އިބްރާހިމް ޔޫސުފް (ޔޫސުފް)
މިހާރު ބަރާބަރު އަށެއް ޖެހީއެވެ. ފޯނު ރިންގުވާން ފަށައިފިއެވެ. އެއީ، މިޒްނާ ކޮންމެ ރެޔަކު އިންތިޒާރު ކުރާ ފޯނުކޯލެވެ. ދަބަހުން ފޯނުނަގައި މުށަށްލައިގެން އެއިނީ އެހެންވެއެވެ. ފޯނު ރިންގުވާންފެށުމުން ފޯނުގެ އިސްކިރީނަށް ބަލާލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސައިފިއެވެ.
” އައި ލަވް ޔޫ… ޑާލިންގ”
” އައި ލަވް ޔޫ… ޝުގާރ” ދުނިޔޭގެ އަނެއް ބިތުގައި އޮތް ކެނެޑާގައި ހުރި މިޒްނާގެ ފިރިމީހާ، ހަނީފު ބުނެލިއެވެ. އޭނާގެ ތަންމަތީގައި، ބޮޑުބައެއް މިލްކުކޮށްގެން ރީތިކަމާއި ލައްޒަތުން ކަޅިވެފައި ޖޭޑް އޮތެވެ. ބޭނުންވާ ހުރިހާ އުފަލެއް ލިބުމުން އަރާމު ނިދީގައި ޣަރަޤުވެފައި އޮންނާނެހެންނެވެ. ޖޭޑްގެ ކަޝްފުވެފައިވާ ރީތި ހަށިގަނޑަށް އިރުގެ އަލި، ކިޑިކީގެ ފަރުދާއިން ފޭދިގެން އައިސް އެޅިފައިވުމުން، ޙަނީފްގެ ލޭހިގުން އަވަސްވެ، މަސްތުވާހެން ހީވިއެވެ. ހަނީފުގެ ކެތްކުރުމުގެ ބާރު އަށްގަޑިއިރުތެރޭ ތިންވަނަ ފަހަރަށް ވިރިގެން ހިނގައިދާނެހެން އޭނާއަށް އިޙްސާސްކުރެވުނެވެ.
ޙަނީފާއި މިޒްނާގެ ކައިވެންޏަކީ، ދެ މީހުން ދުނިޔޭގެ ދެ ބިތުގައި ތިބެ ހޭދަވާ ޒާތު ކައިވެންޏެކެވެ. އެއީ، އެކަހަލަ ކައިވެންޏެއްގައި ހުންނަ ހުރިހާ ރަހައެއް ހުރި ކައިވެންޏެކެވެ. ކޮންމެ ދުވަހަކު ދެ މީހުން އެއްގަޑިއެއްގައި ފޯނުކުރާތާ މިހާރު އަށެއްކަ މަސްވަނީއެވެ. ހެދުނު އަށެއްޖަހާއިރު އޮފީހަށް ދަމުން ފޯނެއް، އޮފީހުން ނިމިގެން ގެއަށް އަންނަ މަގުމަތީ ކާރުގައި އިނދެ ފޯނެއް ހަނީފް، މިޒޫ އަށް ކުރެއެވެ. މިޒޫ، އެ ފޯނަށް ކެތްތެރިކަމެއްނެތި އިންތިޒާރުކުރެއެވެ. ކޮންމެ ދުވަހަކު ވާހަކަ ފެށެނީ، އައި ލަވް ޔޫ ޝުގާރ އިންނެވެ. ނޫނީ އައި ލަވް ޔޫ ޑާލިންގ އިންނެވެ. މިޒޫ އަކީ، ހަނީފްގެ ޝުގާރ އެވެ. ހަނީފަކީ މިޒޫގެ ޑާލިންގއެވެ.
” މިއަދުގެ ކަންތައްތައް ކޮބާ، ކިނެއް؟ ޝުގާރ” ހަނީފް އެހިއެވެ.
