ޢ.އ
ލީބިޔާގެ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޒާފީއަކީ އާދަޔާޚިލާފު ލީޑަރެކެވެ. އެހެން ލީޑަރުންނާއި ޚިލާފަށް ޤައްޒާފީ އޭނާގެ ބޮޑީގާޑުންގެ ގޮތުގައި ގެންގުޅުއްވަނީ ރީތި، އެހެނަސް ހުޝިޔާރު އަންހެން ކުދިންނެވެ.
ބުނެވޭ ގޮތުގައި ޤައްޒާފީގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރާ ހުރިހާ އަންހެންކުދިންވެސް ވާންޖެހެނީ “ވާރޖިން” ކުދިންނަށެވެ. އަދި ރަސްމީކޮށް ވަޒީފާ ހަވާލުކުރަނީ ޢިއްފަތްތެރިވުމަށާއި، ޤައްޒާފީދޫކޮށް ނުދިޔުމަށާއި ރެޔާއިދުވާލު ޤައްޒާފީގެ ޚިދުމަތުގައި ދެމިތިބުމަށް ހުވައިކުރީމައެވެ. ނަމަވެސް ޤައްޒާފީއާއި އޭނާގެ ބޮޑީގާޑުންނާއި ގުޅުވައިގެން ތަފާތު ވާހަކަތައް ފެތުރިފައިވެއެވެ.
ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ އަންހެންކުއްޖަކީ ޖެހިލުމެއްނެތި ދުޝްމަނުން މަރާލުމަށް ހަމަލަދެވޭފަދަ ގާބިލު ކުއްޖެކެވެ. ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރާނެ ކުދިން ހޮވަނީ ޚުދު ޤައްޒާފީކަމަށްވެއެވެ. ޤައްޒާފީ ޤަބޫލްފުޅުކުރައްވަނީ އޭނާގެ ބޮޑީގާޑުންގެ ގޮތުގައި ހަނގުރާމައިގެ ތަމްރީނުތަކާއިއެކު މަސައްކަތްކުރުމަށް އަންހެންކުދިންނަށް ފުރުސަތުދިނުމަކީ ޝިކާރަވެރި ފިރިހެނުންގެ ފަރާތުން އެކުދިން ހިމާޔަތްކޮށް ބާރުވެރިކުރުވުން ކަމަށެވެ.
ސާޅީސް އަންހެން ކުދިންގެ މައްޗަށް އެކުލެވޭ “އެމެޒޯނިއަން ގާރޑްސް” އަކީ، ޤައްޒާފީގެ ކުލޯޒް ޕްރޮޓެކްޝަން ޓީމެވެ. މާޝަލް އާޓާއި ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނުތައް މިކުދިން ފުރިހަމަކުރަނީ ޚުދު ޤައްޒާފީ އުފައްދަވާފައިވާ އެކަމަށް ޚާއްސަ ޓްރެއިނިންގ ސެންޓަރެއްގައެވެ. ޤައްޒާފީ އަވަހާރަކޮށްލުމަށް 1998 ވަނަ އަހަރު ދިން ހަމަލައެއްގައި ޤައްޒާފީ ސަލާމަތްވެވަޑައިގެންނެވީ “އެމެޒޯނިއަން ގާރޑްސް”ގެ ވަރަށް ރީތި އަންހެން ބޮޑީގާޑެއް ޤައްޒާފީގެ ހަށިކޮޅުމައްޗަށް ވެއްޓިގަނެގެން އައްޑަނައަކަށް ވެގެންނެވެ.
ބޮޑީގާޑުން ނަލަހެދިގެން ތިބުމަކީ ޤައްޒާފީ ހިތްޕުޅާވާގޮތްކަމުން، މޭކަޕްކުރުމާއި، ލިޕްސްޓިކް ޖެއްސުމާއި ނިޔަފަތިތައް ޕޮލިޝްކުރުމާއި ހައިހީލްސް އަށް އެރުމަކީ ބޮޑީގާޑުންނަށް ހުއްދަ އަދި ތަރްހީބުދޭ ކަންކަމެވެ. ޤައްޒާފީގެ ބޮޑީގާޑެއް ފެންނަ އިރަށް ފިޠުރަތު ސަލާމަތުން ހުރި ފިރިހެނެއްގެ ހިތަށް އަސަރުނުކޮށް ނުދާނެއެވެ.
ރީތި އަންހެންކުދިންނާއި ޤައްޒާފީއާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް އޭނާގެ ބޮޑީގާޑުންނާއި ހަމައިން އަދި ނުނިމެއެވެ.
އިޓަލީވިލާތުގެ ރޯމުގައި 2009 ވަނަ އަހަރު އދ.ގެ ފަރާތުން ބޭއްވި ‘ފޫޑް ސަމިޓް” ގެ ހަވާސާގައި ޤައްޒާފީ، ދުއިސައްތަ އަންހެންކުދިންނަށް ޕާޓީއެއް ދެއްވިއެވެ. ޕާޓީގައި ބައިވެރިކުރާނެ އަންހެންކުދިން ހޮވުމަށް ކަނޑައެޅި ޝަރުޠުތަކުގެ ތެރޭގައި ރީތި އަންހެންކުއްޖެއް ކަމަށްވުމާއި، ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އިސްކޮޅުގައި މަދުވެގެން 1.7 މީޓަރުހުރި ކުއްޖެއް ކަމުގައިވުން ހިމެނެއެވެ.
މިނީސްކާޓާއި ކަރުބޮޑު ހެދުން އެޅުން މަނާކޮށްފައި އޮތް މި ޕާޓީއަށް އަންހެންކުދިން އައިއިރު ޕާޓީ ދެއްވަނީ ކޮން ބޭފުޅެއްކަން އޮތީ ސިއްރުކޮށްފައެވެ. އެއް ގަޑިއިރު އިންތިޒާރަކަށްފަހު ޕާޓީއަށް ހާޒިރުވެ ތިބި ފަރި އަންހެންކުދިންނާއި ބައްދަލުކުރެއްވީ ޤައްޒާފީއެވެ. ޕާޓީގައި ހުރިހާ އަންހެން ކުދިންގެ ކިބައިން ޤައްޒަފީ އެދިވަޑައިގެންނެވީ އެ ހުރިހާ ރީތި އަންހެންކުދިން އިސްލާމްވުމަށެވެ!
ދެގަޑިއިރަށް ދެމިގެންދިޔަ މި ޕާޓީ ނިމިގެން ގެޔަށް ދިޔައިރު ކޮންމެ އަންހެންކުއްޖެއްގެ އަތުގައި އޮތީ ފަންސާސް ޔޫރޯ ދީފައި ގަން ކީރިތި ޤުރްއާންގެ މުސްހަފެކެވެ.