ދީލަތިކަން އިސްކުރުމަކީ މުޅިމުޖްތަމައުގެ އަހުނާއި އުޙުތުންނަށް އީދުގެ އުފާ ފެތުރިގެންދާނެކަމެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މިއަހަރުގެ ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ އީދުގެ އުފާވެރިކަން ހަނދާނަށް ގެނެސްދޭ އެންމެ މުހިއްމުކަމަކީ މުޖުތަމަޢުގައި ތިބިތަފާތު ފަންތިތަކުގެ މީހުން ހާލަތެވެ.
"އުފާވެރި އީދަކާ އަޅުގަނޑުމެން މިބައްދަލުކުރީ ފަގީރުން ނިކަމެތީން މިސްކީނުންގެ ހާލަތު ހަނދާންކޮށްދިން މޫސުމަކަށް ފަހުގައި މިއަދަކީ އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަސް. މިއަދަކީ އުފާ ފާޅުކޮށް ސާފުހިތަކާއިއެކު އެކަކު އަނެކަކާއި ސަލާންގަލާންކޮށް އެކުވެރިކަން އަލާކޮށް ލޯތްބާއިއެކު އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ އެކަކު އަނެކަކަށް މަޢާފުކޮށް ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާއެކު އިޖްތިމާއީ ގުޅުންތައް ބަދަހި ކުރަންވީ ދުވަސް ކަމަށް" ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިޖްތިމާއީ އަދާލަތުގެވެސް އެންމެ މުޙިއްމު މަޤްސަދަކީ މުޖްތަމަޢުގެ ފަރުދުން އެއްހަމަކޮށްދިނުމާއި ތަފާތުކުރުން ހަވާސާކޮށް ނެތިކޮށްލުމާއި ދީލަތިކަން އިސްކޮށް އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ ޢީދުގެ އުފާ މުޅިމުޖުތަމައަށް ފެތުރިގެން ދާނެކަމެއްކަމަށެވެ. އަދި އިޖްތިމާއީ ގުޅުންތަކާއި ޤައުމިއްޔަތުގެ އަގުތައް އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީވެސް އީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުޙިއްމު ކަމެއް ކަމަށެވެ.
"މިހުރިހާކަމަކާއިއެކު އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ޢީދުގެ އުފާފާޅުކުރުމުގައި އެންމެން ޟާމިލު ކުރުމާއި ދިވެހިންގެ ނަމޫނާ ސިފަތަކާއި އިޖްތިމާއީ ސުލޫކީ ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުން ކަމަށް " ރައީސް ވިދާޅުވިއެވެ.
"ލިބިފައިވާނަމަ ލިބިފައިވާ ކޮންމެކާމިޔާބީއެއްގެ އަސްލަކީ އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކަމަކީ ކިތަންމެ މުޙިއްމު އަދި ހާސިލު ކުރަން ކިތަންމެ ބޭނުން ކަމަކަށް ވިޔަސް އެކުވެރިކަން ނެތްނަމަ އެކަމެއް ހާސިލުކުރުން ވާނީ ދަތިއުނދަގޫވާނެ. އެހެންކަމުން މިފަދަ މުނާސަބާތަކަކީ މުޅިމުޖުތަމަޢުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުސަތެއްކަމުގައި ދެކި އެފުރުސަތުގެ ބޭނުން ހިފަމާތޯ އެވެ". ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމުގައި ހުންނަވައިގެން ފުރަތަމަފަހަރަށް އައި އީދުގެ ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވިއެވެ.