އިބްރާހިމް ހަމީދު
ހަނދު މަހެއްގެ 14 ވިލޭރޭ އިރާކޮޅު ފަޒީލަށް ކޮޓަރިތެރޭގައި އޮއްވާ ނިދި ޖެހިލިތަނާހެން ހިތް ނުތަނަވަސް ވާފަދަ ހުވަފެނެއް ފެނިގެން ހޭލެވުނެވެ. އެއާއެކު އެފިނި މެންދަމުގެ ވަގުތު ތެދުވެ އެނދުމަތީގައި އިނށީދެލިއެވެ. އަދި އެފެނުނު ހުވަފެނާއި ދޭތެރޭ ފަޒީލް ވިސްނާލާފައި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުމެއްޖެއެވެެ. ރަށަކީ 24 ގަޑިއިރު ކަރަންޓް ހުންނަ ރަށަކަށް ނުވުމުން އިރާކޮޅު ކަރަންޓް ދިނުމަށް ހިންގާފައި ހުރި ޖަނެރޭޓަރު ހުރީ ނިއްވާލާފައެވެ. ރަށުތެރެ އާއި ގޯތިތެރެ ވަރަށް އަނދިރިިއެވެ. ނަމަވެސް ހަނދުވަރުދޭ ރެެއަކަށް ވުމުން އުޑުގައިވާ ތަރިތަކުން އެއަނދިރިކަން ރަށު ތެރެއަކުން އެހާބޮޑަށް ފާޅެއްނުވެއެވެ.
ފަޒީލް އުޅެމުންދާ ގޭގެ ކުރިމަތީ ހުރި ގޭ އުނދޯލި ހެއްލެމުންދާ އަޑުއިވިއްޖެއެވެ. އަދި އެއުނދޯލި ހެއްލަމުން ދިޔައިރު އެއިވޭ ތޫލި އަޑު ފަޒީލްގެ ކަންފަތަށް އިވެމުންދެއެވެ. ކުއްލިއަކަށް އިވިގެންދިޔައީ އެ އުނދޯލިގެ އާއި ދިމާއިން ވަރަށް ބާރަށް މީހަކު ގަދަ ކެއްސާލިއަޑެވެ. ދެތިން ފަހަރު އެ އަޑު އިވުމަށްފަހު އެ އަޑު އިވުން ހުއްޓުނެވެ. އަނެއްކާވެސް ކަންފަތުގައި އައިސް ޖެހުނީ އެއުނދޯލިގެ އާއި ދިމާއިން ކުޑަކުއްޖަކު ރޮއިގަތް އަޑެވެ. އެއާއެކު ނިދި އަޑަކުން އަންހެނަކު ކުދިން ނިންދެވުމަށް ރީތި ނާނާއެއް ކިޔާ އަޑު އިވުނެވެ. އެވަގުތު ފަޒީލްގެ އަތުގައި އޮތް އަތުކުރި ގަޑިއަށް ރަގަޅަށް ބަލާލިއެވެ. އަތުކުރީގައި އޮތް ގަޑި އަކީ ދިއްލޭ ގަޑިއަކަށް ނުވުމުން އެ އަނދިރީގައި ގަޑިން ވީއިރެއް ނޭގުނެވެ.
ފަޒީލް ޖީބުގައި އޮތް ސިގިރެޓް ފޮށި ނަގާ ސިިގިރޭޓެއް ރޯކޮށްލުމަށްފަހު ގޭގެ އަސްކެނިދަށުގައި ރާނާފައިވާ ފާރުބުރިމަތީގައި އިށީނދެލުމަށް ހިގައިގަތެވެ. އެވަގުތު ފަޒީލްގެ ހިތަށް އަރަމުން ދިޔައީ މެންދަމުގެ ހަމަހިމޭންކަމެވެ. މިއީ މީހުން އެބުނާ ފައިހިިިލަވަޅު އޮބުމޭ ހިތާހިތުން ފަޒީލް ކިޔާލުމަށްފަހު ފާރު ބުރިމަތީގައި އިށީނެވެ. ފާރުބުރިމަތީ އިށީނދެ ހަމަޖެހިލިއެވެ. އަދި ތުންފަތގައި ސިނގިރޭޓް ޖަހާލުމަށްފަހު އެތެރެއަށް ވަރަށް ފުންކޮށް ދަމާލިއެވެ. ފަޒީލް އެވަގުތު ހަނދާނަށް އައީ ފަޒީލް ގެ އަންހެނުންނާ ދަރިންގެ މަތިންނެވެ. އެމީހުން ތިބޭނީ ގޭގައި ބާވައޭ ނޫނީ މައިދައިތަ މެންގެ ގޭގައި ބާވައޭ ހިތާހިތާ ސުވާލު ކޮށްލިއެވެ. ހަމަ ގައިމުންވެސް މިރަށަށް ނޮޅިވަރަމަށް އަންނަން ފުރީއިރު ތިބޭނީ ގޭގައެވެ.
ފަޒީލް މިދަތުރަށް ފުރިއިރު ފަޒީލްގެ ދިރިއުޅުމުގެ ތެރެއަށް ވަރުގަދަ ކޮޅިގަނޑެއްގެ ވައި އަރަމުން ދިޔައެވެ. އެއީ އަންހެނުންގެ ނުވިސްނުމާއި ގޮތްދޫނުކުރުމުގެ ކޮޅިގަނޑެއްގެ ވަޔެވެ. އެއްދުވަހުން އަނެއްދުވަހަށް ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ޖެހެމުންދިޔައެވެ. ނަތީޖާ އަކަށްވީ ފަޒީލަށް ލިބޭ މުސާރަ މަސް ނިމޭއިރު އިތުރު ކަމެއް ކުރަން ނުހުންނަކަމެވެ. އެހެންނަމަވެސް ފަޒީލްގެ އަންހެނުންނަކީ ހަރަދުކުރުމުގައި އެއްވެސް ވަރަކަށް ބަލައިގެން އުޅޭ މީހެއް ނޫނެވެ. އެކަމުގައި ދެމީހުންގެ ހިޔާލު ތަފާތުވެ އެންމެފަހުން ބޮޑު ޒުވާބަކަށް އެކަންތައް ވެގެން ދެއެވެ.
(ނުނިމޭ)