twitterviber whatsapp telegramfacebookyoutube instagram
19th April 2024

24 ގަޑިއިރު ޑޮކްޓަރުން ނެތި، ކުޅުދުއްފުށީ ހޮސްޕިޓަލް 35 އަހަރު ފަހަތަށް !

Dec 10, 2017

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އާބާދީ ބޮޑު ހަމައެކަނި އެ ރަށުގެ ރައްޔިތުންގެ ހޮސްޕިޓަލެއް ނޫނެވެ. އެންމެ އާބާދީ ގިނަ ތިން އަތޮޅު ކަމަށްވާ، ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުން ޖަމާވެ، ގިނަ ހިދުމަތްތަކެއް ހޯދާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަކީ މާލޭގައި ހުންނަ އައިޖީއެމްއެޗް ހޮސްޕިޓަލް ނަގާފައި ދެން އެންމެ ގިނައިން ފަރުވާ ހޯދަމުންދާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން ގިނަވުމަކީ ސަރުކާރުން ވެސް ހޮސްޕިޓަލަށް އިސްކަންދިން އެންމެ ބޮޑު ސަބަބެވެ.

ގިނަ އަހަރުތަކެއްވެފައި އެ ހޮސްޕިޓަލަކީ އަތޮޅުތަކުގެ ތެރޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ހެދުމަށް ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެންމެ އެދެވޭ ހިދުމަތް ނުލިބު ނަމަވެސް، އެ ހޮސްޕިޓަލަކީ ވަސީލަތްތައް މަދު ހޮސްޕިޓަލެއް ނޫނެވެ. ޑޮކްޓަރުން ވެސް ގިނައިން ހަރަކާތްތެރިވާ ހޮސްޕިޓަލެކެވެ. އެކަމަކު އެއަށްވުރެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް ދޫކޮށްލީ އަމިއްލަ ކުންފުންޏެއްގެ އަތް މައްޗަށެވެ.

އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލް ނިމްސް ހިންގަމުންދާ ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި)އާ އެވެ. ގިނަ އުއްމީދުތަކެއް ކުރެވުނެވެ. އުތުރުގެ ރައްޔިތުންގެ ހިތްތައް ފުރުނެވެ. ގިނަ ތަރައްގީ ގެންނާނެ ކަމުގެ ވައުދުތައްވި އެވެ. އެކަމަކު މިހާރު އެކަން ފުރިހަމަ ނުވެ މި އޮތީ މާޒީގެ ތެރެއަށް ހޮސްޕިޓަލް ސޮއްސާލާފަ އެވެ.

ހެލްތް މިނިސްޓަރ ނާޒިމް ކުޅުދުއްފުށީ ހޮސްޕިޓާ އެންއައިއައި އާ ހަވާލުކުރަނީ–

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އަބަދުވެސް ޑޮކްޓަރުން ތިބޭ ހޮސްޕިޓަލެކެވެ. ނަމަވެސް މިހާރު އެކަން ވެސް ވަނީ ބަދަލުވެފަ އެވެ. ފެންވަރުވީ ދަށެވެ. ސައްވީސް ގަޑިއިރު ޑޮކްޓަރުން ތިބޭ ހޮސްޕިޓަލެކޭ މިހާރު ބުނެވޭކަށް ނެތެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިހާރު ޑޮކްޓަރުން ބަލި މީހުން ބަލަން ތިބެނީ، ހެނދުނު އަށަކުން ހަވީރު ހަތަރަކާ ހަމައަށެވެ. ޑޮކްޓަރުން ތިބީ ހެނދުނު ޑިއުޓީއަށް ނެރޭ ވަރަށެވެ. ހަވީރާއި ރޭގަނޑު، ހުންނަނީ މެޑިކަލް އޮފިސަރެކެވެ. އެވެސް އެންމެ އޮފިސަރެކެވެ. މީގެކުރިން އޯޕީޑީ އާއި އެމެޖެންސީ ވޯޑްގައި ވަކިން މެޑިކަލް އޮފިސަރުން ތިބެ އެވެ. ހަވީރާއި ރޭގަނޑު ހުންނަ މެޑިކަލް އޮފިސަރަކީ ހެނދުނު ވެސް މަސައްކަތް ކުރާ އޮފިސަރެކެވެ. އޯޕީޑީ އާއި އެމެޖެންސީ ވޯޑް ދެތަން ވެސް ބަލަނީ އެ މެޑިކަލް އޮފިސަރެވެ. ބައެއް ވަގުތުތަކުގައި ބްރޭކް ނަގާތީ، އެއްވެސް ޑޮކްޓަރެއް ހޮސްޕިޓަލްގައި ނެތް ވަގުތުތައް ވެސް އާދެ އެވެ. މިއީ މީގެ ކުރިން އެ ހޮސްޕިޓަލް އޮތް ހާލަތެއް ނޫނެވެ. ޑޮކްޓަރުންގެ ޝަކުވާ އާއި ކަންބޮވުންތައް ވެސް މިކަމާ ވަނީ ބޮޑުވެފަ އެވެ

