twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި އަތްތެރި މަސައްކަތް މިއަށްވުރެ ފުޅާދާއިރާއެއްގައި ފެނިދާނެބާ !

Feb 1, 2018

ކުޅުދުއްފުއްޓަކީ ޒަމާނުއްސުރެ މަސައްކަތްތެރިކަމަށް ފޯރި ހުންނަ ރަށެކެވެ. މަސްވެރިކަމާއި، ރިހާކުރު ކެއްކުމާއި، ރޯނު ވެށުމާއި، ކިއްސަރު އަދި ތެދުއި ވަޑާންކުރުމާއި، ކަނބުރުވެރިކަމާއި، ލިޔެލާޖެހުމާއި މިހެން ގޮސް އެތައް އެތައް ކަމެއް އަތްތެރި މަސައްކަތުގެ ގޮތުގައި މިރަށުގައި ކުރަމުން ދެއެވެ.

ހާލުފޮޅިއެޅުމަކީ ހަމަ އެކަނި ކުޅުދުއްފުއްޓަށް ހާއްސަ މަސައްކަތަކަށްވެ އޭގެ ނަން ރަށަށް މަޝްހޫރުވިއެވެ. ދަނޑުވެރިކަން ކުރުމަށް ބޮޑެތި ބިންތައް ނެތްނަމަވެސް ބައެއް މީހުން އޭރުވެސް ގަސް އިންދާ ހައްދަމުންވެސް ދިޔައެވެ. ރާވެރިކަމާއި ދިޔާހަކުރު ކެއްކުމަކީވެސް ކުޅުދުއްފުށީގައި ވަރަށް ފޯރިއާއެކު ކުރަމުން އައި މަސައްކަތެކެވެ. އަދި ހަމަ އެގޮތުން ކާސީދާކުރުން ފަދަ މަސައްކަތްތައްވެސް އޭރު ފެންނަމުން ދިޔައެވެ.

އެންމެ ފަހުން ދިން  “ތިލަދެކުނު ޝަރަފުވެރިކަމުގެ އެވޯޑު”ގައިވެސް ކުޅުދުއްފުށީގެ 6 މީހަކު ހިމެނުނުކަން އެއީ މަސައްކަތްތެރިކަން އަދިވެސް ކުޅުދުއްފުށީގައި ބަބުޅާ ކަމުގެ އަލިގަދަ ހެއްކެކެވެ.

ޒަމާން ބަދަލުވަމުން އައިސް މިފަދަ މަސައްކަތްތަކަށް މިވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. މި މަސައްކަތްތަކަށް އޮންނަ ޑިމާންޑު ބޮޑު ނަމަވެސް، ރަށުގައި ތިބެގެން މި މަސައްކަތްތައް ކުރާ މީހުން މިހާރު ވަރަށް މަދެވެ. މި މަސައްކަތްތަށް ކުރަމުން އަންނަނީ އަބަދުވެސް އެކަމުގައި އުޅެމުން އަންނަ އެއް ބައެކެވެ. މި މަސައްކަތްތަކުގައި ކުރި ފަޅައި ހެދެމުން އަންނަ ތަނެއް ނުފެނެއެވެ. މިޒަމާނުގައި ގިނަ މީހުންގެ ނަޒަރުގައި މިއީ އެހާ ކަމުދާ މަސައްކަތްތަކެއް ނޫނެވެ. ބައެއް މީހުންނަށް މިފަދަ މަސައްކަތްތައް ފޫހި ނުވަތަ ހަޑި މަސައްކަތަކަށްވެއެވެ. ނޫނީ މި މަސައްކަތްތައް ކުރާ މީހުންނަކީ އެއްވެސް ބައެއް ނޫންކަމުގައި މުޖުތަމައުގެ ބައެއްމީހުން ގަބޫލު ކުރާތަން އެބަ އާދެއެވެ. ގިނަ ފަހަރަށް މިފަދަ މަސައްކަތްތައް ކުރިނަމަވެސް މިފަދަ ރޮނގު ރޮނގުން ކުރިއަށް ދެވޭނެ މަގުތައް ވަރަށް ދައްޗެވެ. އެހެން ވުމުގެ ސަބަބުން ޒުވާނުން މި ކަންކަމާއި ގަޔާވެ އެފަދަ މަސައްކަތްތައް ކުރާ މިންވަރު ދަށްވެއެވެ. ނަތީޖާ އަކަށް ވަނީ ރަށުގެ މިފަދަ މުހިންމު މަސައްކަތްތަކެއް ނެތެމުން ދިއުމެވެ. މިއީ އާލާކޮށް ގިނަ ޖީލު ތަކަކަށް ފޯރުކުރެވޭ ފަދަ ގޮތަކަށް ދިރުވަން ޖެހޭ މަސައްކަތްތަކެކެވެ.

