twitterviber whatsapp telegramfacebookyoutube instagram
29th March 2024

2017 ވެސް ނިމިއްޖެ، ހދ ގައި ރިސޯޓެއް ނުހުޅުވުނު !

Jan 2, 2018

2017 ވަނަ އަހަރުވެސް ނިމިގެން މިދިޔައީ ހދ އަތޮޅުގެ ރައްޔިތުންނަށް މާ ބޮޑު ފައިދާތަކެއް ނުވެ އެވެ. ހދ އަތޮޅަށް ރައީސް ޔާމީން ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދުކަމަށްވާ ފަތުރުވެރިކަމުގެ ހުވަފެނުގައި ކުލަ ނުޖެހި އެވެ. ފަތުވެރިކަމަށް 45 އަހަރުވެގެން ދިޔައިރުވެސް ރަން ބިސް އަޅާ ކުކުޅު ނެތް ހަމައެކަނި އަތޮޅަކީ ހދ އެވެ.

ރާއްޖޭގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅަކީ ހދ އަތޮޅަށް ވީއިރު ޒުވާނުން އަތޮޅުގައި ތިބެގެން ވަޒީފާއަދާކުރެވޭނެ ގޮތެއް ނެތެވެ. ޒުވާނުންގެ ބޮޑު އާބާދީއެއް އޮންނައިރު ފަތުރުވެރިކަމުގެ ފޮނިމީރުކަން ހޯދުމަށް ދާން ޖެހެނޭ އާއިލާއާ އަނބި ދަރިން ދޫކޮށް މާދުރުގައި އޮންނަ އަތޮޅަކަށެވެ. އެއަޑު ޒުވާނުންގެ ރައީސްކަމަށް ދައުވާކުރައްވާ ރައީސް ޔާމީނާ ހަމައަށް ވަނީ ގެންގޮސްދީފަ އެވެ. ނަމަވެސް އެމަނިކުފާނުގެ މިވީ 4 އަހަރު ދުވަހުގެ ތެރޭގައިވެސް ހދ އަށް ޓޫރިޒަމް ގެނައުމަށް ވަނީ ނުކުޅެދިފަ އެވެ. ހަމައެކަނި ފަތުރުވެރިކަމަށް ރަށްތަކެއް އިއުލާންކުރުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުވެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިވީ ހަތަރު އަހަރުގެ ތެރޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް އޮންނަ މިއަތޮޅުންގެ ޒުވާނުންޓަކާ ފަތުރުވެރިކަން ގެނައުމަށް މިވަނީ ފެއިލްވެފަ އެވެ. މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ފަދައިންނެވެ.

ހދ އަތޮޅުގައި ރިސޯޓް ހެދުމަށް ނާގޯއްޓާއި ހޯނޑާފުށި އަދި ކުޑަމުރައިދޫ ދޫކޮށްފައި އޮންނަތާ 10 – 15 އަހަރާ ދެމެދުގެ އަހަރުތަކެއް ވެފައިވާއިރު އަދިވެސް އެތަނުން އެއްވެސް ރަށެއް ހުޅުވޭނެ ދުވަހެއް ނޭނގެ އެވެ. ހޮނޑާފުށީގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާއިރު ދެން ހުރި ދެ ރަށުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް އަހަރުތަކެއްވަނީ ވެފައި އެވެ. އަދި އޭރު އެތަނުގައި ހެދި މޫދުކޮޓަރިތަކާއި ކުރި ބައެއް އިމާރާތްތަށް މިއަދު ވަނީ ވީރާނާވެ ގޮސްފަ އެވެ. ބައެއް ފަހަރު ހޮނޑާފުށި ހީވީ ދެންމެ ދެންމެ ހުޅުވާދާނެ ހެންނެވެ. މިހުސްވި އަހަރުވެސް ހުޅުވުމަށް އެތަށް ތާރީހްތަކެއް ކަނޑައެޅިނަމަވެސް ސަބަބެއް ހާމަނުކޮށް އެތަން ވަނީ ނުހުޅުވި އެވެ.

2018 ވެސް ފެށެނީ އެވެ. ރިސޯޓެއް ހުޅުވިފައެއް ނެތެވެ. ވަޒިފާއެއް ނެތެވެ. ޒުވާނުން ތިބި މާޔޫސްވެފަ އެވެ. ނިމިދިޔަ ސަރުކާރުތައް ފަދައިން މިސަރުކާރުގައިވެސް ހދ ގައި ރިސޯޓް ހެދުމުގެ ޝައުގުވެރިކަމެއް ނެތްކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އަނެއްކާވެސް ވޯޓަށް އައިސް އެ ހުވަފެން ދައްކާނެ ކަމާމެދު ޝައްކެތްނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355