މި އަހަރުގެ ޖޫންމަހުގައި މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު %41.0 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %18.5 އިތުރު އަދަދެކަމަށް ވެސް އެ އިދާރާއިން ހާމަ ކުތެޔެވެ.
2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ ފިތުރު އީދު ބަންދާ ގުޅިގެން ޖޫން 2017ގެ ހުރިހައި ޓެކުހުގެ ސުންގަޑިތައް ޖުލައި މަހަށް ފަސްކުރެވިފައިވުމެވެ. އަދި، 2017 ވަނަ އަހަރާއި އަޅައިބަލާއިރު މި އަހަރު ގިނަ ރިސޯޓުތަށް ހުޅުވިފައިވުމުގެ ސަބަބުން ޓޫރިޒަމް ލޭންޑް ރެންޓް، ޓީ.ޖީ.އެސް.ޓީ، އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.
ޖޫން 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި %4.2 ނުވަތަ 162.05 މިލިއަން ރުފިޔާ، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި (114.98 މިލިއަން ރުފިޔާ ނުވަތަ %3.6)، ގްރީން ޓެކްސްގެ ގޮތުގައި (54.27 މިލިއަން ރުފިޔާ ނުވަތަ %3.6) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (208.5 މިލިއަން ރުފިޔާ ނުވަތަ %16.2) ހިމެނެއެވެ.
ޖޫން 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.