އުރީދޫ މޯލްޑިވްސް ގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ހޮޓެލް ޖެން ބާއްވާފައެވެ.
މި ޖަލްސާގައި ޖުމްލަ 89 ހިއްސާދާރުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން 23 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށައަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 66 ހިއްސާދާރުންވަނީ ހޮޓެލް ޖެންއަށް ވަޑައިގެން އޭޖީއެމްގައި ބައިވެރިވެފައެވެ.
އޭޖީއެމްގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދެއްވާފައި ވަނީ، 135،304،207 (ސަތޭކަ ތިރީސް ފަސް މިލިއަން، ތިންސަތޭކަ ހަތަރުހާސް ދުއިސައްތަ ހަތް) ހިއްސާއެވެ.
މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާފައިވަނީ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީގެ ޗެއަރމަން، ޑޮކްޓަރ އޭ ހާމިދު މޯޑް އޭ މަރާފީއެވެ. މި ޖަލްސާ ފައްޓަވައިދެއްވަމުން ޑޮކްޓަރ މަރާފީ ވިދާޅުވެފައިވަނީ 2017 ވަނަ މާލީ އަހަރު ވަރަށް ރަނގަޅުކަމަށާއި އަހަރީ އާމްދަނީ އަދި ފައިދާ ދަނީ އަހަރަކަށްވުރެ އަހަރެއް %14 އިތުރުވަމުން ކަމަށެވެ. އަދި މި ކުރިއެރުންތަކުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޑިޖިޓަލް މޯލްޑިވްސްއެއް ޤާއިމުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިޖަލްސާގައި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ނަޖީބް ޚާން 2017 ވަނަ އަހަރު ކުންފުނިން ކޮށްފައިވާ މުހިންމު ކަންތައްތަކާއި ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެއްވިއެވެ. މިގޮތުން ކުންފުނިން ވޭތުވެދިޔަ އަހަރުގެ މާލީ ނަތީޖާއާއި ކޯޕަރޭޓް ރެސްޕޮންސިބިލިޓީގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ހިއްސާގެ ބާޒާރުގައި ކުންފުނި ހިނގާފައިވާ ގޮތް، އަދި ކުންފުނީގެ މުވައްޒަފުން ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް ހިމެނެއެވެ.
މި މަޢުލޫމާތުތައް ފޯރުކޮށްދެއްވަމުން ނަޖީބު ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު ނިމިގެން ގޮސްފައިވަނީ އުރީދޫ މޯލްޑިވްސްގެ މާކެޓް ކެޕިޓަލައިޒޭޝަން 1.8 ބިލިއަނަށްވުރެ އިތުރުވެ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި ހިމެނިފައިވާ ކަމަށާއި ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 580 މިލިއަން ރުފިޔާ ހޯދާފައިވާއިރު ސާފު ފައިދާގެ މާޖިން ވަނީ 2017 ވަނަ އަހަރު %31 އިތުރުވެފައި ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު ކުންފުނިންވަނީ %18ގެ ކުރިއެރުމެއް ހޯދާފަ ކަމަށްވެސް ނަޖީބް ވިދާޅުވި އެވެ..
ކުންފުނީގެ 2017 ވަނަ އަހަރުގެ މާލީ ނަތީޖާއަށް ބެލުމަށްފަހު، ޑިރެކްޓަރުން ހުށަހަޅުއްވާފައިވާ ގޮތުގެ މަތިން، ހިއްސާދާރުންވަނީ، ހިއްސާއަކަށް 3.20 ރުފިޔާ (އުރީދޫ މޯލްޑިވްސް ގްރޫޕުގެ ސާފު ފައިދާގެ %85) ޑިވިޑެންޑްގެ ގޮތުގައި ފާސްކޮށްފައެވެ.