twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެންއައިއައި އަށް ކުރިން ނުހިންގުނު ހޮސްޕިޓަލެއް އަލުންދީގެން ހިންގިދާނެ ބާ ؟

Jan 18, 2018

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކެއް ތަރައްގީކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އަބުދުﷲ ޔާމީންގެ ވައުދެކެވެ. އެ ވައުދުފުޅު ތަންފީޒުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަން އިއުލާންކުރެއްވީ މިހުސްވި އަހަރު ތެރޭގައި އެވެ. އެގޮތުން އުތުރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ހަވާލުކުރީ އިންޑިޔާގެ މަޝްހޫރު ނިމްސް ހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި އަލީ އުސެއިދު ނަމަކަށް ކިޔާ ދިވެއްސަކާއި ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެއްކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް(އެންއައިއައި) ކިޔާ ކުންފުންޏަކާ އެވެ. ނިމްސް 80 އިންސަތަށް ހިއްސާ އޮންނައިރު އަލީ އުސެއިދުގެ އޮންނަނީ 20 އިންސަތަ ހިއްސާ އެވެ.

ބޮޑު ޖަލްސާއެއް ބާއްވާ ބޮޑުތިލަދުންމަތީގެ ރައްޔިތުން ކުޅުދުއްފުއްޓަށް ގެނެސް އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓާ ހަވާލުކުރީ އެންމެންގެ ލޯ މަތީގައި އެވެ. ހަމައެކަނި ހަވާލުކޮށްލީއެއް ނޫނެވެ. ހޮސްޕިޓާ ތަރައްގީކުރާނެ ގޮތުގެ ބޮޑު ޓައިމްލައިނެއްވެސް ހާމަކުރީ އެވެ. އެ ޓައިމްލައިން ހާމަކުރުމުން އޭގައި އެވާގޮތަށް ހޮސްޕިޓާ ތަރައްގީނުކުރާނެކަން އޭރުވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެއީ ހަމައެކަނި ދަޅައެއްކަމަށް ބުނެ ޝޯސަލް މިޑީއާގައި ބޮޑެތި ބަހުސްތަކެއްވެސް ކުރެވުނެވެ. ރައްޔިތުންދިޔައީ ހޮސްޕިޓާ ޓައިމްލައިންގައިވާ ގޮތުގެ މަތިން ތަރައްގީކުރަމުންދޭތޯ ވަރަށް ގާތުން ބަލަމުންނެވެ. މާބޮޑެތި ކުރިއެރުންތަކެއް ނުލިބި އުޅެނިކޮށް ޑިސެމްބަރުމަހު ތެރޭގައި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެ ދެ ހިއްސާދާރުންގެ މެދުގައި ވަނީ “ތަޅާފޮޅުންގަނޑެއް” ހިނގަން ފަށާފަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ހިޔާނާތުގެ އިނގިލި ދިއްކުރަމުންދާއިރު މިހާރު އެތަން ވަގުތީގޮތުން ހަވާލުވެގެން ހިންގަމުންދަނީ ހެލްތް މިނިސްޓްރީންނެވެ.

އެންއައިއައި އިން ހިންގާފައިވަނީ ފައިސާގެ ޖަރީމާތަކެއް، ބިލުތައް ބަދަލުކުރީ މަޖުބޫރުކޮށްގެން: މުވައްޒަފުން

ކޮންމެއަކަށް އެންއައިއައި 6 މަސްވެގެންދިޔައިރު ހޮސްޕިޓާ ތަރައްގީކުރުމަށް ޓައިމްލައިނުގައިވާގޮތަށް އެއްވެސްކަމެއް ހާސިލްކުރެވިފައިނުވެ އެވެ. އެކަމަށް ބޮޑުތިލަދުންމަތީގެ އެންމެހާ ރައްޔިތުން ހެކިވާނެ އެވެ. މީގައި ސުވާލުއުފެދޭ ވަރަށް ގިނަ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެގޮތުން މިހާރު ނިމްސްއިން ބުނަނީ ހޮސްޕިޓާ ތަރައްގީނުކުރެވިގެންދިޔައީ އެތަނުގައި ތިބި ދިވެހި ހިއްސާދާރުންގެ ނާގާބިލްކަމުން ކަމަށެވެ. އެކަމަކު އެމީހުންގެ ނާގާބިލްކަން ނިމްސްއަށް އެނގުނީ މައްސަލަތައް ފެމަތިވީމަ ތޯ އެވެ. 80 އިންސަތަ ހިއްސާއޮތް އިރު އެކަންތައްތައް ސަރުކާރާއި ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ކުރިން ނިމްސް އިން ނުގެނައީ ކީއްވެގެން ތޯ ގިނަ ބަޔަކު ސުވާލުއުފައްދަ އެވެ. އަދި ސީދާ ނިމްސް އިން ފޮނުވާފައި ހުރި އަންހެނަކު ހޮސްޕިޓަލުގައި ހުންނެވިއިރު އެމީހާ މެދުވެރިކޮށް ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިނގީ ކީއްވެ ތޯ އެވެ.

