ކުޅުދުއްފުށީ މަގު ހަދާ ޔުނިޓްގައި މިހާރު މަސައްކަތް ކުރަމުންދާ ކުރިން އެމްއާރުޑީސީގެ މުވައްޒަފުންގެ ގޮތުގައި ތިބި 18 މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކަށް ނޯޓިސްދީ ބާކީ 16 މުވައްޒަފުންނަށް ވަޒީފާގެ މުއްދަތު އިތުރުކޮށްފި އެވެ.
ނޯޓިސްދީފައިވަނީ ކުޅުދުއްފުށީ އެމްއާރުޑީސީ ސައިޓްގައި މެނޭޖަރަކަށް ހުންނެވީ މުހައްމަދު ހަސަނަށާއި އެސިސްޓެންޓް މެނޭޖަރަށް ހުންނެވި އަހުމަދު މުޖުތަބާއަށެވެ. މި ދެ ބޭފުޅުން އެ މަގާމަށް ހަމަޖެއްސީ ރައީސް ވަހީދުގެ ވެރިކަމުގައި އެވެ.
މިކަމާގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެމްއާރުޑީސީން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރި އަށާރަ މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކަށް އެއް މަސްދުވަހުގެ ނޯޓިސްއަކާއެކު ވަޒީފާ ގެއްލޭނެކަމަށާއި އަދި ބާކީ ސޯޅަ މުވައްޒަފުން ދެ މަސްދުވަހަށް ވަޒީފާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
"ޕްލޭނިންގ މިނިސްޓްރީ ފޮނުވާފައިވާ ސާކިއުލާގައި އޯގަސްޓުމަހުގެ ސާދައިން ސެޕްޓެމްބަރުމަހުގެ ސާދައަށް ދެ މުވައްޒަފަކަށް އެއްމަސްދުވަހުގެ ނޯޓިސްއަކާއެކު އެ ދެމުވައްޒަފުގެ ވަޒީފާ ގެއްލޭގޮތަށްއޮތީ. ބާކީ ސޯޅަ މުވައްޒަފުންނަށް އޮކްޓޯބަރުމަހުގެ 31 އެގްރީމެންޓް އިތުރުކޮށްދީފަ." ކައުންސިލްގެ ރައީސް އަބްދުއްލަތީޕް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އޮކްޓޫބަރުމަހުގެ ނިޔަލަށް އެގްރީމެންޓް އާކުރެވިފައިވާ މުވައްޒަފުން އެމުއްދަތު ހަމަވުމުން އެމުވައްޒަފުން ވަޒީފާއަށް ވާނީ ކިހެނެތްކަން ބުނަން އަދި ނޭނގޭކަމަށާއި ޕްލޭނިންގ މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާގައި މުއްދަތު ހަމަވުމުން އެ މުވައްޒަފުންނާއި މެދު އަމަލު ކުރަންވީ ގޮތެއް އަންގާފައި ނުވާކަމަށާއި ބޮޑަށް ބެލެވެނީ އެ ސޯޅަ މުވައްޒަފުންގެ މުއްދަތު އިތުރުކުރެވިގެންދާނެކަމަށެވެ.
ކުޅުދުއްފުށީ މަގުހަދާ ޔުނިޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ކަންބޮޑުވުމާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކޭއޯއިން ޕްލޭނިންގ މިނިސްޓްރީގެ ބިއުރޯއަށް ގުޅުމުން ވިދާޅުވަމުންގެންދަވަނީ އެ މިންސްޓްރީގެ ޕީއާރު ކޭއޯއަށް ގުޅުއްވާ މަޢުލޫމާތު ފޯރުކޮށް ދެއްވާނެކަމަށެވެ. އެހެންނަމަވެސް ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އަދި މިވަނީ މިކަމުގައި ޕްލޭނިން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
އެމްއާރުޑީސީ އުވާލައި އެތަނުގެ މުވައްޒަފުން މިނިސްޓްރީގެ ދަށަށް ބަދަލުކުރިނަމަވެސް އަދިވެސް ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައެއް ނުވެ އެވެ. އެ މުވައްޒަފުން ތިބެނީ ކޮންޓްރެކްޓްގެ ދަށުން އެމްއާރުޑީސީގެ މުވައްޒަފުންގެ ގޮތުގައި އެވެ. މުސާރަ އާއި އިނާޔަތްތައްވެސް ދެމުންދަނީ އެމްއާރުޑީސީގައި ތިބިއިރު ދެމުންގެންދިޔަ ގޮތަށެވެ.