މިއީ ކުޅުދުއްފުށީގެ އެންމެ ޒުވާނެއްގެ ކަންބޮޑުވުމެއް ނޫނެވެ. އަދި ހަމައެކަނި ވިހަންވެފައި ތިބި މާބަނޑު އަންހެނުންގެ ކަންބޮޑުވުމެއްވެސް ނޫނެވެ. މި ހޮސްޕިޓަލުން އެކި ކަންކަމުގެ ހިދުމަތް ހޯދަމުން އަންނަ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އެންމެ ގިނައިން އިންތިހާބު ތަކުގައި އެ ވާހަކައެއް ދައްކައިގެން ޓާޝަރީ ފެންވަރަށް ބަދަލު ކުރެވޭނެނަމަ ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެދާނެތާ ކިތަންމެ ދުވަހެކެވެ. މިއީ ކުޅުދުއްފުށީ ހޮސްޕިޓަލުން ހިދުމަތް ހޯދަމުންދާ ފަސްދޮޅަސް ހާސް ރައްޔިތުން ދެކިދެކި ކުލަ ނުވި ހުވަފެނެއެވެ. އަދި އެކި ފަހަރު މަތިން ދައްކާވެސް ހައްލު ނުވި މައްސަލައެކެވެ.
Alhugandu ge anhenun hury vihah vefa. @KulhudhuffushiH ge vissah huri Doc buny mithaaku nethey goahen vejje nama vaseelatheh!! Dhen dhaan v Male’. Doc in thibiyya vaseelatheh neh! Vaaeelaiyh huriyya Doctor eh neh!! @ibusolih @FaisalNasym @MoH_mv @ameenex @YasirLathyf halleh 🙏🙏
— Saudhulla Naeem (@SaudhullaN) August 21, 2019
މި ޓްވީޓުންވެސް ތަނުގެ ހާލަތު ވަރަށް ބޮޑަށް ވަޒަން ކުރެވިގެންދާނެ. މާބަނޑުވެ ވިހަން ތައްޔާރުވެފައި އިން އަންހެނުން ޑޮކްޓަރަށް ދެއްކުމަށް ދިޔުމުން ޑޮކްޓަރު ވިދާޅުވި، ވިދާޅުވުމެކެވެ. ތަނުގެ ހާލަތު ހުރި ގޮތް ބުނެދިނީ އެވެ. ވަރަށް ރަނގަޅެވެ. "އަނދިރި ގަނޑެއްގައި" ބެހެއްޓުމަށްވުރެ ތަނުގެ ހާލަތު ބަޔާންކޮށްދިނީމަ އެވެ. މިއީ އެންމެ ޒުވާނެއްގެ ޓްވީޓެއް ނަމަވެސް މިއީ އެތަކެއް ހާސް ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަމެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެންމެ ކުދިކުދި ހިދުމަތްތަކުން ފެށިގެން އެންމެ ބޮޑެތި ހިދުމަތްތަކުގެ ދޯދިޔާކަމުގެ ވާހަކައަކީ ދައްކާ ކޮޅުންނުލާނެ ވާހަކައެކެވެ. ރަނގަޅު ޑޮކްޓަރުން ތިބިއްޔާ ހިދުމަތެއް ނުލިބެ އެވެ. ވަސީލަތެއް ނުހުރެ އެވެ. ވަސީލަތް ހުރިއްޔާ ރަނގަޅު ޑޮކްޓަރުން ނުތިބެ އެވެ.
24 ގަޑިއިރު ހިދުމަތް ދޭ ހޮސްޕިޓަލްގައި ޑިއުޓީބަހައިގެން އެކްސްރޭ ނެގުމަށާއި ސީޓީ ސްކޭން ހެދުމަށް އަދި ލެބޯޓަރީގައި ވެސް މަސައްކަތް ކުރާނެ މުވައްޒަފުން ތިބޭއިރު އެކްސްރޭއާއި ސީޓީ ސްކޭންގެ ހިދުމަތް ހަވީރު 4 ގެ ފަހުން ނުލިބުމަކީ ހިދުމަތް ހޯދުމަށް ދާ ފަރާތްތަކުގެ ޝަކުވާއެވެ. ލެބޯޓަރީގެ ޓެސްޓު ހެދުމުގެ ހިދުމަތް ހަވީރު 5 ހިސާބަށް ލިބުމަކީ ރީޖަނަލް ހޮސްޕިޓަލެއްގެ ހިދުމަތްތައް ހުންނަ ޖެހޭ ހިސާބެއް ނޫނެވެ.
