މިދިޔަ އަހަރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި ޖުމްލަ 15.18 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މިރާއިން ބުނެފި އެވެ.
މީރާއިން ބުނީ މިއީ 2016 ވަނަ އަހަރާ އަޅައިބަލާއިރު %4.5 އިތުރު އަދަދެއްކަމާއި އަދި މިއީ 2017 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %4.2 އިތުރު އަދަދެއްކަމަށެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، 2016 ވަނަ އަހަރު މީރާއަށް ބަލައިގަނެފައި ވަނީ 14.52 ބިލިއަން ރުފިޔާއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، 2017 ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.36 ބިލިއަން ރުފިޔާއެވެ. މިއީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު %10.1 އަދަދެކެވެ. އަދި މިއީ 2017ޑިސެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %6.8 އިތުރު އަދަދެކެވެ.
2017 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %45.1 ނުވަތަ 6.85 ބިލިއަން ރުފިޔާއެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ %17.6 ނުވަތަ 2.68 ބިލިއަން ރުފިޔާއެވެ.
ޑިސެންބަރު 2017 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ ވެސް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %43.6 ނުވަތަ 593.88 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (283.47 މިލިއަން ރުފިޔާ ނުވަތަ %20.8) އިންނެވެ. އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ (112.63 މިލިއަން ރުފިޔާ ނުވަތަ %8.3) އާއި، ބީ.ޕީ.ޓީ (84.79 މިލިއަން ރުފިޔާ ނުވަތަ %6.2) އާއި، ގްރީން ޓެކްސް (60.97 މިލިއަން ރުފިޔާ ނުވަތަ %4.5) އަދި އެހެނިހެން ޓެކުހާއި ފީ (226.02 މިލިއަން ރުފިޔާ ނުވަތަ %16.6) ހިމެނެއެވެ.
ޑިސެންބަރު 2017 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 66.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.