ކުޅުދުއްފުށި ކުނީގެ މައްސަލައަކީ އެކަމަކަށް ހައްލެއް ބޭނުންވާ އެހެންނަމަވެސް އެދެވޭ ހައްލެއް މިއަދާ ހަމައަށްވެސް އަސްފައިނުވާ މައްސަލައެކެވެ.
ކުނި ނައްތާލުމަށް ތަފާތު ވައްތަރުގެ ކުނި އެއްތަނެއްގައި އަންދަމުން ދާއިރު އޭގެން އަރާ ދުމުން މުޅި ސަރަހައްދު އޮންނަނީ ކިލަނބު ވެފައެވެ. ކުނިކޮށްޓާ އިންވެގެން ސްޓޭޑިއަމް އޮންނައިރު ހަމަ އެހާ ކައިރީގައި ކުދިން ތައުލީމު ހާސިލު ކުރަމުންދާ ސްކޫލެއްވެސް އޮވެއެވެ. ސިއްހީގޮތުން އަޅަންޖެހޭ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތި ކުނިކޮށީގެ އެތެރޭގައި ކުނި އަންދަމުން ދާއިރު އޭގެން އަރާ ދުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ސިއްހަތަށް ގެއްލުންތަކެއް ވެއެވެ.
ކުނިކޮށީގައި އަންދަމުންދާ ކުނީގެ ދުންތައް ސްޓޭޑިއަމް އަށް ފެތުރިފައި–
ސްޓޭޑިއަމްގައި ތަފާތު ކަސްރަތުތައް ކުރުމުގައްޔާއި، ކުޅިވަރުގެ އެކި އެކި ހަރަކާތްތަކުގައި މަޝްއޫލުވެގެން އަބަދު ކަހަލަ ގޮތަކަށް ސްކޫލު ކުދިންނާއި އާންމުން އުޅޭއިރު، ކުނި ކޮށީގައި ކުނި އަންދާ ދުވަސް ދުވަހަކީ އެމީހުންނަށް ވަރަށް އުންދަގޫ ވާ ދުވަސް ދުވަހެވެ. އެކަމުގެ ޝަކުވާ ސްކޫލުތަކުންނާއި އާންމުންވެސް ކެނޑިނޭޅި ކުރަމުންދެއެވެ. ކުނި ކޮށްޓަށް ކުނި އެޅުމުގައިވެސް ބައެއްމީހުންގެ ފަރުވާވެސް ކުޑަކަން އެހިސާބަށް ގޮސް ބަލާލުމުން އެނގޭނެއެވެ. ކުނިކޮށީގެ ބޭރުން އޮންނަ މަގަށް ވެސް ބައެއްމީހުން ކުނިކޮތަޅު އެއްލާލާފައި އެބަދެއެވެ. ކުނިވާ ޒާތުގެ މިފަދަ ތަކެތި މަގަށް ހާމައަށް އެއްލާލާފައި ދިއުމަކީ ތަފާތު ރޯގާތަކަށް މަގުފަހިވާނޭ ކަންކަމެވެ. އަދި ކުނި ހާމައަށް އެންދުމަކީވެސް ސިއްހީ އެތައް މައްސަލަތަކެއް ކަރިމަތި ކުރުވާ ކަމެކެވެ.