"އެކްސްރޭއެއް ނަގަން ކައުންޓަރަށް ދައްކާލީމަ މި ބުނީ ހަވީރު 4 ގެ ފަހުން އެކްރޭ ހަދަނީ އިމަޖެންސީގައި އެކަނި ކަމަށް، އެބޭފުޅުންތައް އެނގެނީ ތޯ ބަލިމީހާ ދައްކަން މި ދިޔައީ ކިހާބޮޑު އަނިޔާއެއް ވެގެން ކަމެއް، ނޫނީ ކިހިނެތްތޯ އެނގެނީ މިއީ އިމަޖެންސީއެއް ނޫންކަމެއް، އެކްސްރޭ ނެގުނީމަ ނޫންތޯ އަނިޔާއެއްގެ ބޮޑުމިން އެނގޭނީ" މިއީ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ފަރާތެއްގެ ޝަކުވާއެވެ.
ކުޅުދުއްފުއްޓަކީ ކޮންމެ ދުވަހަކުވެސް އެކި ރަށްރަށުން ސިއްހީ ހިދުމަތް ހޯދުމަށް ރަށުން ބޭރުން ގިނަ އަދަދެއްގެ މީހުން ޒިޔާރާތްކުރާ ރަށެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ހުރިގޮތުން ރަށުގެ ރައްޔިތުންނަށް ވުރެ ބޮޑަށް ރަށުން ބޭރުން އަންނަ ފަރާތްތަކަށް ބޮޑު ތަކުލީފެއް އުފުލަން ޖެހެއެވެ. ސަބަބަކަށް ވަނީ ދުވަހުން ދުވަހަށް ޓެސްޓް ނުހެދުމާއި ހިދުމަތްތައް ނުލިބި ދިގު ދެމިގެންދިއުމެވެ. ގިނަ ފަހަރު ދިމާވާ މައްސަލައަކީ ޑޮކްޓަރުން ތިބެމެ އެކަށީގެންވާ ވަސީލަތް ނެތުމެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ އަތޮޅުތެރޭގައި ގާއިމް ކުރެވިފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގެ ތެރެއިން ސްޕަރ ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭ ހަމައެކަނި ހޮސްޕިޓަލެވެ. ވީއިރު މިފަދަ ޑޮކްޓަރުން ތިބެ ހިދުމަތް ފަސޭހައިން ލިބޭނެ މަގު ފަހިވުން ނުވަތަ މާލެ ނުގޮސް ޓެސްޓުތައް ހެދޭނެ އިންތިޒާމް ލިބުމަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންގެވެސް އެދުމެކެވެ.
މި ހިދުމަތްތައް ކުޅުުދުއްފުށީ ހޮސްޕިޓަލުން ލިބެން ނެތުމަކީ ޓާޝަރީ ފެންވަރަށް މި ހޮސްޕިޓަލަށް ބަދަލު ކުރުމަށް މިދިޔަ 10 އަހަރުން ފެށިގެން ރާއްޖޭގައި އޮތް އެކި ސަރުކާރުންތަކުން ވަމުން އައި ވައުދުތައް ނުފުއްދި ސަރުކާރުތައް ފެއިލްވެފައިވާ ކަމުގެ ވަރުގަދަ ހެއްކެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެން ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރެވޭނެ ވާހަކަ ދެކެވެމުން އައިސް މިކަމާއި އެންމެ ގާތަށްވެސް އާދެވުނީ ރައީސް ޔާމީންގެ ވެރިކަމުގައި އެ ހޮސްޕިޓާ އިންޑިޔާގެ ނޫރުލް އިސްލާމިކް އިންޓަނޭޝަނަލްއާ ހަވާލު ކުރެވުން ހިސާބުންނެވެ. ނަމަވެސް އެއަށްފަހު ދިމާވި މައްސަލަތަކުގެ ތެރެއިން ހޮސްޕިޓާގެ ހާލަތު މިދިޔަ 30 އަހަރު ނުދާހާ ދަށަށް ދިޔަ އެވެ. އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމަށާއި ހަވާލުވުމަށްފަހު ވެސް މިހާތަނަށް ހޮސްޕިޓަލަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ. ނުވަތަ ވަނީ ފަރުވާކުޑަކޮށް ދޫކޮށްލާފައެވެ.
ހޮސްޕިޓަލުގެ ހާލަތު ދަށަށް ދިއުމުގެ ސަރުކާރާއި އެއްވަރަށް ހޮސްޕިޓަލްގެ މެނޭޖުމެންޓުންވެސް ޒިންމާނަގަން ޖެހެއެވެ. ޑޮކްޓަރުންގެ ކަންކަމާއި މުވައްޒަފުންގެ ކަންކަން އެކަށީގެންވާ ގޮތުގައި ބެލެހެއްޓޭތޯ ސުވާލުކޮށްލަން ޖެހެ އެވެ. ރަނގަޅު ޑޮކްޓަރުން ހޮސްޕިޓަލުގައި ހަރުނުލަނީ މެނޭޖްމެންޓް ފަރުވާކުޑަ ވުމުންކަން ޑޮކްޓަރުންނާ ވާހަކަދައްކާލުމުން އެނގެ އެވެ.