” ޑާރލިންގ.. ވަރަށް ބުރަ. ހުސް ނިންމަންވެފައި ހުރި މަސައްކަތް. ޑެޑްލައިންސް…މައިގޯޑް” މިޒޫ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށް ފަހު، ކުރިމަތީގައި އިން ރީތި ފިރިހެނާއަށް އޭނާ ބަލާލިއެވެ. ރިސޯޓްގެ ބާގެ ފަނޑު އަލީގެ ތެރޭގައި ޕީޓަރ ހާދަ ސެކްސީއޭ މިޒޫގެ ހިތަށް އެރިއެވެ.
” މިކޮޅުވެސް ހަމަ ތިގޮތް. ހުސް މަސައްކަތް..ޑެޑްލައިންސް… މުޅިންވެސް އޮތީ ދަތުރުކުރުން، އެއް ހޮޓަލުން އަނެއް ހޮޓަލަށް..ސެމިނާ މީޓިންގްސް… ވަރަށް ބުރަ.. ވަރުބަލިވެއްޖެ… ޝުގާރ”
އެއީ ތެދެކެވެ. މިޒޫގެ ފިރިމީހާ، ހަނީފުގެ އަޑުގައި ވަނީ ވަރުބަލިކަމެވެ. ނަމަވެސް އެއީ ހިތް ހަމަޖެހުމާއި ލައްޒަތުން ގެނެސްދޭ ހަމަޖެހުމުގައި އެހުންނަ، ވަރުބަލިކަމެވެ. ހަނީފް އެނދުން ތެދުވެ، ކިޑިކީގެ ފަރުދާ ކަހާލާފައި ކިޑިކީ ހުޅުވާލިއެވެ. އެއާއެކު އޯޓަމްގެ ފިނިކަން ކޮޓަރިތެރެ ފުރާލިއެވެ. ކިޑިކީއާއި ފެޔަށް ޖެހިލައި، އެނދާއި ދިމާލަށް ބަލާލެވުމާއެކު، އެނދުގައި އޮތް ޖޭޑްގެ ކަޝްފުވެފައިވާ ހަށިގަނޑުގައި ހަނީފްގެ ދެލޯ ގޮސް އަޅައިގަތެވެ. ވަށްކޮށި ކުޅެފައިވާ ފަސްގަނޑެއް ކަހަލަ ތަންމައްޗަށް ޖޭޑް އޮތުމުން ގެނެސްދެނީ ޒާތެއްގެ ތަރުތީބުކަމެކެވެ. އޭނާގެ ނޭވާގައިވަނީ ތަރުތީބުކަމެވެ. ކޮންމެ ހަރަކާތަކާއި ފިރުމާލުމެއްގައި ވަނީ ތަރުތީބުކަމެވެ. ރޭގެ ވަގުތުތައް ހަނީފުގެ ޚިޔާލުގެ ބައިސްކޯފުން ފެންނަންފެށިއެވެ. މާތްކަލާކޯއެވެ. އެއީ ދުވަހަކުވެސް ހަނީފް އެ ފެންވަރަށް ތަޖުރިބާ ނުކުރާ ވަގުތުތަކެކެވެ. އެއާއިއެކު ނޭނގޭ ތުރުތުރެއް ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. މިޒޫ އާއި ހާދަ ތަފާތޭ ހަނީފްގެ ހިތަށް އެރިއެވެ.
” އާން..ޑާލިންގ..އަހަންނަށް އެނގޭ ވާނެ ވަރު ބަލި… ތިގޮތަށް އެއް ހޮޓަލުން އަނެއް ހޮޓަލަށް ދުވަންޖެހުނީމަ…” މިޒްނާ، ކޮކްޓޭލް ތަށި ނަގައި ތުނބުގައި ޖައްސާލިއެވެ. މިއީ މިޒޫ ބޯލާ ތިންވަނަ ތަށްޓެވެ. ތުނބުގައި ތަށި ޖައްސާލުމާއެކު މަސްތީ މައިތިރިވުމެއް އޭނާގެ ހަށިގަނޑަށް ވެރިވެގެންދިޔައެވެ.
