ކޮރަޕްޝަނަކީ ނަޒާހަތްތެރިކަމުގެ އިދިކޮޅު ސިފައެވެ. ނަޒާހަތްތެރިކަމަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކަމޭހިތުމާއި އަދި އެންމެހާ ރިވެތި ސިފަތަކާއި ގުޅިފައިވާ ސިފައެކެވެ.
ކޮރަޕްޝަނަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް މައްސަލައެވެ. ކޮރަޕްޝަން އަށް މަގުފަހިވާ އެތައް ސަބަބުތަކެއް ދިމާވެއެވެ.
ސިޔާސީ ނުފޫޒު
ސިޔާސީ ނުފޫޒަކީ ކޮރަޕްޝަން ފެތުރޭ އެއް މަގެވެ. ސިޔާސީ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ މަތީ މަގާމުތަކުގައި އުޅުއްވާ ބޭފުޅުންނެވެ. ގިނަ ފަހަރަށް ކޮރަޕްޝަނާ ދިމާއަށް ދެވެނީ އަމިއްލަ ބޭނުމެއް ފުއްދުމަށެެވެ. މާލީ ތަނަވަސްކަން އިތުރުކުރުމަށެވެ. ނުވަތަ މުޖުތަމައުގައި ތިމާގެ އަމިއްލަ ހައިސިއްޔަތުގެ ވަރުގަދަކަން ދެއްކުމަށެވެ. އެހެން ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ ހަގީގަތުގައި އެއުފުލެނީ ތިމާގެ ހައިސިއްޔަތު ނޫންކަމެެވެ. ކިތަންމެ ގިނަ ކޮރަޕްޓް ލާރިއެއް ތިމާގެ އެކައުންޓްގައި ހުރިކަމުގައިވިޔަސް އެކަމުން ތިމާގެ އަގެއް މީހުންގެ މެދުގައި އުފުލިގެން ނުދާނެއެވެ. އެކަމުން ދައްކުވައިދޭނީ ތިމާގެ އަގެއް ނެތްކަމެވެ. ނަޒާހަތްތެރި ކަމުގެ ރީތި ސިފަ ނެތްކަމެވެ.
އަޑުއަހާނެ ބަޔަކު ނެތުން
މުޖުތަމައުގެ ކޮންމެ މީހަކުވެސް ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީވެސް ކޮރަޕްޓް ގައުމެކެވެ. އެހެންނަމަވެސް ހިތާމައަކީ މިކަމާ ދެކޮޅަށް ތެދުވަން ނުކެރުމެވެ. ތެދުވާނީވެސް ކިހިނެއްތޯއެވެ؟ އަޑު އުފުލާނީ ކޮންބައެއްގެ ކައިރީތޯއެވެ؟ އެއަޑު އަހާނީ ކޮންބައެއްތޯއެވެ؟ އާދެ! މިކަންކަން ބަލަންޖެހޭ ފަރާތްތަކުގެ އަތްތަކާއި، ކަންފަތްތަކާއި، ދޫތަކާއި ފައިތަށް ކޮރަޕްޝަންގެ ފެނުން ފެންދީ ހެދެމުން ދާހާހިނދަކު މީކީ ވުން ގާތުގައިވާނޭ ކަމެއްނޫނެވެ. މިކަމުގައި ކުއްވެރިވާނީ އާންމުންނެއް ނޫނެެވެ. ކުއްވެރިވާނީ އެފަދަ މައްސަލަތަށް ބަލަންތިބޭ މީހުންނެވެ. ސިޔާސަތުތަކެވެ. ގާނޫނުތަކެވެ. މުޖުތަމައުގެ އެންމެން އެކަތިގަނޑަކަށް ވުމަކީ މިފަދަ މައްސަލަތައް ހުއްޓުވުމަށް ބާރަކަށް ވެދާނެއެވެ.
ދެފުއް ނުފެންނަ ސިޔާސަތުތައް
ތައުލީމީ، ސިއްހީ އަދި އިގްތިޞާދީ ގިނަ ދާއިރާތަކުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައިވެސް ކޮރަޕްޝަންގެ އަތެއްވާކަން ގަބޫލުކުރަންޖެހެއެވެ. ތައުލީމާ ތަޖުރިބާގެ މުހިއްމުކަން ކެނޑި ބުނާހާ ގޮތަކަށް ކަންތައް ކުރާނެ މީހުން އިސް މަގާމުތަކަށް އައްޔަންކުރުމަކީ، ކޮރަޕްޝަނުގެ ދޮރު ބަންދުކުރަން އެޅޭ ބޮޑު ހުރަހެކެވެ. އަދި މަގާމުތަކަށް މީހުން އައްޔަންކުރުމުގައާއި ވަކި ކުރުމުގައި ހާމަކަންބޮޑު ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅެން ޖެހެއެވެ.
ކުށްތަކަށް ހައްގު އަދަބު ނުދެވުން
މީހެއްގެ މައްޗަށް ކުށެއް ސާބިތުވި ކަމުގައިވިޔަސް އެކުށުގެ ހައްގުއަދަބު ދިނުމަށް މިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއާ ގާނޫނު ތަންފީޒުކުރާ ފަރާތްތައް ނުކުޅެދިފައެވެ. އޭގެ ބަދަލުގައި މިއަދު ގިނައީ ނުހައްގުން އަނިޔާ ލިބެމުންދާ މީހުންނެވެ. މިއީ ވެސް ކޮރަޕްޝަން ރާއްޖޭގައި ވިހާ އާލާވަމުންދާ ކަމުގެ ހެއްކެކެވެ.
ވަޒީފާގެ ގިނަ ފުރުޞަތު ތަކެއް ނެތުން
ކޮންމެ އަހަރަކު ކިތައް ކުދިން ތައުލީމީ ހަޔާތް ނިންމުމަށްފަހު ވަޒީފާގެ މާހައުލަށް ނިކުމޭތޯއެވެ؟ ރާއްޖޭގެ މަސައްކަތުގެ މާހައުލު އެންމެ ރަނގަޅަށް ބިނާވެފައި އޮތްނަމަ ވަޒީފާއަށް ސަލާންޖެހުމަކީ ރާއްޖޭގައި މިއަދު އަޅުގަނޑުމެންނަށް ދިމާވެގެންވާނޭ މައްސަލައެއް ނޫނެވެ. އެއަށްވުރެ ރާއްޖޭގެ ފެންވަރު ރަނގަޅުވާން ޖެހޭނެއެވެ. މިފަދަ ނިޒާމުތައް އެންމެ ރަނގަޅު ގޮތުގައި ނުހިނގަނީ ކޮރަޕްޝަން އޭގެ ތެރެއަށް ވަދެ މަސްހުނިވެފައިވާތީއެވެ.
ކޮރަޕްޝަން ހުއްޓުވޭނީ މިފަދަ ކަންކަމުގެ އަޑު އުފުލިގެންނެވެ. ނަޒާހަތްތެރިކަން އިސްކޮށްގެންނެވެ.