twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާއިރު ރައީސްއަށް ރިކުއެސްޓް ކޮޅެއް

Nov 10, 2017

ހދ ކުޅުދުއްފުއްޓަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާތީ ކުޅުދުއްފުށި ދަނީ ނުލާހިކު ބޮޑަށް އެކަމަށް ތައްޔާރުވަމުންނެވެ. މަގުތަކުން ހިރަފުސް ފޮޅާ މީހުން ހިރަފުސް ފޮޅަނީ އެވެ. މަހާ ޖައްރާފަށް ފަރިވަޅު ލާ މީހުން ކައްކަނީ އެވެ. ފަރިވަޅު ހިފައިގެން މަހާ ޖައްރާފަށް ދާ މީހުން ހިނގަން ފަރިތަކުރަނީ އެވެ. ޖަލްސާތަކަށް މާލަންތައް ތައްޔާރު ކުރާ މީހުން އެކަންވެސް ކުރަނީ އެވެ. ޕާޓީ ތަކަށް ސޮއި ކުރާ މީހުން ސޮއި ކުރަނީ އެވެ. ބާބަކިއު ހަދާ މީހުން ބާބަކިއު ހަދަނީ އެވެ. މި ދަނޑިވަޅުގެ ފައިދާ ލިބިގަންނަ މީހުން އުދުހެނީ އެވެ. ދެންވެސް ތިބި މީހުން ކުރެވުން ކަމެއް ވިއްޔާ ކުރަނީ އެވެ.

މި ދަނޑިވަޅު އަޅުގަނޑަށް ހަރަކާތް ހިނގާލެވުނީ އަޅުގަނޑުގެ ކީބޯޑަށެވެ. ސަބަބަކީ ރައީސް އަންނަންވާއިރަށް ތައްޔާރު ކުރަން ފެށި ފަސް ރިސޯޓްގެ މަސައްކަތުގެ ހަބަރެއް ނެތީމަ އެވެ. އެ ރިސޯޓްތައް މަތީގައި ބަޔާންވެދިޔަ ގުރޫޕްތައް ތައްޔާރުވީހެން ތައްޔާރުވެފައި ނުވާތީ އެވެ. އެ ރިސޯޓްތަކުން ލިބެނޭކަމަށް ރައީސް ވިދާޅުވި 8000 ވަޒީފާގެ އެއްވެސް ކަހަލަ ހިލަމެއްވެސް ވެފައި ނުވާތީ އެވެ. ރައީސް ވައުދުވީ ހެން އެ ރިސޯޓްތައް ހުޅުވި ބޮޑު ތިލަދުންމައްޗަށް ލިބޭނެ ކަމަށް ވިދާޅުވި އެއްވެސް އާރޯ ކަމެއްގެ އެއްވެސް އަސަރެއް ފެނިފައި ނެތީމަ އެވެ. އަދި ރައީސް ވައުދުވީ ފަދައިން އެކަމުގެ ސަބަބުން މާލޭ ސަރަހައްދަށް ދާ ދިއުން އެއްވެސް ވަރަކަށް  މަދުވެފައި ނެތީމަ އެވެ. މި ވާހަކަތައް ރައީސް ދައްކަވާފައިވަނީ ސަރުކާރަށް އެއް އަހަރު ފުރިގެން ބޭއްވުނު ޖަލްސާގެ ތެރެއިންނެވެ.

ކުޅުދުއްފުށީ ސަރަހައްދުން ރިސޯޓް ހެދުމަށް ދޫކުރި ފަސް ރަށް ހުޅުވިގެންދާއިރު 8000 ވަޒީފާ އުފެދޭނެ: ރައީސް

މީގެ ތިން އަހަރު ކުރިން ސަރުކާރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އިއުލާންކުރެވުނީ ހދ. ދިއްޕަރުފުއްޓާއި ކަނަމަނައިގެ އިތުރުން ކުޑަފަރުފަސްގަނޑާއި ހދ އަތޮޅުގައި އޮންނަ ޖޮގްރަފިކް ފަޅެއް ކަމަށްވާ ކުޑަފަރުފަސްގަނޑުގެ އިތުރުން ށ. ބޮލިއްސަފަރު އެވެ. އިއުލާނު ކުރިތާ 4 މަސް ދުވަސް ފަހުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑެޕިއުޓީ ޓޫރިޒަމް މިނިސްޓަރ ހަސަން ލިރާރް ވަނީ އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ހާމަ ކޮށްފަ އެވެ.  ނަމަވެސް އަދިވެސް އެކަމަށް ގޮތެއް ނިމުނު ހެނެއް ހިއެއް ނުވެ އެވެ. ފަހަރެއްގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު މިހާރު ގޮޅީގައި ހުރީމައި ކަމަށްވެސް ވެދާނެ އެވެ.

