ފާއިތުވި ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 10 އިންސައްތަ ވަނީ އިތުރުވެފައި ވާކަމަށް މޯލްޑިވްސް ކަސްޓަމް ސާރވިސް އިން ބުނެފި އެވެ.
އެ އިދާރާއިން ނެރެފައިވާ ޑިސެންބަރު މަހުގެ ތަފާސް ހިސާބުގައި ބުނެފައިވަނީ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރި މިންވަރުވެސް %96 އިތުރުވެފައިވާ ކަމަށާއި އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ޑިސެމްބަރު މަހު %8 އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޑިސެމްބަރުމަހު މިއަދަދުވަނީ 3.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 14 އިންސައްތަ ޔޫ.އޭ.އީ އަދި ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، އިންޑިއާ، ޗައިނާ އަދި މެލޭޝިއާއިން %10 މުދާ ވަނީ އެތެރެކޮށްފައިވެއެވެ.
މިއަހަރު ޑިސެމްބަރުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 286 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރުމަަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ.
2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު 200 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 391 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޑިސެމްބަރމަހު އެކްސްޕޯޓްކުރި މުދަލުގެ %61 ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 8.3 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާ އަށެވެ. އަދި ޖަރުމަން ވިލާތަށް 6.1 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު، ފްރާންސަށް 5.1 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.