ސެޕްޓެމްބަރުމަހު ކުރިއަށް ދިޔަ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތް ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކުލަބު (ކޭ.ވައި.އާރު.ސީ) ކާމިޔާބުކޮށްފި އެވެ.
ކޭވައިއާރުސީ ފައިނަލަށް ގޮސްފައިވަނީ ކުޅެވުނު ހުރިހާ މެޗަކުންވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެނެވެ. އަދި ފައިނަލްގައި ޒެނިތް ސްޕޯޓްސް ކުލަބާ ބައްދަލުކޮށް 34-55 ފޮއިންޓުން މޮޅުވެގެންނެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ދަރިއެއް ކަމަށްވާ ކޭވައިއާރުސީގެ ގޯލް އެޓޭކް ރާޝިދާ މޫސާ އެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރ މަހު 18 ން 30 އަށް މާލޭ ސޯސަލް ސެންޓަރުގެ އިންޑޯ ކޯޓުގައެވެ. މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ ޖުމްލަ 7 ޓީމަކުންނެވެ.
ކޭވައިއާރުސީ ވަނީ މި އަހަރު ބޭއްވުނު ގައުމީ މުބާރާތުގައި ވެސް ރަނަރަޕްކަން ހޯދާފައެވެ. އަދި މި ކުލަބަކީ އެކި އެކި ކުޅިވަރުތަކުގައި ބައިވެރިވެ ކާމިޔާބީ ހޯދަމުން އަންނަ ކުލަބެކެވެ.