މުޅި ރާއްޖެއަށް ބަލާށެވެ. މިއަށްވުރެ ފޯރީގައި ބޮޑު އީދު ކުޅިވަރު ކުޅޭ ރަށެއް ނޯންނާނެ އެވެ. ބޮޑު އީދު ގާތްވުމާއެކު ކުޅުދުއްފުށި އަބަދުވެސް ފުރާލަނީ އެހެންވެ އެވެ. އެއީ ރަށަށް އެތައް ފައިދާއެއް ކުރާ ކަމަށްވާއިރު ވިޔަފާރިތަކަށް ވެސް ބޮޑު ނަފާއެއް މިދުވަސްވަރު ވަދެ އެވެ.
އަވަށު ވާދަވެރިކަމުގައި ތިން އަވަށުގައި ބޮޑު ސްޓޭޖެއް އަޅައިގެން މަޝްރޫހު ބޭންޑްތައް ގެނެސްގެން ޝޯ ބޭއްވި ރަށެއް ކުޅުދުއްފުށި ނޫނީ މި ރާއްޖޭގައި ނޯންނާނެ އެވެ. ރެޔަކު ބޭންޑެއް ވެސް ޝޯ ދީފައިވެ އެވެ. އެއީ ފޯރީގެ ވާހަކައެވެ. އަސްލު ކުޅުދުއްފުށީގެ ޓްރޭޑްމާކަކީ ސަގާފީ އީދު ކުޅިވަރުތަކެވެ. ރަށަށް ހާއްސަ ސަގާފީ ކުޅިވަރުތަކެއް ހުރުމަކީ ފަހުރެކެވެ.
މަށިމާލި ފެރޭޑް–
މަށިމާލި ޕެރޭޑާއި ދަމުހިނގުން، ހިއްޗަށްވަޑައިގަތުން، ބޮޑުފައިވާނުގައި ހިނގުން ފަދަ އެތައް ކުޅިވަރަކީ މި ފަހުރުގެ ބަޔެކެވެ. ދަފި ގުރޫޕުތަކާއި ކޯނޑި އާއި މިހެންގޮސް އެތައް ކުޅިވަރުތަކެއް ވެސް އެބަ ހުއްޓެވެ. ކުޅިވަރުގެ ފޯރިއާއި ޖޯޝާއެކު ރައްޔިތުން އެކުވެރިވެ އެއްބައިވަނީ އެހެނެއް ނޫނެވެ.
އެކަމަކު އެ އުފާވެރިކަމާއި އެކުވެރިކަމަށް މިއަދު އެޅިފައިވާ ހިޔަނި ބޮޑެވެ. ގިނަ ކުޅިވަރުތައް މާޒީވެ އަސްލު ނެތިގެން ހިނގައްޖެ އެވެ. އީދުގައި ނެގި ފޯރި އާއި ޖޯޝެއް ވެސް ނެތެވެ. އަވަށު ވާދަވެރިކަމާއި އެއްބައިވަންތަ ކަމެއް ވެސް ނެތެވެ. މިއީ ތަހުޒީބާއެކު ކުޅުދުއްފުއްޓަށް އައި ނުބައި އާދައެއް ނޫންބާވަ އެވެ؟
ހިއްޗަށްވަޑައިގަތުން–
އީދު ކުޅިވަރުތަކުގައި އިސްކޮށް އުޅޭ މި ރަށުގެ ރައްޔިތަކު ބުނި ގޮތުގައި އީދު ކުޅިވަރުތައް ވަޅު ޖެހެން މެދުވެރިވި އެތަކެއް ސަބަބުތަކެއްވެ އެވެ. އެންމެ ބޮޑު ސަބަބަކީ ކުރީގައި ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން މިހާރު ނެތުމެވެ. އަދި އިސް ނަގައިގެން ކަމެއް ކުރާނެ ޒުވާނުން ނުވުމެވެ.
“ކޮންމެ ކަމެއްވެސް މިހާރު މިވަނީ ފައިސާތަކެއް ދީގެން ކުރަން، ރަށު ލޯބީގަ މިފަދަ ކަންތައް ކުރާނެ ބަޔަކު ނެތް،” އީދު ކުޅިވަރުތަކުގައި އިސްކޮށް އުޅޭ އެ މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އީދު ކުޅިވަރުގައި ރަށް ކައްކުވާލަން ރަށު ކައުންސިލްގެ ވެސް މާބޮޑު ޝައުގުވެރިކަމަކާއި ސަމާލު ކަމެއް މިހާރަކު ނޯވެ އެވެ. އެއްބާރުލުން ދިނުމެއް ވެސް ނެތް ކަމަށެވެ.
ދަމުހިނގުމުގެ ތެރެއިން–
ކުޅިވަރުތަކުގައި އުޅޭ އެހެން ޒުވާނެއް ބުނީ އީދު ކުޅިވަރުތައް ކުރިއަރުވާ އާލާކުރުމަށް ކައުންސިލުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. ކަންކަން ނުވަނީ ކައުންސިލުން އީދު ކުޅިވަރުތައް ބާއްވަން އިސްނުނަގާތީ ކަމަށް ވެސް ބުންޏެވެ. ސަގާފީ ކުޅިވަރުތަކަކީ ކުރީގައި ރަށު އޮފީހާއި ކުރީގެ ކައުންސިލްތަކުން މަސައްކަތްކޮށްގެން ކުލަގަދަކޮށް ބޭއްވި ކަންކަން އޭނާ ފާހަގަކުރި އެވެ. އެގޮތުން އީދު ކުޅިވަރު ކޮމެޓީއެއް އެކުލަވާލައި ސަގާފީ ކުޅިވަރުތަކުގައި އިސްކޮށް އުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރާ ކަމަށެވެ.
އަންހެނުންގެ ދަފި–
ވަރަށް ދެރަ އެވެ. އެކަމަކު ހަގީގަތެވެ. މިހާރު މިއީ އީދު ފޯރިގަދަ ކުޅުދުއްފުއްޓެއް ނޫނެވެ. ބޮޑު އާބާދީއެއް އޮންނަ މިރަށުގައި މިކަންކަން ދިރުވާ އާލާކުރާނެ ބައެއް ނެތެވެ. އެބަޔަކު އެބަ ބޭނުންވެ އެވެ. އާބާދީ ބޮޑު މި ރަށަށް އީދު ވަނދުވެއްޖެނަމަ އެއީ ރަށަށް އެކަނި ލިބޭ ގެއްލުމެއް ނޫނެވެ. މުޅި ރާއްޖޭގެ މުއްސަނދި ސަގާފަތުން ވެއްޓިގެން އެ ދަނީ ވަރަށް މުހިންމު އަދި ފެހިކަން ގަދަ ފަތެކެވެ. މިކަމާ ވިސްނާލާށެވެ.
ކުޅުދުއްފުށީގައި ބޭއްވި ސްޖޭޓް ޝޯއެއްގެ ތެރެއިން–