މުހައްމަދު އިސްމާއިލް
ދާދިފަހުން ރައީސުލްޖުމުހޫރިއްޔާ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެވަފުދާއެކު ވަޑައިގެންނެވި ބޭފުޅަކާއި މާލެއިން ބައްދަލުވިއެވެ. އެއީ ސަރުކާރުގެ ކިތައްމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅެއްވިޔަސް މިހާރުވެސް ބަރާބަރަށް ކޮފީ މޭޒުމަތިން އަޅުގަނޑާ ބައްދަލުވެއެވެ. އަދި އެއީ 2004 ގެ ސިޔާސީ ހަލަބޮލިކަމަށްފަހު އަޅުގަނޑުގެ އެންމެ ގާތް ސިޔާސީ ރަހުމަތްތެރިޔާއެވެ.
ރައީސްގެ ދަތުރުފުޅާ ބެހޭގޮތުން ވަރަށް ގިނަ ސުވާލު އަޅުގަނޑު އޭނައަށް ކުރިމަތި ކުރުވީމެވެ. ރައީސްގެ ދަތުރުފުޅުގައި ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ވާހަކައިން ފެށިގެން ކިޔައިދެމުންދިޔައެވެ. މައިގަނޑުގޮތެއްގައި އޭނަ ދެއްކި ވާހަކައަކީ، ރައީސްގެ ވިސްނުންފުޅު ރަނގަޅު ވާހަކައެވެ. ގައުމުގެ ތަރައްޤީއަށް ރައީސް ވަރަށް ބޮޑަށް ވިސްނަވަމުންދާ ވާހަކައެވެ.
ވާހަކައިގެ މައުޟޫ ބަދަލުވީ ކުޅުދުއްފުށީ ރަށު ކައުންސިލުގެ ވާހަކައިންނެވެ. އޭނާ ބުނާގޮތުން ކުޅުދުއްފުށީ ރަށު ކައުންސިލްގެ ވިސްނުން ވަރަށް “ނެރޯ” އެވެ. ކައުންސިލުގެ މެމްބަރުންގެ ވިސްނުމުގެ ދާއިރާ ވަރަށް ހަންޏެވެ. ރައީސް ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބުގައި ކައުންސިލުން ބުނަނީ “އަދި ވަކި ގޮތެއް އަޅުގަނޑުމެން ނުނިންމަން” މިއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި އެއްވެސްކަމަކާ ރައްޔިތުންނާ މަޝްވަރާނުކުރީ ކީއްވެތޯ އެއްސެވުމުން ޖަވާބުގައި ކައުންސިލުން ބުނަނީ “އަދި ވަކި ގޮތެއް ހަމައެއް ނުޖައްސަން” މިއެވެ.
ރައީސުލްޖުމުހޫރިއްޔާ ކުޅުދުއްފުށީގެ ތަރައްޤީ އަށް ރޭވިފައިވާ ގިނަގުނަ ކަންކަމާމެދު ކައުންސިލާ ސުވާލުކުރެއްވިއެވެ. ރައީސްގެ އެއްވެސް ސުވާލަކަށް ސީދާ ސާދާ ޖަވާބެއް ކައުންސިލަކަށް ނުދެވެއެވެ. އަބަދުވެސް ވިދާޅުވަނީ ވިސްނަވަމުންދާ ވާހަކަޔާއި އަދި ވަކި ގޮތެއް ނުނިންމޭ ވާހަކައެވެ.
ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްޤީގެ ޕްލޭން އަދި މިހިނގާ އަހަރުގެ ފައިނޭންޝަލް ޕްލޭން އަދި ވީ ހިސާބެއް ނޭގެއެވެ. ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދު ރަށުގެ ކުރިމަގަށް އެންމެ ފައިދާވާނެ ގޮތަކަށް ޕްލޭން ކުރުމަށްޓަކައި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާ ހޯދަންޖެހެއެވެ. ރަށުގެ ބާޒާރު ބަނދަރުގެ ތޮށިގަނޑު ނިމިފައިވާ ވިޔަސް އެސަރަހައްދު ތަރައްޤީ ކުރުމުގައި ކުރިއަށް އަޅަން ހުރި ފިޔަވަޅުތައް އެޅުމުގައިވެސް ތަޖުރިބާކާރުންގެ ލަފާ އަދި ކުޅުދުއްފުށީ ރަައްޔިތުންގެ ހިޔާލު ހޯދަންޖެހެއެވެ.