މިއީ އަބަދުވެސް މިކަން ކުރަމުން އައި ގޮތޭ، ކުނި އަންދައިގެން ވާނީ ކޮން ގެއްލުމެއްހޭ ބުނާއިރު އޭގެން އަރާ ދުމަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. މިހެން އެންދޭ ކުނިބުނީގެ ކުދިކުދި އެތިކޮޅުކޮޅު ދުމަށް އަރައިގެން ޖައްވުގެ ތެރޭގައި ހަރުލައެވެ. މިދުން ޖައްވުގައި ގިނަވެ ބައެއްފަހަރު އެސިޑްރެއިން އަށް މަގުފަހިވެއެވެ. އަދި މިދުމުގެ ތެރޭގައި ނޭވާލުމުން، ނޭވާލާނިޒާމަށް ގެއްލުންތަކެއް ލިބެއެވެ. މިގޮތަށް ކުނި އަންދާއިރު ކާބަންޑައިއޮކްސައިޑް، ހައިޑްރޯކާބަންސް، މާކިއުރީ، ޑައިއޮކްސިންސް، ފިއުރަންސް، އާރސެނިކް، ލެޑް، ކާބޮންމޮނޮކްސައިޑް، ނައިޓްރޮޖެން އޮކްސައިޑް، ސަލްފާ އޮކްސައިޑްސް އަދި ހައިޑްރޯކްލޮރިކް އެސިޑްސް ގިނަ އަދަދަކަށް ބޭރުވެއެވެ. މިއީ މުޅިންވެސް ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުންދޭ މާއްދާ ތަކެވެ.
ކުނިކޮށީގައި އަންދަމުންދާ ކުނީގެ ދުންތައް ސްޓޭޑިއަމް އަށް ފެތުރިފައި–
މަތީގައި ފާހަގަ ކުރެވުނު މާއްދާ ތަކުގެ ތެރެއިން ޑައިއޮކްސިންސް އާއި ފިއުރަންސް އަކީ ސިއްހަތަށް ވަރަށް ނުރައްކާތެރި އަސަރުތަކެއް ކުރާ ދެ މާއްދާއެވެ. އެގޮތުން ތަފާތު ބާވަތްތަކުގެ ކެންސަރާއި މި މާއްދާތައް ވަނީ ގުޅިފައެވެ. މީގެ އިތުރުންވެސް ދަރިމައިވުމުގެ ނިޒާމާއި ދިފާއީ ނިޒާމަށްވެސް ގެއްލުންވެއެވެ. އަދި ހެދިބޮޑުވަމުން އަންނަ ކުދިންގެ ނާވަސް ސިސްޓަމް އަށް ވެސް ގެއްލުންތަކަކާއި ކުރިމަތިވެއެވެ. ސިއްހީ މައްސަލަތަކުގެ އިތުރުން ތިމާވެއްޓައްވެސް މި ދެމާއްދާއިން ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. ދިރޭއެއްޗެހީގެ ކާނާއަކަށް ވެފައިވާ ފަތްތަކުގައި މި ނުރައްކާތެރި މާއްދާ ހަރުލައެވެ. އަދި އެއެއްޗެހި ކެއުމުގެތެރެއިން ހަށިގަނޑަށް އެތެރެވެއެވެ. ބައެއް ދިރޭ އެއްޗެއްސަކީ އަހަރެމެންގެ ކެއުމުގެ ތެރޭން ބޭނުންކުރެވޭ އެއްޗެހިކަން ވެސް ވިސްނާލާށެވެ. މި ވިހަ މާއްދާ ތަށް އަހަރެމެންގެ ހަށިގަނޑުގެ ތެރެއަށްވެސް ވަނުމަކީ އޮތްކަމެކެވެ. ދުނިޔެހޫނުވުމާއި ކަޑުގެ ލޮނުގަނޑު އުފުލުން ފަދަ ގުދުރަތީ ކަންތައްތައް ދިމާވުމުގައި ކުނި އަންދާ ދުމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.
ކުޅުދުއްފުށީގެ ކުނި މެނޭޖްކުރުމުގެ ކަންތައްތަކާއި ފެނަކަ ކޯޕަރޭޝަން އިން ހަވާލުވެފައިވާއިރު، ކުނި އެންދުމުގައި މި ކަންތައްތަކަށް ވިސްނާލުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. ރަށަށް ލިބޭ ކޮންމެ ގެއްލުމަކީ ހަމަ ރަށުގެ އެންމެންނަށްވެސް ލިބޭ ގެއްލުމެކެވެ.