twitterviber whatsapp telegramfacebookyoutube instagram
17th July 2019

މަސްތުވާތަކެތި – މުޖުތަމައުގެ ހަލާކު: މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައި

Feb 21, 2011

މުހައްމަދު އިސްމާއީލް

2005 ވަނަ އަހަރު އީޕީއެސް ސްކޫލުގައި ބޭއްވި އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާގައި ހދ އަތޮޅު “އަތޮޅުވެރިއެއްގެ” ހައިސިއްޔަތުން އަޅުގަނޑު ބައިވެރިވީމެވެ. އެއަހަރު ބޭއްވި މަހާސިންތާގައި މަޝްވަރާ ކުރެވުނީ މަސްތުވާތަކެއްޗާއި ޒުވާނުން މި މައުޟޫއަށެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ބޭއްވި މި މަހާސިންތާގައި ބައިވެރިން ހުށައެޅި ކަރުދާސްތަކުން އެދުވަސްވަރު ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ވަޒަންކުރެވުނެވެ.

2005 ވަނަ އަހަރު ހދ އަތޮޅު ހިމެނިގެންދިޔައީ ރާއްޖޭގެ އެހެން އަތޮޅުތަކާއި އަޅާބަލާއިރު ނިސްބަތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދު އަތޮޅު ތަކުގެ ތެރޭގައެވެ. ކުޅުދުއްފުށި ފަދަ ބައިބޯ ރަށެއްގައި މަސްތުވާތަކެތި ބޭނުން ކުރާމީހުން މަދުކަމަށް އެދުވަސްވަރުގެ ހިސާބުތަކުން ދައްކައެވެ. އަޅުގަނޑު އެމަހާސިންތާގައި ހދ އަތޮޅު ތަމްސީލު ކުރަމުންދިޔައީ ފަޚްރުވެރިވާ ހާލުގައެވެ.

2005 ވަނަ އަހަރު ބޭއްވުނު މަހާސިންތާއަށް ހުށައެޅި ކަރުދާސްތަކުގައި މަސްތުވާތަކެތީގެ ހާލަތު ހުރިނެތް ގޮތާއި އެވަބާއިން ހދ އަތޮޅުގެ ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، އެތަކެތީގެ ވިޔަފާރި ކުރާމީހުންގެ ކިބައިން ސަލާމަތް ވެވިދާނެ ގޮތްތައް ބަޔާންކޮށް ރިޕޯޓެއް ތައްޔާރު ކުރީމެވެ. އެރިޕޯޓުތައް ކަމާބެހޭ މުއައްސަސާ ތަކަށް ފޮނުވާނެ ވާހަކަ އޭރު އެސްކޫލުގެ ވެރިން ބުނަމުން ދިޔައެވެ.

2011 ވަނަ އަހަރުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުންދާއިރު، ހިތާމަކުރަން މިވަނީ ޖެހިފައެވެ. އަމިއްލަ ރަށުގެ ހާލަތާއި މެދު އެއްއިރެއްގައި ފަޚްރުވެރި ވިޔަސް މިއަދު މިވަނީ މަންޒަރު ބަދަލުވެ ހާލަތު ބަދަލުވެފައެވެ. ކުޅުދުއްފުށްޓަކީ އެއްއިރެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދު ރަށެއް ނަމަވެސް މިއަދު ކުޅުދުއްފުއްޓަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށް އެތަކެތި ބޭނުންކުރާ މީހުން އިތުރުވަމުން އަންނަ ރަށެކެވެ.

2009 ވަނަ އަހަރު މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ޖުމްލަ 06 މައްސަލައެއް ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާއިރު، ހުސްވި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ 04 މައްސަލައެއް ހުށަހެޅިފައިވާކަމަށް ކުޑަކުދިންނާބެހޭ ކޯޓުން މައުލޫމާތު ދީފައިވެއެވެ. ދާދި މިދާކަށްދުވަހު ލ އަތޮޅުގައި ބަނގުރާ އުފައްދާ ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު ކުޑަކުއްޖަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މާލެ އާއި އަތޮޅުތެރޭގައިވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގަޔާއި އެތަކެތި ބޭނުންކުރުމުގައި ކުޑަކުދިންވެސް ބައިވެރިވާކަމީ ގައުމުގެ ކުރިމަގާމެދު ސުވާލު އުފެދޭ ކަމެކެވެ.

2011 ވަނަ އަހަރު އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު ކުޅުދުއްފުށީގެ މަސްތުވާތަކެތީގެ ހާލަތު އަލުން ދިރާސާކޮށް މިވަގުތު އަޅަން ހުރި ފިޔަވަޅުތައް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މިކަމުގައި ފަރުދީ ޒިންމާއާއި މުޖްތަމައުގެ ޒިންމާ ފާހަގަކުރަމެވެ. ފަރުދީ ގޮތުން ކޮންމެ ރައްޔިތަކުމެ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވިސްނަންޖެހެއެވެ. ތިމާގެ ދަރިފުޅު ތިމާއަށް ދޮންފުތު ނުވެ އަމިއްލަ ދަރިފުޅުވިޔަސް ކުށެއް ކޮށްފިއްޔާ އެކަން ޤަބޫލުކޮށް އެކުދިންނަށް ނަސޭހަތްތެރިވެ އަދަބު ދިނުމަކީ ކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރު ހެޔޮމަގަށް އެޅުވުމަށް ކުރެވިދާނެކަމެކެވެ. އިސްލާމީ ތަރުބިއްޔަތުން ދަރީން ތަރުބިއްޔަތުކޮށް، ދަރީންނަށް އެކުވެރިން ހޯދުމުގައި މައިންބަފައިންނަށް އަދާކުރެވިދާނެ ދައުރު ދެނެގަނެ އެގޮތުގެ މައްޗަށް ޢަމަލު ކުޅައުމަކީ ވަރަށް މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355