twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ކުރުމުގައި އިންޑިއާގެ މައި ކުންފުނީގެ ޒިންމާ އަދާއެއް ނުކުރޭ !

Dec 12, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިންގިލާބީ ބަދަލުތަކަކާ ދިމާލަށް މިސްރާބު ޖަހާފައިވާކަމަށް އުތުރުގެ ރައްޔިތުން އުއްމީދުކޮށްގެން ތިއްބައި، ކުއްލިއަކަށް 24 ގަޑިއިރު ޑޮކްޓަރުން ނެތި، 35 އަހަރު ފަހަތަށް ސޮއްސާލައިގެން ދިއުމަކީ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ. ރައްޔިތުންގެ އިތުރުން ދިވެހި ސަރުކާރަށްވެސް މިއީ ދީލާލައިގެން ތިބެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒު ކުރަން ބަލާއިރު ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމުގެ ވައުދަކީ އެސިޔާސަތުގެ މައި އެއްކަންތަކަށް ވާތީއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ވެދާނެކަމުގެ ކޮޅުމަތި ކޮންމެވެސް ވަރަކަށް ފެނުމަށްފަހު، ކުއްލިއަކަށް ހޮސްޕިޓަލްގެ މައްސަލަތައް ފެންމަތިވާން ފަށާފައި ވާއިރު، މިއީ ދެ ދުވަހަކު ފޭސްބުކްގައި ސްޓޭޓަސްއެއް ޖަހާލައިގެން ފުއްދާލެވޭނެ ވާހަކައެއް ނޫނެވެ. މިވަނީ ކިހިނެތްތޯ ބަލައި، މުޅިން އަތްދަށުން ނުދަނީސް މިކަމަށް ހައްލުތަކެއް ހޯދަން އެބަޖެހެއެވެ.

ވޭތުވެދިޔަ ހަފްތާއެއްހައި ދުވަސްތެރޭގައި ފެންމަތިވި ކަންތައްތަކާއި ލިބުނު މައުލޫމާތަށް ބަލާއިރު، މިކަމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އިންޑިޔާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓް (އެންއައިއީޓީ) އިންނެވެ. އިންޑިއާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލް ހިންގާ މައި ކުންފުނި، އެންއައިއީޓީ އިން ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަވާލުވެފައި، ތަރައްގީ ކުރަން ބޭނުންވަނީ ކޮން ފެންވަރަކަށް ކަމާއި އެކަމަށް ދާނެ ހަރަދުތައް ވެސް އެނގިތިބެއެވެ. އަދި އެގްރީމަންޓް ކުރެވޭގޮތަށް އެކަންތައްތައް ޑެލިވަރ ކުރުމަކީ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓް (އެންއައިއީޓީ) ޒިންމާއެކެވެ. އާސަންދައިން ފައިސާ ނުލިބޭކަމަށް ބަހަނާއެއް ދެއްކުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.

ނިމްސް ހިންގާ ކުންފުންޏާ ކުޅުދުއްފުށީ ހޮސްޕިޓާ ހަވާލުކުރަނީ–

ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށްޓަކައި އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިންވެސް ވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ. މިކަމުގެ ސަބަބުންވެސް މައި ކުންފުންޏާ ދެމެދު މައްސަލަތަކެއް ޖެހިފައިވާކަން ހާމަވެއެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު ކުރިން މިނޫހަށް ވިދާޅުވީ، ފައިސާގެ ދަތިކަން ކުރިމަތިވެފައިވަނީ ހަމައެކަނި އާސަންދައިގެ ތެރެއިން ލިބެން ޖެހޭ ފައިސާ ލިބުން ލަސްވެގެން ނޫން ކަމަށާއި އިންޑިޔާގެ ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓުން ލިބެން ޖެހޭ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭތީ ކަމަށެވެ. ޑޮކްޓަރުންގެ ދަތިތަކެއްވެސް ކުރިމަތިވެގެން މިއުޅެނީ އެފަރާތުން ލިބެން ޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާތީކަމަށް އުސެއިދު ވިދާޅުވި އެވެ.