ރައީސް ކުޅުދުއްފުއްޓަށް އައިސް ގިނަ ޖަލްސާތައް ބޭއްވުމަކީ އަޅުގަނޑުމެންވެސް ނުހަނު ބޭނުންވާ ކަމެކެވެ. އެކަމުން އަޅުގަނޑުމެންގެ ރަށަށް އިތުރު މީހުންތަކެއް އެރުމާއެކު ރަށުތެރެއަށް އިތުރު ފައިސާތައް ވަދެގެންދެ އެވެ. ގެސްޓް ހައުސްތައް ފުރި ފިހާރަތަކުގެ ވިޔަފާރިވެސް ރަގަޅުވެގެން ދެއެވެ. ނަމަވެސް ވަގުތީ ފައިދާއަށްވުރެ އަޅުގަނޑުމެން ބޭނުންވަނީ ދާއިމީ ފައިދާ އެވެ. އުމްރާނީ ތަރައްޤީ އެވެ. އުމްރާނީ ތަރައްޤީ އަންނާނީ ވެފައިހުރި ވައުދުތައް ފުއްދުމުންނެވެ. ހަމައެކަނި ޖަލްސާތަކާ ކަޑަތަކުން އަޅުގަނޑުމެންނަކަށް އުދުހިގަނެވޭކަށް ނެތެވެ. އުދުހި ގަންނަން ރަގަޅު ފެންވަރުގެ އެއާޕޯޓަކާއި، ފުލައިޓްތަކާ އަދި ޖީބުގައި ހެޔޮވަރަށް ފައިސާވެސް އެބަ ހުންނަން ޖެހެއެވެ.

މިއީ އަޅުގަނޑުމެންގެ ޝަކުވާތަކެވެ. އަޅުގަނޑުމެންގެ ޝަކުވާތަކަކީ މަނިކުފާނަށް ހުށަހެޅޭ އަޅުގަނޑުމެންގެ އެދުންތަކެކެވެ. ރިކުއެސްޓް ތަކެކެވެ. އަޅުގަނޑުމެންގެ ރިކުއެސްޓްތަކަށް ބީރު ކަންފަތެއް ދޭނަމަ އަޅުގަނޑުމެންނަށް މަނިކުފާނުގެ ބޭނުންފުޅެއް ނެތެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުން މަނިކުފާނަށް ރިކުއެސްޓް ކުރަން ޖެހެނީ ކުރުކޮށް ފޮނިކޮށެވެ. މަނިކުފާނަށް ހުށަހަޅޭ ރިކުއެސްޓް ތަކަކީ ކުރުކޮށް ފޮނިކޮށް ހުށަހަޅަން ޖެހޭ ރިކުއެސްޓްއަކަށް ވިޔަސް މި ލިޔުންވެސް ތަންކޮޅެއް ދިގުވެއްޖެ އެވެ.

ކުރުކޮށް ބަލާލަންޏާ މި ޕެރަގުރާފް ކިޔާލާށެވެ. އަޅުގަނޑުމެން ބޭނުންވަނީ އަތޮޅުގައި ހަދަން ފަށާފަހުރި ރިސޯޓްތައް “އަވަހަށް” ނިންމާ އޮޕަރޭޝަނަލް ވާށެވެ. އަދި ހަދަން އިއުލާނުކުރި ފަސް ރަށް ވެސް “އަވަހަށް” ނިންމާށެވެ. އަދި އަޅައިދޭން ބުނި އެއާޕޯޓްވެސް ރަގަޅު ފެންވަރަކަށް “އަވަހަށް” ހަދައިދޭށެވެ. އަދި އެންއައިއައިއާ ހަވާލުކުރި ހޮސްޕިޓަލްއިން ދޭން ބުނި ހިދުމަތްތައް ވެސް އެއްބަސް ވެވުނު ޓައިމްލައިންއާ އެއްގޮތަށް ލިބިގެން ދާށެވެ. އަދި ހަދަން ފަށާފަ ހުރި މަގުތައްވެސް “އަވަހަށް” ނިންމާ އިތުރު މަގުތަކެއް ވެސް ހަދައިދުނުމެވެ. އޭރުން ވޯޓްވެސް ދޭނަމެވެ. އަތްވެސް ރަތްވެ ދިލަ އަރަންދެން ޖަހާނަމެވެ. ޝުކުރިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355