ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 17 އިންސައްތަ އިތުރުވެފައިވާކަމަށާއި އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ހުސްވި ޖެނުއަރީ މަހު %23 އިތުރުވެފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
އެއިދާރާއިން ނެރުނު ޖެނުއަރީ މަހުގެ ތަފާސް ހިސާބުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 276 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ޖެނުއަރީ މަަހު ލިބިފައިވަނީ 224 މިލިއަން ރުފިޔާ ކަމަށެެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު މިޢަދަދުވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 20 އިންސައްތަ ޔޫ.އޭ.އީ އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ %19 އަދި އިންޑިއާއިން %12 މުދާ ވަނީ އެތެރެކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ %41 ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 10 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާ އަށެވެ. އަދި ޖަރުމަން ވިލާތަށާއި އިނގިރޭސިވިލާތަށް 8 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު، ފަރަންސޭސިވިލާތަށް 7 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.
ފާއިތުވި ޖެނުއަރީ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ 2017 ޑިސެމްބަރމަހާ އަޅާބަލާއިރު 6 އިންސައްތަ އިތުރުވެފައިވެއެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރމަހު 445 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނައަހަރުގެ ޖެނުއަރީމަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 474 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.