“މިޒޫ… އަހަންނަށް މިހާރު ކެތްވަނިއްޔެއްނޫން… ރާއްޖެ ގޮސް އަހަރެމެން ދެމީހުން އެކުގައި އުޅެން ހާދަ ބޭނުމޭ…” ހަނީފް، ޖޭޑްގެ މަގަތުން، ފޯނު ކަންފަތުގައި ޖައްސައިގެން އޮށޯވެލިއެވެ. އެއަށްފަހު ޖޭޑްގެ ފައިމައްޗަށް ހަނީފުގެ ފައި އެއްލިއެވެ.
” އޫން… އެހެންތަ؟ އަމް ޑައިންގ ޓު މީޓް ޔޫ. ޑާރލިންގ.. މިދިޔަ އެއިޓް މަންތްސް ހީވަނީ އަހަންނަށް އަށް އަހަރުހެން… ދެން ކޮން އިރަކުންތަ އަންނާނީ؟ ޑާލިންގ” ކުރިމަތީއިން ޕީޓަރގެ ކުޑަހުޅުގައި އޮތް، ފަލަ ކެވެލިފަށާއި ކުޅެމުން، މިޒޫ ތުއިގޮތަކަށް ބުނެލިއެވެ.
” ރާއްޖެ ދާނެ އިރެއް ފަހުން ބުނާނަން.. ސަޅި ޗުއްޓީއެއް ހަދާލަން ވާނެ! ދެ މީހުން އެކަނި… ވީ މަސްޓް ސްޕެންޑް ސަމް ކޮލިޓީ ޓައިމް ޓްގެދާރ… އަހަންނާއި އަހަރެންގެ މިޒޫ…”
މީގެ ކުޑަ އިރުކޮޅެއްފަހުން ފެންވަރައިގެން ޖޭޑް، ހަނީފާއި ވާހަކަ ދައްކާނީ އަނެއްކާވެސް ވަރަށް ރަސްމީ ބަހުރުވައިންނޭ ހަނީފްގެ ހިތަށް އެރިއެވެ. ކޯޓްފަޓްލޫނުގައި ހަނީފް ވާނީ ޖޭޑްގެ ކޮންސަލްޓަންޓަކަށެވެ. ވިޔަފާރީގައި ލަފާދޭ މީހަކަށެވެ.
” ދެޓްސް ގުރޭޓް… ދެމީހުން އެކީ ސަޅި ޗުއްޓީއެއް ހަދާލަން ވާނެ..” މިޒޫގެ އަޑުގައިވަނީ އިންތިޒާރުގެ އަސަރެވެ.
” އައި ލަވް ޔޫ ޝުގާރ” ހަނީފް ވަދާއުގެ ސަލާން ކޮށްލިއެވެ.
“އައި ލަވް ޔޫ ޑާލިންގ” މިޒޫ ސަލާން ބަލައިގަތެވެ
އެންމެފަހު ކޯވަރު ދަމާލުމަށްފަހު ރީތި ގަލަސްތަށި މޭޒު މަތީ މިޒޫ ބެހެއްޓިއެވެ. ޕީޓަރ ތެދުވެގެން އައިސް ފުރަގަހުން މިޒޫގެ ބޮލުގައި ފިރުމާލިއެވެ. މިވަނީ ކީއްކަން ސާފުނުވާ، ހުވަފެނީ، އިހްސާސެއް މިޒޫގެ ނާރުތަކުގައި ދުވަންފެށިއެވެ. ކޮކްޓޭލްގެ މަސްތާއި، ޕީޓަރގެ ހޫނުކަން، ޖިސްމު، އަނގުރަށް ހަދަމުންދާ ކަމުގެ އިޙްސާސް މިޒޫއަށް ކުރެވެމުން ދިޔައެވެ. ހަނީފުގެ ތާފަނާކަން މަތިން ހިނދުކޮޅަކަށް މިޒޫ ހަނދާންވިއެވެ.
ވެރިވަމުންދާ، ހޫނުކަން ކަނިކޮށްލުމަށް އަތާއި އަތް ގުޅައިގެން ދެ މީހުން ބާއިން ނުކުންނަން ހިނގައިގަތެވެ.