twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސިއްހީ ބޮޑު ނުރައްކަލެއް، ބަލި އުފައްދާ ކާރުހާނާއެއް !

Jun 10, 2018

ނުވަދިހައިގެ އަހަރުތަކަށް ޖެހިލަމާ ހިނގާށެވެ. އޭރު އާއްމު ރޯގާއެއް ފެތުރެނީ އަހަރު މަދު ފަހަރަކު އެވެ. ރޯގާ އެއް ނުވަތަ ހުމެއް ވިޔަސް އަވަހަށް ރަގަޅުވެ އާއްމު ހާލަތަށް ބަދަލުވާލެއް އަވަހެވެ.

އެއީ އެދުވަހުގެ ވާހަކަ އެވެ. މިއަދުގެ ހާލަތު ތަފާތެވެ. މިއަދު އަބަދުވެސް އުޅެންޖެހެނީ ކޮންމެވެސް ރޯގާއެއް އާއްމުވެ ގިނަ ބަޔަކަށް އޭގެން ސަލާމަތް ނުވެވިގެންނެވެ. އަހަރު ފެށެނީ ވެސް ރޯގާ އަކާ އެކު އެވެ. ކޮންމެ ސްކޫލް ބަންދަކަށް ފަހު ހުޅުވޭއިރުވެސް ރޯގާ އެވެ. އަހަރު ނިމެނީވެސް ރޯގާއެއްގެ ވޭނުގެ އެވެ.

ކުޅުދުއްފުށީ ކުނިކޮއްޓަށް ނަޒަރު ހިންގާލާއިރު ނެޕީއާއި ކުނިވާ ޒާތުގެ ކުނިތައް އެހުންނަނީ ހާމައަށް އުކާލާފަ އެވެ. އެތަކެތި ކުނިވެ ފުޅައަޅައި އެއިން މެހި އުފެދި ވީރާނާވެ ދަނީ ހާމައަށެވެ. ބައެއް ވައްތަރުގެ ކުނިވާ އެއްޗެހި ކާޅު ތުނބުލައިގެން ގޭގޭ ފުރާޅަށް ގެންގޮސް ވެސް ވީރާނާވެ އެވެ. ބޮޑު އާބާދީއަކުން ކޮންމެ ދުވަހަކުމެ އުފެދޭ އެތަށް ކުންޏެއް އުކާލަމުންދާއިރު އެތަކެތި ރައްކާތެރިގޮތުގައި ނައްތާލެވޭނެ ނިޒާމެއް ކުނިކޮށީގައި ގާއިމުކުރެވިފައިނެތުމަކީ ބަލިމަޑުކަމަށް ދެވޭ ފެހި ސިގްނަލަކަށްވަނީ ވެފައި އެވެ.

އެހެން މަސްތަކާއި ހިލާފަށް ކޮންމެ ރޯދަމަކު ކުނިވާޒާތުގެ ތަކެތި އުކާލާއި މިންވަރު އިތުރުވުމުން މެހި އުފެދޭ މިންވަރު އޮންނަނީ އިތުރުވެފައިވެ އެވެ. މިކަމުގެ އެސަރަހައްދުގެ ރައްޔިތުންނަށް މެހީގެ އުނދަގޫ ރޯދަމަހު އޮންނަނީ އެހެން މަސްމަހާ އަޅާފައި ބޮޑުތަކުން އިތުރުވެފައިވެ އެވެ. މެއްސަކީ ނުރައްކާތެރި ބަލިތައް ފަތުރާ އެއްޗަށްވާއިރު ކުނިކޮށި ވެފައި އޮންނަނީ ބަލި އުއްފަދާ ކާރުހާނާއަކަށެވެ.

ކުނިކޮށީގެ އެހެން މައްސަލައަކަށް ބަލާލާއިރު ކުޅުދުއްފުށީގައި އުފެދޭ ހުރިހާ ޒާތެއްގެ ކުނި ޖަމާކޮށް އެ ކުނިތައް ނައްތާލަމުންދަނީ ސިއްހީގޮތުން އެއްވެސް މިންގަނޑަކަށް ފެތޭގޮތަކަށް ނޫނެވެ. ކުނި އަންދަމުންދާއިރު އޭގެތެރޭގައި އެންމެ ނުރައްކާތެރި ދުން އަރާ ޕްލާސްޓިކާއި ލަކުޑީގެ ބާވަތްތަކާއި އެހެންވެސް ވިހަ ދުން އަރާނެ އެތައް ކުންޏެއް އެތަނުގައި ރޯކުރެއެވެ.

ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާބެހޭ ގޮތުން ކުޅުދުއްފުށީގެ އާންމު ސިއްހަތު ބަލަހައްޓާ އިދާރާއިން މައުލޫމާތު ދޭގޮތުގައި، ކުނިކޮށީގައި އަންދާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް އަރާނެއެވެ. އެއީ ވިހަ ގޭސްތަކެއްކަމުން ނޭވާލާ ނިޒާމުގެ މައްސަލަތަށް ދިމާވެ ފުއްޕާމެއަށް ގެއްލުންވެއެވެ. އަދި ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމަށް އެ އިދާރާއިން ބުނެއެވެ.

ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާބެހޭ ގޮތުން މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ކުޅުދުއްފުށީ ޕަބުލިކް ހެލްތު އޮފިޝަލު މުހައްމަދު އަބުދުލް ރަހްމާނު ވިދާޅުވީ، ކުނިކޮށީގައި އަރާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް، މީތޭއިން ފަދަ ސިއްހީ ގޮތުން އެތަށް ނުރައްކާތެރި ގޭހެއް އަރާނެއެވެ.

“ނިއުކުލިއާ ނޫން ހުރިހާ ނުރައްކާތެރި ގޭހެއް އެތަނުން އަރާނެ، ކުނިކޮށި ސަރަހައްދަކީ ސިއްހީ ގޮތުން އެއްވެސް ރައްކާތެރިތަނެއް ނޫން” ކުޅުދުއްފުށީ ޕަބުލިކް ހެލްތް އޮފިޝަލް މުހައްމަދު ވިދާޅުވި އެވެ.

އެއީ ވިހަ ގޭސްތަކެއްކަމުން ނޭވާލާ ނިޒާމުގެ މައްސަލަތަށް ދިމާވެ ފުއްޕާމެއަށް ގެއްލުންވާނެ ކަމަށާއި އަދި ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށް މުހައްމަދު ވިދާޅުވެފައިވެ އެވެ.

ކުޅުދުއްފުށީ ކުނިކޮށީގައި ކުނި ނައްތާލަމުންދަނީ އަނދައިގެން–

ކުނިކޮށީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުވައްސަސާތަކާއި ކައުންސިލުން މީގެ ކުރިންވެސް އެކި ފަހަރުމަތިން ގިނަ ބައްދަލުވުންތަކެއް ބާއްވާ، ހައްލުކޮށްދިނުމަށް އެދިފައިވެ އެވެ. އަދި ހެލްތް އޮފިސަރުންވެސް މިމައްސަލަ ސަރުކާރުގެ ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް ސަރުކާރުން މިމައްސަލަ ހައްލުކޮށްދިނުމަށް ވަނީ ފެއިލްވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355