ލަންކާއިން ރާއްޖޭއަށް އަދި ލަންކާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެެރައިވަލް ވިސާ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އޮން އެރައިވަލް ވިސާ ދިނުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު ލަންކާއާއި ރާއްޖެއާއި ދެމެދު 4 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ލަންކާގައި ދިވެހިންނަށް މިހާރު ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެކެވެ.
އެ އެއްބަސްވުން އޮތްގޮތުން 90 ދުވަހުގެ ވިސާ ދިނަސް ބައެއް ހާލަތްތަކުގައި ބައެއް މީހުން އެތެރެވުން މަނާ ކުރުމުގެ ބާރު ދެ ގައުމަށް ވެސް އޮންނާނެ ކަމަށް ސްރީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
މީގެ އިތުރުން ވިސާ ދިނުމުގެ އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ހުއްޓާލާ ނަމަ އެކަން އަނެއް ގައުމަކަށް އަންގަން ޖެހޭނެ ކަމަށްވެ އެވެ. ނޫސްތަކުގައި ބުނެފައިވަނީ އެކަމަކު އެގޮތަށް އަމަލުކުރުން ހުއްޓާލިޔަސް، ވިސާ ލިބިފައި ތިބި ފަރާތްތަކުގެ ވިސާ އޮންނާނެ ކަމަށެވެ.