މިދިޔަ އަހަރު ނިމިގެން ދިޔައީ ރޯނުވެށުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި ކުޅި ހިއްކުމާ ދެކޮޅަށް އަޑު އުފުލި ގިނަ ބައެއްގެ ބޮޑު ބަހުސެއްގެ ތެރެއިންނެވެ.
ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ކުޅި ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގާތްގަނޑަކަށް ދެތިން މަހެއް ހާ ދުވަސް ކުރިން ވަރަށް ބާރަށް ސޯޝަލް މީޑިޔާގެ ތެރޭގައި ދެކެވުނު ވާހަކައަކީ ކުޅި ހިއްކުމުން ރޯނުވެށުމުގެ މަސައްކަތްކޮށް އުޅޭ ފަރާތްތަކަށް ދިމާވާނެ މާލީ ގެއްލުމުގެ ވާހަކަ އެވެ.
އެތަށް ބަޔަކު ބޮނބި ފާ ކުރުމަށް ބޭނުން ކުރަމުން އައި ކުޅި ހިއްކުމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށް މިކަމަށް ހައްލެއް ގެނައުމަށް ކުޅުދުއްފުށީ ކައުންސިލުން ފާޅު ކުރި މޮޅު ހިޔާލު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަަދު ނަޝީދު މިވަނީ ހަގީގަތަކަށް ހަދައި ދެއްވާފަ އެވެ.
މެމްބަރު ނަޝީދު ހަދިޔާކުރެއްވި ބޮނބިނަރު އުއްފަދާ މެޝިން–
އެގޮތުން ބޮނބި ނަރު އުފައްދައިދޭ މެޝިނެއް ކުޅުދުއްފުށީ ކައުންސިލަށް މެމްބަރު މުހައްމަދު ނަޝީދު ހަދިޔާކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. މީގެ ކުރިން “ކޭއޯ”އަަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން ވަނީ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ރޯނުވެށުން ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. އެއީ އަވަށްޓެރި އިންޑިއާގައި ރޯނު އުފެއްދުމަށް ބޭނުން ކުރާ މެޝިނަރީ ބޭނުން ކޮށްގެން ރޯނު އުފެއްދުމުގެ ހިޔާލެވެ.
ކުޅުދުއްފުއްޓަށް މި މެޝިން ހަދިޔާ ކުރެއްވުމުގެ ކުރިން ނަޝީދު ވަނީ 2018 ވަނައަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަދައްކަވަމުން ރޯ ބޮނބި، ނަރަށް ހަދައިދޭ މެޝިން ބަޖެޓުަގައި ހިމަނައިގެން ނުނީ ކޮންމެވެސް ކަހަލަ ސްކީމެއްގެ ދަށުން ނަމަވެސް މިކަހަލަ ތިން ހަތަރު މެޝިނެއް ކުޅުދުއްފުށީ ރައްޔިތުންނަށް ބޭނުންކުރޭވެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިފަ އެވެ.
މި މެޝިންގެ ސަބަބުން ބޮނބި ފާކޮށް، ބޮނބި ތެޅުމުގެ ބަދަލުގައި ހަމައެކަނި ރޯ ބޮނބި ބޭނުންކޮށްގެން ނަރު އުފެއްދުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފަ އެވެ.
ދެންއުފެދޭ ސުވާލަކީ މިކަން ރައްޔިތުން ބަލައިގަނެދާނެ ތޯ އުފެދޭ ސުވާލެވެ. ޔަގީނުންވެސް މެޝިން ބޭނުންކޮށްގެން މި މަސައްކަތް ކުރަން ހައްޓަށްވެސް ފަސޭހަވާނެއެވެ. އެކަމަކު މި މަސައްކަތުގައި އުޅޭ ފަރާތްތަކަށް މިކަން މާ ކަމުނުގޮސްވެ ދާނެއެވެ. އެގޮތުން ގިނަބަޔަކު އުފައްދާ ސުވާލަކީ ކޮލިޓީގެ ވާހަކައެެވެ. އަމިއްލަ މަސައްކަތުން އުފައްދާ ރޯނާއި މެޝިން ބޭނުންކޮށްގެން އުފައްދާ ރޯނުގައި އަންނާނެ ތަފާތެވެ. ފަހަރުގައި މި ބަދަލަށް އަދި އެމަސައްކަތް ކުރާ ފަރާތްތައް ތައްޔާރު ނުވެދާނެއެވެ. އެހެންމަވެސް ބޮނބި ފާކުރާނެ ތަނެއް ނުލިބިގެން އަންހެންވެރިން ކުރާ ޝަކުވާއަށް މިއަށްވުރެ ރަނގަޅު ޖަވާބެއް ދެވިދާނެ ކަމާމެދު ޝައްކެވެ.
ބޮނބިނަރު އުފައްދާ މެޝިނުން، އުއްފަދާފައިވާ ބޮނބިނަރުތަކެއް–
ދެން އުފެދޭ ސުވާލަކީ ރޯނުގެ އަގަށް ކިހާވަރެއްގެ ތަފާތެއް އަންނާނެބާ އެވެ. މާ ބޮޑު އުޖޫރައެއް މެޝިނުން ނުނަގާނެ ކަމަށް ކައުންސިލުން ބުނެފައިވާއިރު ރޯނުގެ އަގަށްވެސް ބޮޑު ތަފާތެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކަށް ވަނީ މީގެ ކުރިންވެސް ރޯނު ވެށުމުގެ މަސައްކަތް ގިނަ އަންހެންވެރިން ކުރަމުން އައީ ބޮނބި ގަނެގެން ކަމަށް ވާތީއާއި އޮޅާ ހަމައަށް ބޮނބި ގެންގޮސް ގެނެސް ހެދުމަށް މީގެ ކުރިންވެސް ޕިކަޕް ފަދަ ތަކެތީގެ ބޭނުން ކުރަމުން އައީ އިތުރު ބަޔަކަށް އުޖޫރަ ދީގެން ކަމަށްވާތީ އެވެ.
މި މެޝިންގެ ސަބަބުން ކުރިއަށްއޮތް ތަނުގައި ރޯނުވެށުން އާ ހަރުފަތަކަށް ގެންދެވޭނެއެވެ. ބުރަ މަސައްކަތުން ކުރަމުން އައި މި މަސައްކަތަށް ލުއިގޮތެއް ފަހިވެގެން ދިޔަ އިރު އުންމީދަކީ ކުރިއަށް އޮތް ތަނުގައި މި މަސައްކަތާ ޒުވާނުންވެސް ގުޅުމެވެ.