ކުޅުދުއްފުށި، މިއީ އާބާދީގެ ގޮތުން ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. މިފަދަ ބޮޑު ރަށެއްގައި މީހުން ހިއްހަމަޖައްސާލަން ގޮސް ތިބެލާނޭ ތަނެއް ރަނގަޅު ފެންވަރުގައި ހެދިފައި ނެތުމަކީ ވަރަށް ބޮޑު ހިތާމައެކެވެ. އަދި މިފަދަ ތަނެއް ހެދިފައި ހުރި ކަމުގައިވިޔަސް، އެތަންތަން ނުބެލެހެއްޓުމަކީ ކައުންސިލުންވެސް ޒިންމާވާން ޖެހޭނެ ކަމެކެވެ.
ބަޔަކު އިސްނަގައިގެން ކުޅި ސަރަހައްދުގައި ހެދި “އާރާމް ބަގީޗާ” އަކީ މިފަދަ އެއްތަނެވެ. ގިނަ ބަޔަކު އުފާކުރަމުން އައި މިތަންވެސް މިއަދު އެއާޕޯޓު އެޅުމަށް ކުޅި ހިއްކަން ޖެހުމާއެކު މިވަނީ ނަގާފައެވެ. އެތަން ހަދައި ނިންމާލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެތަނަށް ބަޔަކު ގެއްލުންތަކެއް ދިން ކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
މިފަދަ ކަންކަމުން ދޭހަވަނީ، އެންމެންގެ ފައިދާއަށް ކުރާ މިފަދަ ކަންކަމުގައި އެއްބާރުލުން ނުދޭ ބަޔަކުވެސް އުޅޭ ކަމެވެ. ރާއްޖޭގެ ތަހުޒީބީ ފެންވަރާ އެއްވަރަށް މިރަށުގެ ޒުވާނުން ތަހުޒީބު ނުވާކަމެވެ. މިއީ ހުރިހާ ޒުވާނުންގެ ވާހަކައެއް ނޫނެވެ. ތަނެއްގެ ތަރައްގީ ބިނާވަނީ އެ މުޖުތަމައެއްގެ ހީވަގިކަމާއި، އަހްލާގާ އަދި ކަންކަމުގައި އިސްނަގަން ކެރުމުގެ މައްޗަށެވެ.
ހަމަ މިފަދަ ދެވަނަ ތަނެއް ކަމުގައި ހެދުނު “އާޓިފިޝަލް ބީޗް” ސަރަހައްދަކީ މިހާރު ގިނަ ބަޔަކު ހިތްހަމަޖައްސާލުމަށް ދާތަނެކެވެ. މިތަނުގައި އަޅުގަނޑު މަޑުކޮއްލުމުން އިހުސާސް ކުރެވުނީ ކުނި ގިނަކަމެވެ. ބޭނުންކޮށް ނިންމާލުމަށްފަހު ގެންދާ ލުއިކާނާތަކުގެ ހުސް ޕެކެޓްތަށް އެތަނަށް ދޫކޮށްލުމަށް ފަހު އަންނަނީ މަދު ބަޔަކު ނޫނެވެ. ޑަސްބިން ބެހެއްޓިފައި ހުރިކަމަށްވިޔަސް އޭގެ ބޭނުން ހިފަނީ މަދު ބައެކެވެ. މިފަދަ ބޮޑު ރަށެއްގައި އެއްވެސް މީހަކު އިސްނަގައިގެން ތަނެއް ސާފުކުރަން ދިއުމަކީ ވަރަށް މަދު ފަހަރަކު ނޫނީ ނުވާ ކަންކަމެެވެ. އެކަމަކު މަދުން ނަމަވެސް އެތަނަށްދާ ބައެއް މީހުން އެތަން ސާފުކޮށް ކުނިކަހާ މަންޒަރު ފެންނަކަމީ އުފާކުރާ ކަމެކެވެ.
ރާއްޖެތެރޭ ރަށްރަށާއި މިރަށާއި އަޅާބަލާއިރު ތަން ތަން ސާފުތާހިރު ކުރުމުގައި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. މިއީ ރަށަށް މިއަދު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ. ކުޅުދައްފައްޓަށް އައުމުން ފެންނަނީ ހާދަ ހިއްގައިމު މަންޒަރެކޭ ބުނާ އަޑު އެހުމަކީ މިރަށުގެ ކޮންމެ މީހަކު ވެސް އުފާކުރާނޭ ކަމެއްކަން ޔަގީނެވެ.
ރަށުތެރެ ސާފުކޮށް މިފަދަ މައިޒާންތަށް ރީތިކޮށް ބޭއްވުމަކީ ހަމައެކަނި ކައުންސިލުގެ ޒިންމާއެއް ނޫނެވެ. އެކަމަކު މިފަދަ ކަންކަމަށް ކައުންސިލުންވެސް އިސްކަމެއްދީ އިސްނަގަންޖެހެ އެވެ. އަދި ރަށުތެރެ ރީތިކޮށް ބޭއްވުމަށް އެންމެން އަތުކުރި އޮޅާލުމަކީ ދުޅަހެޔޮ ތަހުޒީބީ މުޖުތަމައުއަކަށް ހުޅުވާލެވޭ ސާފު ދޮރަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ.