twitterviber whatsapp telegramfacebookyoutube instagram
28th March 2024

ތޮށިނެތް އޮރެންޖުގެ ނުރައްކާ

Apr 22, 2011

ނަބީލް

މިރޭ މިފެންނަނީ އާދައިގެ ކަމެއް ނޫނެވެ. އަޖައިބެކެވެ. މޭޒުމަތީގައި އޮތް އޮރެންޖު ކޮތަޅު އޭގައި އެ އޮތް ހަތް އޮރެންޖު އެކަތި އަނެކެއްޗަށް ބަހުސްކޮށް ޒުވާބުދީ އެހަދާތަން ފެނުމަކީ ދުނިޔެމަތީގެ ކަމެއް ނޫނަސް ފެނުނީމާ ދެން އިންކާރުކުރާނީ ކިހިނަކުން ހެއްޔެވެ؟ ދުނިޔެ ޤިޔާމަތް ވީ ނޫން ކަމެއް ވެސް ނޭނގެއެވެ.

ކުއްލިއަކަށް ސިއްސައިގެން ދިޔައީ،… އެތަނުން އެކަތި އަމިއްލަ އަމިއްލައަށް އޭގެ ތޮށިގަނޑު އެއޮށް ނޮޅާލީއެވެ. އަހަރެން ބިރުގެންފައި ތަލިހިކިފައި ފިކުރު ހުސްވެފައި ގުޑިލާން ނޭނގިފައި އިނީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތިން އިނގިލި އެއް ފަހަރާ އަނގަޔަށް ލައި ދައި ގަތީމެވެ.

މެއްސާއި އެއާއިލާގެ ސޫފިތައް ތޮށިނެތް އޮރެންޖު ވަށައިލައިފިއެވެ. އަހަރެން އިނީ މަންޒަރު ބަލާން ނުކެރި ނުބަލާން ނުކެރި އިން ތަނުން ހެލިލާން ނުކެރި، ހަދާނެ ގޮތް ނޭނގިފައި ދުނިޔެމަތީން މި ފެންނަ ޢަޖައިބާއެކު ފުރާނަ ގެންދަވަން އެދެވިފައި އަންތަރީސްކަމުގެ ނިހާޔަތުގައި ހިސާބަކަށް މާޔޫސްވެފައެވެ.

ވާ ގޮތް ދެކޭން ތިބެފައި، އޭގެ އައްސި އިހުސާސްވާ ހިސާބުގައި ތިބެފައި ކުރިމަތިން ފެންނަ މަންޒަރުގައި ލޯހާކައިން ތިބެފައިމެ، ވިސްނުމެއް ނެތި، އެހެން އޮރެންޖުތައް ވެސް އޭގެ ތޮށިތައް ވީދަވީދާފައި އުކަން ފަށައިފިއެވެ.

ހުރި ބިރުވެރިކަމާއި ހިތާމައިގެ ބޮޑުކަމާއެވެ. ތޮށިގަނޑު އޭގެ މުނާސަބު ނޫން ވަގުތުގައި ނޮޅާލެވިއްޖެ ކޮންމެ މޭވާއަކަށް އޮތީ ކުނިވުމާއި ފީވުމެވެެ. ނާކާމިޔާބާ ބަދުނަސީބެވެ. އޭރުން މާތްކަލާނގެ ޝަރަފުވެރިކުރެއްވި އިންސާނަކު އެއެއްޗަކާއި ގާތް ވާކަށް ކަމަކު ނުދާނެއެވެ.

ކަންވީ އެހެންނެވެ. އޭގެ މީރު ފޮނިކަން ހިނދި ފެންވެ ފީވެއްޖެއެވެ. މިހާރު ބުރަނީ ކުނަމެއްސެވެ.

ބިރުން އަހަރެން ފިލަންދާނީ ކޮންތާކަށްހެއްޔެވެ؟ ގަދަ އަޑުފައްގަނޑަކާ އެކު، ކުއްލި ދުންގަނޑެކެވެ. ނުބައި ވަހަކާއެކު އަނދިރިގަނޑެކެވެ. އެޔޮއް ގޮސް ހިނދުނީ ސިޓިންރޫމުގައި ހުރި ކޮންޕިޔުޓަރުގެ ސީޕީޔޫ ބުޑަށެވެ. އިރުކޮޅަކުން ބެލިއިރު ތަރައްގީ ދުނިޔޭގެ މަސައްކަތްތެރިޔާ ކޮންޕިޔުޓަރު ނަޖިސްވެއްޖެއެވެ.

ނަތީޖާއަކީ އެތަކެތި އިންސާނާގެ ލޮލަށް އެޅި އޭގެ ކުނި ދިޔައިން ދެލޯ ހަޑިވެ، ސިކުނޑިއަށް އަސަރުކުރުމެވެ. މިހާރު އިންސާނާގައި ހުރީ ސިކުނޑިއެވެ. ބުއްދިއެއް ނެތެވެ. ހެޔޮނުބައި ވަކިކުރުމުގެ ގާބިލިއްޔަތެއް ނެތެވެ. ލަދާ ހަޔާތް އުދުއްސައިގެންޖެއެވެ. ހުރިހާ ގޮތަކުން ތޮށި ނޮޅިއްޖެއެވެ.

މައިބަފައި އޮޅިއްޖެއެވެ. މައިދައިތައާއި އަނބިމީހާ ވަކި ނުވެއްޖެއެވެ. އެއްފުރާ ކުދީންނާއި މާމަމެން އޮޅުން ފަދައިން ގޭގޭ ކޮޓަރިތަކާއި ރަށްރަށުގެ ގޮނޑުދޮށާއި ވެސް އެއްތަނެއް ކަމުގައި ބެލެވިއްޖެއެވެ. އަދި ހަރާމާ ހަލާލާ، ދީނާ ޤާނޫނާ އޮންނާނެ ހިސާބު ބުނެދޭނީ ކިހިނެއްހެއްޔެވެ؟

ގެރިބަކަރި ޖަމަލު އިންސާނުންނަށް މާބަނޑުވެއްޖެއެވެ. މުށުފޯނާ ޓީވީ، ވެބްކެމަރާއަށް ދޮންދަރިން ލިބިއްޖެއެވެ. އަތިރިއަތިރި މަތީގައި ހުރި ކަކުނި ހޮރުތަކަށް ދާންދެން ފަސްއަޅާން ޖެހިއްޖެއެވެ.

މި ކިޔާ އެއްޗަކީ ތޮށިނެތް އޮރެންޖުގެ ވީޑިއޯތަކުން ހަޑިވަމުން ދިޔަ ފޯނުތަކާއި ޓީވީތަކާއި ކޮންޕިޔުޓަރުތަކާ އެކުއެކީ ކުނިވި ދެލޮލާއެކު، ނަފުސާއި ހިތާއި ޚަރާބުވެ ސިކުނޑި ހަލާކުވެ މުޖުތަމަޢު ގެ ފޭރާންވީދި އިންސާނުން ހުރިހާ ގޮތަކުން ތޮށިނޮޅިއްޖެ ވާހަކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355