ކުޅުދުއްފުށީ ކައުންސިލުގައި ތިއްބެވި ބޭފުޅުންނަކީ ހުރިހާ ދާއިރާއެއްގެ ތަޖުރިބާ ލިބިފައިތިބި ބައެއް ނޫނެވެ. އެއީ ހަމަ އެކަން އޮންނާނެވެސް ގޮތެވެ. ކައުންސިލްގެ މެމްބަރުންނަށް ކޮންމެ ކަމެއް އެނގޭކަށް ނުވެސް ޖެހޭމެއެވެ. ކައުންސިލަކީ ޓެކްނިކަލް މީހުންނާއި ތަޖުރިބާކާރުންނާއި ރައްޔިތުންގެ ވިސްނުން ހޯދައި މަސްހުނިކޮށް އޭގެ އެންމެ ރަނގަޅު ނަތީޖާ ނެރެން ތިބެންޖެހޭ ބައެކެވެ.
ކުޅުދުއްފުށީގައި އަދިވެސް ގޯތި ދޫކުރުމުގެ ވިސްނުން ގެންގުޅޭ މީހުން ވަރަށް ގިނައެވެ. މީހުން ދިރިއުޅެން މިހާރުވެސް އެތައް ގޯއްޗެއް ދޫކޮށްފައިވާއިރު އެގޯތިތަކުގެ ތެރެއިން 5 އަހަރުގެ ތެރޭގައި ދިރިއުޅެން ފެށެނީ ކިތައް ގޯތީގައި ހެއްޔެވެ؟ އަދި އެގޯތިތަކަށް މީހުން ބަދަލުވާއިރު ރަށުގެ މެދުތެރެއިން ފަޅުވަމުންދާ ގޯތިތައްވެސް މަދެއްނޫނެވެ. މިހެން ކަންއޮތްއިރު ކައުންސިލުގެ ވިސްނުންވެސް އަދިވެސް ހުރީ ރަށުން ގޯތި ދޫކުރުމަށެވެ. އަދި ރަށަށް އިތުރު ބަޔަކު ގެނެސް ވަޒަންވެރިކޮށް ރަށުގެ އާބާދީ ބޮޑު ކުރުމުގެ އެއްވެސް ވިސްނުމެއް ކައުންސިލުން ގެންގުޅެފައިނުވާކަން ރައީސުލްޖުމުހޫރިއްޔާ ރަށަށް ކުރެއްވި ދަތުރުފުޅުން އެނގި ހާމަވެއެވެ. ރައީސްވެސް އެސުވާލު ކައުންސިލާ ކުރިމަތި ކުރުވިއެވެ.
ރަށުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ދުވަސްވަރެއްގައި ކައުންސިލުގެ ސްޕީޑް ފެންނަނީ ވަރަށް ދަށުގައި އުޅޭތަނެވެ. ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ރަށުގެ ވީހާވެސް ގިނަ ރައްޔިތުންގެ މަޝްވަރާ ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. މުހިއްމު ބޮޑެތި ކަންކަން ނިންމާއިރު ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި، ހުޅުވާލައިގެން ރަށުގައި ތިބި އިލްމީ ބޭފުޅުންގެ ލަފާ ހޯދުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްފައިތިބި އެތައް ޒުވާނުންނެއް ރަށުގައި އުޅޭއިރު ކައުންސިލުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާންޖެހޭނީ އެ ތައުލީމީ މީހުންގެ ބޭނުން ހިފުމަށެވެ. ތަރައްޤީ ގެނެވޭނީ ކަމުގެ އިލްމާ ތަޖުރިބާ ލިބިފައިތިބި މީހުންގެ ބޭނުން ހިފައިގެން މުހިއްމު އަސާސްތަކެއްގެ މައްޗަށް ކަންކަން ތަރުތީބު ކުރެވިގެންކަން ކައުންސިލަރުން ގަބޫލުކުރަންޖެހެއެވެ.