ފާއިތުވި އޮކްޓޫބަރު މަހު މީރާއަށް 983.5 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ.
މި އަދަދާއެކު މި އަހަރުގެ މިހާތަނަށް މީރާއަށް ބަލައިގަތް އާމްދަނީގެ ޖުމުލަ ވަނީ 12.89 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު 10.7 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
އަދި މިއީ 2017 އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %4 އިތުރު އަދަދެއްކަމަށާއި މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި މި އަހަރުގެ ހަތަރުވަނަ ކުއާޓަރ (އޮކްޓޫބަރު 2017) އާ ދިމާވާތީ ކަމަށްވެސް މިރާއިން މައުލޫމާތު ދެއެވެ.
ވޭތުވެދިޔަ މަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ އޮކްޓޫބަރު މަހު ލިބުނު ޖުމުލަ އާމްދަނީގެ %54.9 ނުވަތަ 539.5 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (%13.1 ނުވަތަ 128.5 މިލިއަން ރުފިޔާ) އިންނެވެ. މީގެ އިތުރުން، ބިޒްނަސް ޕްރޮފިޓް ޓެކްސް (%8.0 ނުވަތަ 78.5 މިލިއަން ރުފިޔާ)، ގްރީން ޓެކްސް (%5.5 ނުވަތަ 53.9 މިލިއަން ރުފިޔާ)، އެއަރޕޯޓު ސަރވިސް ޗާޖް އިން (%4.6 ނުވަތަ 45.5 މިލިއަން ރުފިޔާ) އަދި އެހެނިހެން ޓެކުހާއި ފީ (137.6 މިލިއަން ރުފިޔާ ނުވަތަ %14.0) ހިމެނެއެވެ.
އޮކްޓޫބަރު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.