ރާއްޖޭގެ ރަށެއްގައި ބަންނަން ފަށާފައިވާ އޮޑިއެއްގެ ފޮޓޯ

ކުރިއާއި މިހާރު ހުރިހާ ގޮތަކުން ބެލި ކަމުގައިވިޔަސް ވަރަށް ތަފާތެވެ. އެހެންނަމަވެސް މިފަހަރު ނަޒަރު ހިންގާލާނީ ހަމައެކަނި މަސައްކަތް ތެރި ކަމަށެވެ. އިހުގެ ދުވަސްވަރު ކަން އޮތްގޮތް ބަލާލަމާ ހިނގާށެވެ. ބައްޕައާއި މަންމަ ނުވަތަ ފިރިހެންވެރިންނާއި އަންހެންވެރިން އަބަދުވެސް ފެންނާނީ ކޮންމެވެސް މަސައްކަތެއްގައި މަޝްއޫލުވެގެން އުޅޭތަނެވެ. ފަތިސް ނަމާދުގެ ބަންގިން ފަށާގޮތައް އެމީހަކު ކުރާ މަސައްކަތަކައިގެން އެމީހަކު އަވަދި ނެތި އުޅެން ފަށައެވެ. މުޅި ރަށުގެ ކުދި ބޮޑު އެންމެންހެން، މުޅި ރަށް އެކި މަސައްކަތް ތަކުން ފަޅުފިލުވާލައެވެ. މިފަދަ މަސައްކަތްތަކުގައި، އެމަސައްކަތް ކުރާ މީހުންގެ އާއިލާގެ މެންބަރުން އަދި އެމީހުންގެ ދަރިންވެސް ބައިވެރި ކުރާތަން ފެނެއެވެ. އޭރަކު އެއްވެސް އާއިލާއަކުން މަސައްކަތެއް ކުރަން ނޭނގޭ މީހަކު ނުފެންނާނެއެވެ. ގޭތެރޭގައި ކުރަން ހުންނަ ކަންތައްތަކުން ފެށިގެން އެމީހަކަށް ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ކުރަން އެނގޭ ވަރަށް އެންމެން ވެސް ތިބޭނީ ތަމްރީނު ލިބި އެކަންކަމަށް ގާބިލު ބަޔަކަށް ވެފައެވެ.

ބޯވަޅުއެޅުމުގެ މަސައްކަތް ކުރަމުންދަނީ

އެހެންނަމަވެސް މިހާރު ފެންނަނީ މިއާ ވަރަށް ތަފާތު މަންޒަރެކެވެ. ގިނަ މީހުން އުޅެނީ އޮފީސް ތަކުގައެވެ. ދަރިން ސްކޫލަށް ގެންގޮސް ގެނެސް، ޓިއުޝަން ތަކަށާއި ޤުރުއާން ކުލާސްތަކަށް ގެންގޮސް ގެނެސް ހެދުމުގައި ބެލެނިވެރިން އުޅެނީ ވަރަށް ބުރަކޮށެވެ. ދުވަސް ނިމޭއިރު މިކަންކަމުން އަވަދިވެ ހުންނަނީ ވަރުބަލި ވެފައެވެ. އިތުރު މަސައްކަތެއް ކުރާނެ ވަގުތެއް ނޯވެއެވެ. އަނެއްކާވެސް އޮންނަނީ އަނެއް ދުވަހަށް ތައްޔާރުވާން ޖެހިފައެވެ. ކިޔެވުމުގައި ހޭދަ ކުރާ ގިނަ ވަގުތު ތަކަށް ފަހު ކުދިން ވެސް ތިބެނީ ވަރުބަލިވެފައެވެ. ވަގުތެއް ލިބުނަސް ގިނަ ކުދިން ވަގުތުތައް ހޭދަ ކުރަނީ ޓީވީ ބެލުމުގައާއި، ތަފާތު ގޭމްތައް ކުޅުމުގައެވެ. ނޫނީ އެކުދިންގެ ރަހުމަތްތެރިންނާއި އެކުގައެވެ. ގިނަ ބެލެނިވެރިންނަށް ކުދިންނަށް އެކިއެކި މަސައްކަތް ދަސްކޮއްދޭނޭ ވަގުތެއްވެސް ނުލިބެއެވެ.