މިއަދު ހަވާލުކުރިއަސް ހޮސްޕިޓާ ހިންގާނަން، ހުރިހާކަމެއް އޮތީ ތައްޔާރަށް: އެންއައިއައި

ކޮންމެއަކަށް ހޮސްޕިޓާ ހަވާލުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ގިނަ އަދަދެއްގެ އިންޑިޔާ ނަރުހުންތަކެއް މަގާމުން އިސްތިއުފާދިނެވެ. އަދި ނިމްސް ފޮނުވާފައި ހުންނަ ނުފޫޒުގަދަ ކަމަށްބުނާ އެ އަންހެން މީހާ އަމަލުތަކުގެ ސަބަބުން ކުރިން ތިބި ވަރަށް ރަނގަޅު ޑޮކްޓަރުންވެސް އިސްތިއުފާދެއްވާ ގައުމަށް ދިޔަ އެވެ. މިއީވެސް ސުވާލު އުފެދުނު ކަންތައްތަކެކެވެ. އިންޑިޔާގެ ހިއްސާ ބޮޑު ކުންފުންޏަކަށް ހަވާލުކޮށްފައިވާއިރު އިންޑިޔާގެ ނަރުހުންނާއި ޑޮކްޓަރުން މަގާމު ދޫކުރައްވައި ދިޔައީ ކީއްވެ ބާ އެވެ.

ނިމްސް ހިނގިކަމަށް ބުނާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަދެއްކެވީ ހަމައެކަނި އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދެއް ނޫނެވެ. އެތަނުގައި ހުރި އިންޑިޔާގެ ރައްޔިތެއްކަމަށްވާ ކަމަލް ޖޯޖްވެސް އެމޭރުމުން މީޑިއާގައި ވާހަކަދައްކާފައިވާއިރު އެ ހޮސްޕިޓަލުގެ މުވައްޒަފުންތަކެއްވެސް ވަނީ ނިމްސް އިން ފޮނުވާފައި ހުންނަ ނުފޫޒުގަދަ އަންހެން މީހާ އަންގައިގެން އާސަންދަ ބިލްތަކެއް އުސޫލުން ބޭރުން ބޮޑު އަގު ޖެހިކަމަށް ބުނެފަ އެވެ.

އެންއައިއައި ތެރޭގައި އޮތް މައްސަލަ ހައްލެއް ނުވޭ، އަނެއްކާވެސް އޮޅުވާލުމެއް: އުސެއިދު

ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީން ދިން ދިހަ ދުވަހުގެ މުހުލަތު ހަމަވެފައިވާއިރު އަދި މިކަމާ ގުޅިގެން ސަރުކާރަކުންވެސް މިނިސްޓްރީއަކުންވެސް ބަހެއް ނުބުނެ އެވެ. އަދި މިނިސްޓްރީގެ ތެރޭގައިވެސް މިޕްރޮޖެކްޓަށް ހަދާފައި ނަހަދާނެ ގޮތެއް ނޭނގިގެން އުޅޭއިރު އަދި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުކުރެވެމުންދާއިރު އެމައްސަލަތައް ނުބަލައި އެންއައިއައިއާ އަލުން ހަވާލުކޮށްފިނަމަ ކޮރަޕްޝަންގެ މިތުހުމަތުތަކަކީ ސީދާ މިނިސްޓްރީން ހިންގާ ޖަރީމާއެއްކަމަށް ގިނަ ބަޔަކު ބުނާނެ އެވެ.

އެންއައިއައި އިން މައި ހިއްސާދާރު ފައިޒަލް ހާން މިމައްސަލަ ހައްލުކުރެވިފައިވާކަމަށް ވިދާޅުވިނަމަވެސް ދިވެހި ހިއްސާދާރު އަލީ އުސެއިދު ވިދާޅުވަމުން ގެންދަވަނީ ކުންފުނީގެ މައްސަލަ ހައްލުކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ ހޮސްޕިޓަލުން، އެންއައިއައި އިން ކޮށްފައިވާ ހަރަދުތަކަށް ދައްކަން ޖެހޭ ފައިސާގެ ބިލުތައް އަދިވެސް ދައްކާފައިނުވެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޕްރޮޖެކްޓް ފެއިލްކޮށްލީ މިނިސްޓްރީ ތެރެއިން ތަ !?

ބާރުތައް އޮވެ ހިނގަން ދިން މުއްދަތުގައި ނުހިނގި އަލުން ހަވާލުކުރިޔަސް ކުޅުދުއްފުށީ ހޮސްޕިޓާ ހިންގިދާނެކަމާމެދު ގިނަ ރައްޔިތުން ސުވާލު އުއްފަދަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355