ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އައު އަދި އެހާމެ ކުލަގަދަ އިވެންޓެއް އުރީދޫ ކަލަރ ރަންގެ ނަމުގައި އުރީދޫ އިން ތައާރަފްކޮށްފިއެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދުވުންތެރިންގެ އަދަދު ދަނީ އިތުރުވަމުން ކަމަށާއި ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވެފައި މި ކަމަށް އިތުރު ހިއްވަރެއް ދިނުމުގެ ގޮތުން މި ރަންއަކީ މި ދާއިރާ އަށް މުޅިން އައު އަދި ތަފާތު އިވެންޓެއް ކަމަށެވެ.
ތަފާތު ސްޕޯޓްސް އާއި އެކު ކުރިއަށްގެންދާ މި ދުވުން ބޭއްވިގެންދާނީ 2 ޑިސެމްބަރ ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި އުރީދޫ ކަލަރ ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އަދި ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އިވެންޓެއް ކަމަށާއު މި ދުވުމުގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ ކަމަށެވެ.
7 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް އެއްވެސް ފީ އަކާ ނުލާ ބައިވެރިވެވޭއިރު މި ދުވުމުގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތަށް ހިމެނޭ ކިޓެއްވެސް ގަންނަން ލިބޭނެ އެވެ. އަދި މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އޭގެ އިތުރުން ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވުމަށްފަހު މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައި ކަމަށާއި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް މަގުފަހިކޮށްދެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އަދި ދުވުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ފޯރުކޮށްދެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.