ޓާޝަރީ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ކުރުމަކީ ރައީސް ޔާމީންގެ ވައުދުފުޅެކެވެ. އެހެންކަމުން ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓާ 150 އެނދުގެ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ހަވާލުކުރީ ފޮނި އުންމީދާއެކު އެވެ.
ދިވެހިން އާންމުކޮށް އިންޑިޔާއިން ފަރުވާހޯދަމުން އަންނަ މަޝްހޫރު ނިމްސް ހޮސްޕިޓާ ހިންގާ، ނޫރުލް އިސްލާމް އެޑިއުކޭޝަން އާއި ދިވެހިންގެ ބަޔަކާ ގުޅިގެން ހަދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެއްކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓާ ހިންގަން ހަވާލުކުރީ ފުރަތަމަ 6 މަސް ތެރޭގައި ގިނަ ކަންތަކެއް ކުރުމަށް ސަރުކާރުން ޝަރުތުކޮށްފަ އެވެ. ކުޅުދުއްފުށީގެ ހޮސްޕިޓަލްއާ ހަވާލުވީ ބޮޑެތި ޓާގެޓްތަކެއް ހާސިލް ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އަދި ފުރަތަމަ 30 ދުވަހުގެ ޓާގެޓާއި ފުރަތަމަ 3 މަސް ދުވަހުގެ ޓާގެޓްތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭނޭ ފަދައިން ހާމަކޮށްފައި ވެއެވެ. އަދި 16 މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެނެސް 150 އެނދުގެ ވަރަށް ފުރިހަމަ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ދިވެހި ސަރުކާރާއެކު ވަނީ އެއްބަސްވެފައެވެ.
އެއްބަސްވެފައިވާ ޓައިމްލައިނާ އެއްގޮތަށް ގިނަ މަޝްރޫހުތަކެއް ކުރިއަކަށް ނުދެ އެވެ. ދެން ފެނިގެންދިޔައީ ޑޮކްޓަރުންގެ ދަތިކަން ދިމާވެ ބައެއް ހިދުމަތްތައް މެދުކެނޑުނުތަނެވެ. މިއީ ވޭތުވެދިޔަ 35 އަހަރުވެސް ނުދާހާ ފަހަތަށް ހޮސްޕިޓާ ދިޔަކަމުގެ ހެއްކެކެވެ. މިކަމުގެ ހުރިހާވެސް ގެއްލުމެއް ލިބެނީ ރައްޔިތުންނެވެ.
ހޮސްޕިޓަލްއާ ހަވާލުވިތާ 5 މަސް ވީއިރު މިވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައެވެ. މިމައްސަލަތައް ކުރިމަތިވާންފެށީ ދެ ކުންފުނީގެ ދެމެދު ދިމާވި ފައިސާ މައްސަލަތަކެއްގަ އެވެ.
މައްސަލަ ދިމާވެ އެންއައިއައިއަށް ހޮސްޕިޓާ ނުހިންގުމުން ބައެއް ހިދުމަތްތަށް މިނިސްޓްރީން ފޯރުކޮށްދެމުންދާއިރު ރައްޔިތުންނަން ދެއްކި ހުވަފެން މިވަނީ ނަނާ ހުވަފެނަކަށް ވެފައި އެވެ. މައްސަލަ ހައްލުކުރުމަށް މިނިސްޓްރީ މަސައްކަތެއް ކުރަމުންދާ ކަމަށް ބުނިނަމަވެސް އަދިވެސް ވަނީ މައްސަލަ ވަކިކޮޅެއް ނުޖެހި އެވެ.
2018 ބޯމަތިވެފައިވަނިކޮށް މިކަން މިހެން ދިމާވުމުން ހަމަ ޔަގީންވެސް ސަރުކާރަށް އޮތް ތާއިދު ކުޑަވާނެކަން ޔަގީންނެވެ. ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު މިކަމާ މެދު ހިތްހަމަނުޖެހި ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. މިކަމުގެ ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ހަމަ ނިކަމެތި ރައްޔިތުންނަށެވެ. ކޮންމެއަކަސް ދެންވެސް ސަރުކާރަށް ތާއިދެއް ބޭނުންނަމަ އަވަހަށް މިހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކޮށް ހިނގަން، ހިނގޭނެ ބަޔަކާ ހަވާލުކުރުން ބުއްދިވެރި އެވެ.