އޯޕީޑީ ފެށުމާއެކު ހެނދުނުގެ ވޯޑް ރައުންޑް ނިންމާލުމަށްފަހު ވޯޑުން ބޭރުގައި ޑޮކްޓަރުން ވާހަކާގައި ތިބޭ މަންޒަރަކީ މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. ހަވީރު 4 ގެ ފަހުން ޑޮކްޓަރުން ގެ ޑިއުޓީ ބަދަލުވާއިރު ހަވީރު ތިބޭ ޑޮކްޓަރުންނަށް ހެނދުނުގެ ހަލަބޮލިކަން ލައްވައެއް ނުލާނެވެ. ވާހަކައަކީ ހެނދުނަށް ވުރެ ހަވީރު ހޮސްޕިޓާ ތެރެ ފެންނާނީ އަމާންކޮށެވެ. މިކަމުގެ ފައިދާ ޑޮކްޓަރަށާއި ތަރުޖަމާނަށް ވެސް ލިބެ އެވެ. އަބަދު ޑޮކްޓަރު ކޮޓަރީގައި އިންނަ ނުޖެހޭތީ އެވެ. އެހެންނަމަވެސް މެމޯ ހެއްދުމަށްފަހު ޑޮކްޓަރު ނައިސްގެން 20-30 މިނެޓް މަޑުކުރަން ޖެހުމަކީ ބަލި މީހާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
"މެމޯ ހައްދަން ދާއިރު ތަރުޖަމާނު އިންނާނެ އާންމުކޮށް ލެބޯޓަރީ ކައިރީ ބޭރުގައި ނުވަތަ ކައުންޓާ ތެރޭގައި. ޑޮކްޓަރު ރޫމްގައި ނުތިބޭނެ އެއްވެސް ބަޔަކު. ގިނަ ފަހަރު ކައުންޓަރުންވެސް ނުބުނާނެ ޕޭޝަންޓެއް އައިވާހަކަ ޑޮކްޓަރު ގާތު. ދެވަނަ ފަހަރަށް ގޮސް ބުންނަ ޖެހޭނީ ނެތޭ" މިއީ އެންމެ މީހެއްގެ ޝަކުވާއެއް ނޫނެވެ.
މީގެ އިތުރުން ތަނުގައި ތިބޭ ބައެއް ތަރުޖަމާނުން ބަލި މީހާ ދައްކާ ވާހަކައިގެ އެހެން މާނައެއް ދޭހަވާގޮތަށް ތަރުޖަމާކޮށް ދިނުމާއި ތަރުޖަމާނަށް ބުނެދޭން ނޭނގި ބަލިމީހާ ޑޮކްޓަރަށް ކިޔާންދޭން ޖެހޭ ފަހަރުވެސް ގިނަކަމަށް ހިދުމަތް ހޯދާފަރާތްތަކުން ދަނީ ބުނަމުންނެވެ. މުވައްޒަފުންގެ ފަރާތުން "ރޫޑް" ބިހޭވިއާތަކަކީވެސް ގިނަބަޔަކު ތަޖުރިބާކޮށްފަ ހުރިކަންކަމެވެ. މަދު މުވައްޒަފެންގެ ފަރާތުން ފެންނަ މިކަހަލަ ކަންކަމަކީ ތަނުގެ ނަން ހަޑިވާން ދިމާވާ ބޮޑު ސަބަބެވެ. އަދި އެފަދަ ފަރާތްތަކާ ފިޔަވަޅު ނޭޅުން އެއީ މިކަންކަން ތަކުރާރުވާން ދިމަވާ އެންމެ ބޮޑު އެއް ސަބަބުވެސް މެއެވެ.
މިކަންކަން ހައްލުވެ ހިތްހަމަޖެހުމާއި ފަސޭހަކަމާއެކު ހޮސްޕިޓަލުގެ ހިދުމަތްތައް ލިބޭނެ ގޮތް ވޭތޯ ރައްޔިތުން ސަލާން ޖަހަމުން ދާއިރު ކޮންމެ އިންތިހާބެއްގައި ހަމައެކަނި ކޮށްލާ ވައުދެއްގެ ބަދަލުގައި އެކަން ރައްޔިތުންނަށް ފުއްދައި ދިނުމަކީ މި އެންމެހާ ރައްޔިތުންގެވެސް އެދުމެވެ. ކޮންމެ ހިދުމަތްތެއް ހޯދުމަށް މާލެ ދާންޖެހޭ އުސޫލު ތަރައްގީވަމުންދާ މި ރާއްޖެއިން ނައްތާލެވިގެން ނޫނީ ރައްޔިތުންނަ ފަސޭހަ ދިރިއުޅުމެއް ނުލިބޭނެކަމުގެ ހެކި ދަނީ ފެންނަމުންނެވެ. އަދި މެނޭޖްމެންޓް ހަރުދަނާކޮށްގެން ނޫނީ ތަނުގެ ކަންކަން ހައްލުނުކުރެވޭނެކަން ޔަގީންނެވެ.