twitterviber whatsapp telegramfacebookyoutube instagram
8th June 2025

ފާއިތުވެދިޔަ މަހު މީރާއިން 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

May 12, 2018

މިިދިޔަ އޭޕްރިލްމަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %2.8 އިތުރު އަދަދެކެވެ. މި އަދަދާއިއެކު މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާވަނީ ބަލައިގަނެފައެވެ.

އެޕްރީލް މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުމެވެ. އަދި ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.

އެޕްރީލް 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %64.0 ނުވަތަ 742.0 މިލިއަން ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %6.5 ނުވަތަ 74.86 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި %6.1 ނުވަތަ 70.97 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ (55.05 މިލިއަން ރުފިޔާ ނުވަތަ %4.7)، އެއަރޕޯޓް ސަރވިސް ޗާޖް (54.83 މިލިއަން ރުފިޔާ ނުވަތަ %4.7) އަދި އެހެނިހެން ޓެކުހާއި ފީ (161.67 މިލިއަން ރުފިޔާ ނުވަތަ %13.9) ހިމެނެއެވެ.

އެޕްރީލް 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355