މިވަރުން ނިމުނީއެއް ނޫނެވެ. ހޮސްޕިޓަލްގައި މި ވަގުތު ސްކޭން ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރަކު ނެތުމުގެ ސަބަބުން ވިއްސުމުގެ ކަންކަމަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. ވިހެއުމަށްފަހު ނުވަތަ ސިޒޭރިއަން ހެދުމަށް ފަހު ކުޑައްކުޖާގެ ހާލަތު ބަލާނެ ކުޑަކުދިންގެ ޑޮކްޓަރެއް ވެސް ނެތެވެ. މީގެ އިތުރުން އެޑްމިޓް ކޮށްފައި ތިބި ބައެއް ބަލި މީހުން ޑިސްޗާޖް ކުރުމަށްފަހު ޑިސްޗާޖް ފޯމުގައި ސޮއި ކުރާނެ ޑޮކްޓަރަކު ނެތުމުގެ ސަބަބުން ގެއަށް ނުދެވި ގިނައިރުތަކެއް ވަންދެން ހޮސްޕިޓަލުގައި މަޑުކުރަން ވެސް ޖެހޭ ހާލަތަށް ކަންކަން ވަނީ ގޮސްފަ އެވެ

ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވީ މިވަގުތު ޑޮކްޓަރުންގެ ދަތިކަން ދިމާވެގެން އުޅެނީ ޑޮކްޓަރުން ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި ކުރިން ތިއްބެވި ބައެއް ޑޮކްޓަރުން އެގްރިމެންޓް އާ ކުރުމުގެ ކުރިން މިނިސްޓްރީން ދޭން ޓެސްޓުން ފާސްނުވުމުން ހަތަރު ޑޮކްޓަރުން ފޮނުވާލާފައިވާތީ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރާ އެންއައިއައިގެ ޑ.ޑިރެކްޓަރު އަލީ އުސެއިދު ވާހަކަދައްކަވަނީ–

އުސެއިދު ވިދާޅުވީ، ޑޮކްޓަރުން ނުގެނެވި މިމައްސަލަތަށް ދިމާމިވީ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓުން މިކަމަށް ދެއްވަން ޖެހޭ އަހަމިއްޔަތު އެކަށީގެންވާ ވަރަށް ނުދެއްވަ މިކަމަށް އަޅާނުލެއްވުމުގެ ސަބަބުން ކަމަށެވެ. ހޮސްޕިޓަލަށް ފައިސާގެ ދަތިކަން ވެސް ކުރިމަރިވި ހިންގަން އުނދަގޫވެފައިވާ ކަމަށެވެ. އެ ފައިސާގެ ދަތިތަކެއް ދިމާވެފައިވަނީ ހަމައެކަނި އާސަންދައިންގެ ތެރެއިން ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ ނޫން ކަމަށާއި ޓްރަސްޓް ފަންޑުން ވެސް އެ އެހީތެރިކަން ފޯރުކޮށްދެމުން ނުދާ ކަމަށް އުސައިދު ވިދާޅުވި އެވެ.

މިހާރު ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ހައްލު ވާނީ ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑުން އެކަންކަން ހައްލުކުރުމުން ކަމަށެވެ. ދަތިތައް ހައްލުކުރާނެ ކަމަށް އެ ފަންޑުން ބުނެފައިވާކަން ވެސް އުސައިދު ވިދާޅުވި އެވެ.

ސްކޭން އަދި ކުޑަކުދިންގެ ޑޮކްޓަރު ނެތުމުން ވިހެމުގެ ކަންތައްތަކަށް ބުރޫއަރައިފި

ކޮންމެއަކަސް އުތުރު ރައްޔިތުން އުއްމީދު ކުރީ މިގޮތެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީން ވައުދުވެޑައިގަތްފަދަ ސިއްހީ ގޮތުން އިންގިލާބު ގެންނާނެ ވަރުގެ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލްވުން އެއީ އަދިވެސް އުތުރުގެ ރައްޔިތުންގެ އުއްމީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355