twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރައްޔިތެއްގެ ޝުޢޫރު: ރައްޔިތުންނަށް ތަދު އިހުސާސްވާން އެބަޖެހޭކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމުން…

Apr 23, 2011

ރައްޔިތެއްގެ ޝުޢޫރު

އަހަރެމެންނަށް ތަދުކުރަންޖެހޭ ސަބަބެއް އިއްޒަތްތެރި މިނިސްޓަރު ނިކަން ބުނެދެއްވާށެވެ. އެއީ ވޯޓްނުދިނީމާހެއްޔެވެ؟ ސިޔާސިގޮތުން ދެފިކުރެއްވީމާހެއްޔެވެ؟ ނޫނީ އަހަރެމެން މިނިސްޓަރުންނަށް ނުވެ، ހަމަ ރައްޔިތުންނަށް ވީމާ ހެއްޔެވެ؟

ކުރިން އަހަރެމެންނަށް ތަދުވިއެވެ. ނަމަވެސް މިހާރު މިތިބީ އައްސިވެފައެވެ.

ކާބޯތަކެތީގެ އަގު ޖައްވަށް ފަޒާޔަށް އަރައިގެން ހިނގައްޖެއެވެ. އިގްތިސޯދީ މި ވޭންވަރު ލައިގަތީ އަހަރެމެން އާންމު ރައްޔިތުންގެ ސަބަބުންކަމަށްވާނަމަ، އަހަރެމެންނަށް ތަދު އިހުސާސް ވާންޖެހޭނެކަމަށް ތިޔަ ބޭފުޅާ ވިދާޅުނުވިޔަސް ގަބޫލުކޮށްފާނަމެވެ. ނަމަވެސް، ތަކެތީގެ އަގު އުފުލި، ޑޮލަރުފަހާ ފުލުހުންދުވެ، ޑޮލަރުތައް ހޯދާ، އޭގެ އަގު އުފުލީ އަހަރެމެންނެއް ނޫނެވެ. ބިދޭސީ މަސައްކަތު މީހުންގެ ކަންތައް ބޮއްސުން ދުއްވާލީ އަހަރެމެންނެއް ނޫނެވެ. އިގްތިސޯދު މިސްމެނޭޖްކުރަނީ އަހަރެމެން، ނުވަތަ ތިޔަ ވިދާޅުވާ ރައްޔިތުންނެއް ނޫނެވެ. އެ ކަންކަން ކުރީ ސަރުކާރެވެ. ތިޔަ މިނިސްޓަރު ބޭފުޅުންނެވެ.

ވީމާ، ތަދު އިހްސާސް ވާންޖެހޭނީ ސަރުކާރަށެވެ. ތިޔަ މިނިސްޓަރު ބޭފުޅުންނަށެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ބައްޓަން އޮންނަނީ އަބަދުވެސް ކޮންމެ ނުރަނގަޅުކަމެއްގެ ޒިންމާ ރައްޔިތުން އުފުލާ ގޮތަށެވެ. ރައްޔިތުންނާއި ދިމާލަށް ކަލޭމެންނަށް ތަދު އިހްސާސްވާންޖެހެއޭ މިނިސްޓަރަކު ވިދާޅުވުމުން، ދިވެހިން ކޮސް ނުވިޔަސް، ތަހުޒީބު ޑިމޮކްރެސީއެއްގެ ވަސް ނޭފަތުކުރީގައި ޖެހިފައިހުރި މީހެއްވިޔަސް ބުއްދި ފިލާދާނެއެވެ.

މަގުމަތިން ހިނގާފައި ދަނިކޮށް ބުރިކަށްޓަށް ހަރާވަޅީގެ ތަދެއް މިހާރަކުނުވެއެވެ. ވަޅިހެރުން އެއީ ދުވަހުގެ އާދަޔަކަށްވެ، އެޔަށް ހޭނުނީއެވެ. ބަލާޔަށް ގޮވުމާއި ޤަޒުފުކުރުމާއި، ބާޒާރުމަތީ ބަހުރުވައިން، ކަންފަތަށް ކުރިންވީ ތަދެއް މިހާރަކު ނުވެއެވެ. އިއްޒަތްތެރި މެންބަރުން އެބޭފުޅުންގެ އިމްތިޔާޒުގެ ތެރޭގައި އެކަން ކުރައްވާލެއް ގިނަކަމުން ކަންފަތް އެޔަށް ހޭނިއްޖެއެވެ. ކުޑަކުދިންނަށް ކުރާ ގޯނާގެ އަޑު އަހާފައި ހިތަށާއި ލަނގޮޑިއަށް ކުރިންވީ ތަދު މިހާރު އެގޮތަކަށް އިހުސާސެއް ނުކުރެވެއެވެ. ލޮލުން އައި ކަރުނަ ލޮލުން ފެންހިކި ހުސްވެއްޖެއެވެ. އިއްޒަތްތެރި މެންބަރުންނާއި އިއްޒަތްތެރި ކައުންސިލަރުންގެ މައްޗަށް ކުޑަކުދިންނަށް ގޯނާކުރާކަމުގެ ތުހުމަތު އެޅުމުންނެވެ.

މިއަދު ޝަހުވަތުގެ އެދުމަށް ގިތެލެއް، ކުކުޅެއް، ޢަޖޫޒު މުސްކުޅިއެއްނެތެވެ. އެކަން ކުރަން ވަކި ތަނެއްވެސް ނެތެވެ. ކާރުކޮޅުގައި މީހުންގެ އަނބިންނެވެ. އޮފީސް ކޮޓަރިކޮޅުގައި ވެބްކެމް އާއި އަމިއްލަ ނަފުސެވެ. އަހަރެމެން ރައްޔިތުންނަށް ތިޔަ ދައްކަވާ ނަމޫނާއިން ކުރިން ވީތަދާއި ގަންނަ ލަދު ޖައްވަށް ފަޒާޔަށް އަރައިގެން ހިނގައްޖެއެވެ. އަލަކުން އަހަރެމެންނަށް އިހްސާސްވާންޖެހޭ ތަދެއް، ގަންނަންޖެހޭ ލަދެއް ނެތެވެ.

ވީމާ، އެހެން ކޮންމެވެސް ވާހަކައެއް ވިދާޅުވާށެވެ!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355