ފަންގ ވިނުމުގެ މަސައްކަތް ކުރަމުން ދަނީ

މަސައްކަތްތެރިކަން ދިރުވަން ބޭނުންނަމަ މިހާރު ކުރެވެން އޮތް ހަމައެކަނި ކަމަކީ ސްކޫލުތަކުން އެކަމަށްވެސް ހާއްސަ އިސްކަމެއްދިނުމެވެ. ސަބަބަކީ މުޖުތަމައުގައި ޖީލުތައް ތަރުބިއްޔަތު ކުރަމުންދާ ބަޔަކީ ސްކޫލުތައް ކަމަށްވާތީއެވެ. ކުދިން ދުވާލުގެ ބޮޑުބައެއް ހޭދަ ކުރަނީ ސްކޫލުތަކުގައި ކަމަށް ވާތީއެވެ.

މަސައްކަތްތެރިކަމަށް ކުދިން އަހުލުވެރި ކުރުމަށް ސްކޫލު ފެންވަރުގައި ތަފާތު މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ހިންގި ދާނެއެވެ. އަދި ކުދިންގެ ހުނަރު ދައްކާލުމަށް އެކިއެކި މަސައްކަތްތެރިކަމުގެ މައުރަޒުތައް ބޭއްވިދާނެއެވެ. މިކަންކަމުގައި މަސައްކަތް ދަންނަ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދިދާނެއެވެ. ސްކޫލުގައި ކިޔެވުމަށް ކުރިއަށް ގެންދެވޭ ގަޑިތަކުގެ ތެރެއަށް މަސައްކަތްތެރިކަމުގެ ގަޑިއެއް ލުމަކީވެސް ކުރެވިދާނެކަމެކެވެ. މިފަދަ ގަޑިތަކުގެ ސަބަބުން ކުދިން ހެލިފެލިވެ އުޅޭމިންވަރު އިތުރުވެ، ސިއްހީގޮތުންވެސް އެތައް ފައިދާތަކެއް ލިބި ކުދިން އިތުރަށް ދުޅަހެޔޮ ބަޔަކަށް ވުމަށްވެސް އެހީތެރިވެދެއެވެ. ދުނިޔޭގެ ބައެއް ގައުމު ތަކުގެ ތައުލީމީ އޮނިގަނޑު ބިނާވެފައި އޮންނަނީ މިފަދަ ގޮތެއްގެ މައްޗަށެވެ. ކިޔެވުމުގެ އިތުރުން ތަފާތު މަސައްކަތްތައްވެސް ކުދިންނަށް ދަސްކޮށްދެމުންދެއެވެ.

އެހެންކަމުން މުޖުތަމައުގައި އުފެއްދުންތެރި ޖީލެއް ބިނާ ކުރުމަށްޓަކައި ކުރުން މީ ވަރަށް މުހިންމު ކަމެކެވެ. މިކަމަކީ އަޅުގަނޑުގެ ނަޒަރުގައި އެއްވެސް ބެލެނިވެރިޔަކު ދެކޮޅު ހަދާނެ ކަންކަމެއް ނޫނެވެ. އަދި ނެތެމުން ދާ އެކިއެކި މަސައްކަތްތައް ދިރުވުމަށް މީ ވަރަށްވެސް ރަނގަޅު ކަމެކެވެ. ކުޅުދުއްފުށީގައި އަތްތެރިމަސައްކަތްތެރިކަން މިއަށްވުރެ ފުޅާ ދާއިރާއެއްގައި ފެނިދާނެ ކަމެކެވެ. މިފަދަ ކަންތައްތަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ކުޅުދުއްފުށްޓަކީ ގިނަ މަސައްކަތްތެރިންތަކެއް އުޅޭ ރަށަކަށް ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355