރެއިން ޞިއްޙަތަށް އެންމެ ފައިދާހުރި އެއްޗިއްސާއި ގޭތެރޭގެ މާހައުލުން ފެންނަންހުންނަ، ޞިއްޙަތަށް ގެއްލުންހުރި ތަކެތި ފާހަގަކޮށް، ދަރިފުޅަށް ބުނެދޭށެވެ.

ޑަކްޓަރު ބޭސް ސިޓީގައި ލިޔަނީ ‘ޑްރަގްސް’ ކަމާއި އެއީ ބަލިމީހުންނަށް ޝިފާއެއް ކަމަށް ވިޔަސް އެހެން މީހުންނަށް އެއީ ނުރައްކާތެރި އެއްޗެއްކަން ދަރިފުޅަށް ބުނެދޭށެވެ.

ބަނގުރަލާއި، ދުންފަތާއި، ޑްރަގަކީ ކޯޗެއްކަން ދަރިފުޅަށް ވަރަށް ސާފުކޮށް ބުނެދޭށެވެ. އަދި އެ އެއްޗެތި އިސްތިޢުމާލްކުރުމުން ހަށިގަނޑުގެ މަސައްކަތަށް އަންނާނެ ބަދަލުތައް ދަރިފުޅަށް ކިޔައިދޭށެވެ. އަދި ދިގު މުއްދަތަކަށް ހަށިގަނޑަށް ލިބޭނެ ގެއްލުންތައް ދަރިފުޅަށް ބުނެދޭށެވެ.

ދެވިހިފުމޭ ކިޔަނީ ކިހިނެއްވީމާ ކަމާއި، އެއީ ސަލާމަތްވާން ވަރަށް އުނދަގޫ ކަމެއްކަން ދަރިފުޅަށް ބުނެދޭށެވެ.

ދަރިފުޅާއިއެކު އިށީންނާށެވެ. އެއަށްފަހު، ދަރިފުޅުގެ ރަޙްމަތްތެރިން އޭނާއަށް ޑްރަގް ތަޢާރަފްކޮށްފާނެ ހާލަތްތަކެއް، ލިސްޓްކޮށްލާށެވެ. އަދި އެފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ، ރަޙްމަތްތެރިންގެ އެދުމަށް ނޫނެކޭ ބުނެވިދާނެ ގޮތްތައް ދަރިފުޅާއެކު ފަރިތަކުރާށެވެ.

ދަރިފުޅުގެ ރަހްމަތްތެރިންނާއި އެކުދިން ޝައުގުވެރިވާ ކަންކަން ދެނެގަންނާށެވެ. އަދި ދަރިފުޅުގެ ރަޙްމަތްތެރިންގެ މައިން ބަފައިންވެސް ދަސްކުރާށެވެ.

މަސްތުވާތަކެއްޗާއި ގުޅިގެން ދެކެވޭ ދޮގުވާހަކަތަކާއި، ތެދު ޙަގީގަތް ބުނެދޭށެވެ. މިސާލަކަށް، ގަންޖާއަކީ ގަހެއްގެ ފަތުން އުފައްދާ އެއްޗެއްވީމާ އެއިން އެއްވެސް ގެއްލުމެއް ނުލިބޭނެޔޭ ދަރިފުޅަށް ވިސްނިފައި ނޫނީ ރަޙްމަތްތެރިން ވިސްނައިދީފައި އޮވެދާނެއެވެ.

ދަރިފުޅު އޭނާގެ ހަށިގަނޑަށް ފައިދާހުރި ކޮންމެ ކަމެއް ކުރަން ނިންމާ ހިނދު އޭނާއަށް ހިތްވަރުދީ ތަޢުރީފުކުރާށެވެ. އަދި ދަރިފުޅަށް ނަމޫނާއަކަށް ވާށެވެ. މަސްތުވާ މީހުންނަށް ދީނުގައި ހުރި ގަދަފަދަ އަޒާބު ދަރިފުޅަށް ބުނެދޭށެވެ.



Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355