މުނިފޫހިފިލުވުމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު “ދަ ކިންގްސް ސްޕީޗް” އަށް ލިބިއްޖެއެވެ. 83 ވަނަ އެކަޑެމީ އެވޯޑްސް ނުވަތަ އޮސްކާގެ އެންމެ މޮޅު ފިލްމަކަށް ދަ ކިންގްސް ސްޕީޗް ހޮވުނީ އާދީއްތަ ދުވަހު އޮތް ގޯލްޑަން ގްލޯބް އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު ސޯޝަލް ނެޓްވޯކްގެ އިތުރުން އިންސެޕްޝަން، ދަ ފައިޓަރ، އަދި ބްލެކް ސްވޯން ފަދަ މޮޅު ފިލްމު ތަކާއި ވާދަކޮށްގެންނެވެ.
ޓޮމް ހޫޕާ ޑައިރެކްޓްކޮށްފައިވާ ދަ ކިންގްސް ސްޕީޗްއަކީ އިގިރޭސިވިލާތުގެ ރަސްކަމުގައި ހުންނެވި އެޑްވާޑް8 އޭނާގެ ރަސްކަން ދޫކޮށްލުމުން ކޮއްކޮ ޖޯޖް6 (ކްއީން އެލިޒަބަތު 2 ގެ ބައްޕަ) ރަސްކަމާ ހަވާލުވެ، ދިމާވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާ ހަދާފައިވާ ފިލްމެކެވެ. މިފިލްމު ޑައިރެކްޓްކުރި ޓޮމްހޫޕާ އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އިރު ފިލްމުގެ ލީޑްރޯލްގައި ޖޯޖްގެ ބައި ކުޅުނު ކޮލިން ފާރތު ވަނީ އެންމެ މޮޅު ލީޑިންއެކްޓަރގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން އެންމެ މޮޅު އޮރިގިނަލް ސްކްރީން ޕްލޭވެސް ލިބުނީ މިފިލްމަށެވެ.
ގޯލްޑަން ގްލޯބްގެ އެއްވަނަ ހޯދި ސޯޝަލް ނެޓްވޯކުން ވަނީ ފިލްމް އެޑިޓިންގެ ބައިންނާއި މިއުޒިކް އޮރިޖިނަލް ސްކޯ އަދި އެޑަޕްޓެޑް ސްކްރީން ޕްލޭގެ ބައިން އޮސްކާ ހާސިލްކޮށްފައެވެ.
ހޮލީވުޑްގެ ބޮކްސް އޮފީސްތަކުގައި ގިނަ ދުވަހު އެއްވަނާގައި އޮތް އަދި ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ލިއޮނާޑޯ ޑިކެޕްރިއޯ ލީޑް ރޯލުކުޅުނު “އިންސެޕްޝަން” އިން ވަނީ ގިނަ އެވޯޑް ތަކެއް ހޯދާފައެވެ. މިގޮތުން ސިނަމެޓޯގްރަފީ، ސައުންޑް އެޑިޓިންގ، ސައުންޑް މިކްސިން، އަދި ވިޒުއަލް އިފެކްޓްސްގެ ބައިން އޮސްކާ ހާސިލްކުރިއެވެ.
މިއަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރެސްއަކަށް ހޮވުނީ ގޯލްޑަން ގްލޯބްގައިވެސް މިޝަރަފްހޯދި ނަޓަލީ ޕޯޓްމަން އެވެ. އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ހޮވުނީ ޓޯއީ ސްޓޯރީ 3 އެވެ.