ދުނިޔޭގެ ގިނަ ގައުމުތަކުގެ ތެރެއިން ސްވިޑެން އަކީ މާބަނޑު އަންހެނުންނަށް އެންމެ އަޅާލައި ގައުމުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
އެގޮތުން ސްވިޑެންގެ ރައްޔިތުންނަކީ އާއިލީ ގުޅުމަށް ވަރަށް ބޮޑަށް ބާރުއަޅާ ބައެކެވެ. އެގައުމުގެ ސަރުކާރުން ވަނީ މާބަނޑު އަންހެނުންނަށް އަޅާލުމުގައި ވަރަށް ވަރުގަދަ ސިޔާސަތުތަކެއް ގާއިމު ކޮށްފައެވެ. ވިހެއުމުގެ ކުރިން ހަދާ ޗެކްއަޕްތަކާއި ސިއްހީ ފަރުވާ ދޭމިންވަރު މާބަނޑު މީހުންނަށް ވަކިން ވަނީ އެގައުމުގައި ހާއްސަވެފައެވެ.
ސްވިޑެންގައި މާބަނޑު މީހުން ޑޮކްޓަރަށް ދައްކަންޖެހެނީ ވިހެއުމުގައި އެއްވެސް ދަތި ކަމެއް ހުންނަނަމައެވެ. އަދި ހޭނައްތައިގެން ވިހަންޖެހޭ މީހުންނެވެ. މާބަނޑު މީހުން އެއްވެސް ހާލެއްގައި މާގިނަ ޓެސްޓުތަކެއް ހަދާކަށް ނުޖެހެއެވެ. އަދި ފޫޅުމައެއްގެ އެހީތެރިކަމެއްވެސް ވިހެއުމުގެ ކުރިން ބޭނުމެއްނުވެއެވެ. މާބަނޑު މީހުންގެ ލޭގެ ދަގަނޑުގެ ބައި އެއްވަރެއްގައި ބެލުމަށް ހަދާ ލޭގެ ޓެސްޓުތައް ހެދުމުން ފުދެއެވެ.
ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ
މަސައްކަތް ކުރާ މީހުންނަށް ޗުއްޓީ އެންމެ ގިނަ އަދަދަކަށް ދޭ އެއްގައުމަކަށް ސްވިޑެން ވާނެއެވެ. މާބަނޑު އަންހެނުންނަށް ވިހެއުމާ ގުޅިގެން 480 ދުވަހުގެ މުސާރަލިބޭ ގޮތަށް ޗުއްޓީއެއް ލިބެއެވެ. މި ގައުމަކީ ހަމަހަމަ ކަމަށް ބާރުއަޅާ ގައުމެއްކަމުން އަނބިމީހާ އަދި ފިރިމީހާވެސް މަސައްކަތް ކުރާނަމަ، އެ ޗުއްޓީ ދެމީހުންނަށް ބަހާލައިގެން ކުއްޖާއަށް 8 އަހަރު ވަންދެން ނެގެއެވެ. 480 ދުވަހުގެ ތެރެއިން 420 ދުވަަކީ އެމީހެއްގެ މުސާރައިގެ %80 ލިބޭ ގޮތަށް އޮންނަ ދުވަސްތަކެކެވެ. ދެމީހުން ކުރެ ކޮންމެ މީހަކަށް ވެސް ކުއްޖާއަށް 8 އަހަރު ވަންދެން، އެމީހުންގެ މަސައްކަތުގެ ގަޑި %25 އަށް ކުޑަކުރެވިދާނެއެވެ.
ސްވިޑެން ނޫން އެހެން ގައުމެއްގެ މީހަކަށް އެ ގައުމުގައި އުފަންވާ ދަރިއެއް ސްވިޑެންގެ ރައްޔިތެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް، އެހެން ގައުމުތަކުގެ މީހުންނަށް ސްވިޑެންގެ ރައްޔިތެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ސްވިޑެން ވެފައިވަނީ މާބަނޑު މީހުންނަށް އެންމެ އަޅާލާ އެއްގައުމުގެ ގޮތުގައެވެ