ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގައި ރޯހައުސްތަކެއް އަޅަން ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ.
ބިމުގެ ދަތިކަން ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާއިރު ވަކިން ދިރިއުޅުމެއް އުޅެން ބޭނުންވާ އެތަށް ޒުވާނުންނެއް އެބައުޅެ އެވެ. މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ތިން ސަރަހައްދެއްގައި ޖުމްލަ 166 ރޯހައުސް އިމާރާތް ކުރަން ފެށި އެވެ. އެއީ ހިއްކި ސަރަހައްދުގައި އަޅާ 100 ރޯހައުސް އާއި ޖަލާލުންދީން ސްކޫލު ކައިރީގައި އިމާރާތްކުރާ 18 ރޯހައުސް އަދި ހަސަނާތު މިސްކިތް ކައިރީގައި އިމާރާތްކުރާ 40 ރޯހައުސް އެވެ. މިތަނުން މަސައްކަތް ނިމި ކައުންސިލާ ހަވާލުކޮށްފައިވަނީ ޖަލާލުއްދީން ސްކޫލު ކައިރީގައި އިމާރާތްކޮށްފައިވާ ރޯހައުސް ތަކެވެ. ހިއްކި ސަރަހައްދުގައި އިމާރާތްކުރަން ފެށި ރޯހައުސްތައް ވަނީ ހުއްޓިފަ އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނެވިއިރު ޖަލާލުއްދީން ކައިރީގައި ހުރި ރޯހައުސްތަކުގެ މަސައްކަތް ވަނީ އެކޮށް ނިންމާލެވިފައިވެ އެވެ. ނަމަވެސް މިވީ ފަސް އަހަރުގެ ތެރޭގައިވެސް އެ ރޯހައުސްތައް އޭގެ ހައްގުވެރިންނަށް ހަވާލުނުކުރެވި ތަފާތު އެކި ބަހަނާތައް ސަރުކާރުން ދަނީ ދައްކަމުންނެވެ. ވަކިން ހާއްސަކޮށް ހައުންސިންގ މިނިސްޓްރީންނެވެ. އެކި ފަހަރު މަތިން އެ ރޯހައުސްތައް ބެލުމަށްޓަކާ މިނިސްޓްރީން ވަފުދުތައް ކުޅުދުއްފުއްޓަށް ޒިޔާރާތްކޮށް، “ވަރަށް އަވަހަށް” ރޯހައުސްތައް ރައްޔިތުންނަށް ހަވާލުކުރާނެ ކަމަށް ބުނެ އޮޅުވާލާފައިވެ އެވެ.
ތަކުރާރުކޮށް ހައުންސިންގ މިނިސްޓްރީއަށް ގުޅައިގެން ރޯހައުސްތަކުގެ މައުލޫމާތު ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ. ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ރޯހައުސްތަކުގެ މައްސަލަށް ވީހާވެސް އަވަހަކަށް ހައްލުކޮށްދެވުމަށް ތަކުރާރުކޮށް މިނިސްޓްރީގައި ދަންނަވާފައިވާނޭ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މިނިސްޓްރީން އެއްވެސް އިޖާބައެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯހައުސް މައްސަލާގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް: ކުޅުދުއްފުށީ ކައުންސިލްގެ ރައީސް
ސަރުކާރުން ބޭނުންވެގެން މާފިލާފުށި ދެ އާއިލާއަކަށް އެތަނުން ރޯހައުސްދީ، އެމީހުން އެތަނުގައި ދިރިއުޅެމުންދާތާ މިހާރު ހަތަރު އަހަރަށްވުރެ ގިނަ އަހަރު ވެފައިވާއިރު ގުރުއަތުން އެ ރޯހައުސްތައް ލިބުނު ފަރާތްތަކަށް އެތަން ނުދީ ސަރުކާރުން ހިފަހައްޓަމުންދަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
” ސަރުކާރުން ބޭނުންވީ ބަޔަކަށް ދެ އާއިލާއަކަށް (މާފިލާފުށީ ދެ އާއިލާ). އެތަނަށް ވަންނަން ހުއްދަދޭން. ހަމަ ވަގުތުން އެއް ހަފްތާތެރޭގައި އެކަން ހަމަ ހަމަޖެހިގެންދިޔަ.” ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބޭނުންވުމުގެ ވަގުތުން އެ ދެ އާއިލާއަށް ރޯހައުސް ވަދެވުނު ކަމަށާއި ނަމަވެސް ގުރުއަތު އެތަނުން ރޯހައުސް ލިބުނު 18 އާއިލާއަށް އެ ރޯހައުސްތަކަށް ވަނުމުގެ ފުރުސަތު ނުދީ އޮތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ރޯހައުސްތައް ރައްޔިތުންނަށް ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އަދި މިހާރުވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ ހައުންސިންގ މިނިސްޓްރީގެ އިހްލާސްތެރިކަމާމެދު ސުވާލުއުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަތަރު އަހަރުވެގެންދާއިރު ނިމިފައި ހުރި ރޯހައުސްތަކެއް ހަވާލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިމާރާތްކުރަން ފަށާފައިވާ ރޯހައުސްތައް ނިންމާ، ހައުސިންގ ގެ އާ މަޝްރޫއުއެއް ފަށާނަން: މުއިއްޒު
” މިހާރު އަޅުގަނޑަށް ގަބޫލުކުރެވެނީ ރިޔާސީ އިންތިހާބުގައި ވޯޓްލާން ދެ ތިން ދުވަހަށް ވީމަ ދިނުމަށްޓަކާ ލަސްކުރާ ލަސްކުރުމެއް ކަމަށް.” އަބުދުލް ލަތީފް ވިދާޅުވި އެވެ.
މިއަހަރުގެ ކުރީކޮޅު ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހީމް ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ހަދަން ފަށާ، މިހާރު ހުއްޓިފައި ހުރި ރޯހައުސްތަކުގެ މަޝްރޫއު ވަރަށް އަވަހަށް ފަށައި އަދި މުޅިން އަލަށް ގެދޮރުވެރިކަމުގެ އާ މަޝްރޫއުއެއް ފައްޓަވާނެ ކަމަށެވެ. ނަމަވެސް މިނިސްޓަރު އެހެން ވިދާޅުވި ފަހުން މިހާރު އެތަނެއް މަސްތަކެއްވެފައިވާއިރުވެސް އެވިދާޅުވި އެއްވެސް ކަމެއް ހިލަމެއް މިރަށަކުން ފެންނަމަކުނެއް ނުދެ އެވެ.