“މިކަމުގައި ސަރުކާރު ބަދުނާމުކުރުމުގެ ޖާގައެއް ނެތް ހަގީގަތަށް ދަންނަވަންޏަކާއެއް. ހަގީގަތަކީ އަޅުގަނޑުމެންނަށް މިކަން ނުކުރެވި މިވަނީ މީގަ ބެކަޕް ދޭން ބުނި ފަރާތުން އެއީ ނޫރުލް އިސްލާމް އެޑިކޭޝަން ޓްރަސްޓްގެ ފަރާތުން، މިކަމަށް ދޭން ވާ އަހަމިއްޔަތުކަން އެންމެ ރަނގަޅަށް ދެވިފަ ނެތީމަ.” އުސެއިދު ވިދާޅުވި އެވެ.

ގަބޫލު ކުރެވޭ ގޮތުން އާސަންދައިން ފައިސާ ލިބުނަސް ނުލިބުނަސް ހޮސްޕިޓަލް ހިންގެންވާނެއެވެ. އެކަމަށްޓަކައި ހޮސްޕިޓަލާ ހަވާލުވެފައިވާ މެނޭޖްމަންޓަށް އެމީހުންގެ ބެލެނިވެރި ކުންފުނިން އެއްބާރުލުންދީ ފައިސާ ފޯރުކޮށްދޭން ޖެހޭނެ އެވެ.

24 ގަޑިއިރު ޑޮކްޓަރުން ނެތި، ކުޅުދުއްފުށީ ހޮސްޕިޓަލް 35 އަހަރު ފަހަތަށް !

ކުރިންވެސް ފާހަގަ ކުރި ފަދައިން އެންއައިއީޓީ އިން ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީ ކުރަން ހަވާލުވެފައި، ވަނީ ތަރައްގީ ކުރަން ދާނެ ހަރަދު އެނގިތިބެއެވެ. މިހާތަނަށް އައިއިރު، މާބޮޑު އިންވެސްޓްމަންޓްތަކެއް ނުގެނެވުނުތަނުގައި، ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާނެ ވޯކިންގ ކެޕިޓަލް ފައިސާވެސް ފޯރުކޮށް ނުދިނުމަކީ އެކުންފުނީ ގާބިލުކަމާމެދު ސުވާލު އުފެއްދިދާނެ ކަންކަމެވެ. ނުވަތަ އެހެން އޭންގަލް އަކުން ވިސްނާނަމަ، އިންޑިއާގައި ކާމިޔާބު ހޮސްޕިޓަލްތަކެއް ހިންގާބަޔަކު، އެޔާ ބަލާއިރު ނިސްބަތުން ކުޑަހޮސްޕިޓަލްއެއް ތަރައްގީ ކުރުމަށް އިންވެސްޓް ކުރާނެކަމަށް ބުނުމަށްފަހު އެކަން ނުކުރުމަކީ އެމީހުންގެ ނިޔަތާމެދު ސުވާލު އުފެއްދި ދާނެކަމެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެމްޑީ ފައިޒަލް ޙާން އަދި ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދު–

މިހާތަނަށް ހެލްތު މިނިސްޓްރީ އިން ނުވަތަ ސަރުކާރު ފަރާތުން މިކަމަށް ބަހެއް ބުނެފައި ނުވާއިރު، މިހެން މިކަން ދީލާލެވޭކަށް ނެތެވެ. ހެލްތު މިނިސްޓްރީ އިން ވީހާވެސް އަވަހަށް މިކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަން އެބަޖެހެއެވެ. ޑިސްޗާޖް ފޯމުގައި ސޮއިކުރާނެ ޑޮކްޓަރެއް ނެތި، ޕޭޝަންޓުން ޑިސްޗާޖް ނުކުރެވުމާއި، އެންމެ ގިނައިން ވިހާ ސީޒަންގައި އަންހެނުންގެ ޑޮކްޓަރުން ނެތުމަކީ ސަރުކާރަށް ލިބޭނެ އިތުރު ނެގަޓިވް ޕޮއިންޓްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355