ކުޅުދުއްފުށީގެ މަސްމާރުކޭޓްގައި މަސްކަނޑައިދޭމީހުންގެ ކަންބޮޑުވުމާއި ޝަކުވާ ބަންޑުން ކޮށްލައިފި އެވެ. މާރުކޭޓްގައި މަސް ކަނޑަން ތިބޭ ފަރާތްތަކުން އެންމެ ބޮޑު ޝަކުވާއަކީ އެ މީހުން އަތުން ކައުންސިލުން އުޖޫރަ ނަގާއިރު އެތަނުގައި ކައުންސިލުގެ ހުއްދަ ނުނަގައި މަސް ކަނޑާތީ އެވެ.
ކޭއޯއާ ވާހަކަ ދައްކަމުން މަސް ކެނޑުމުގެ މަސައްކަތުގެ އުޅެމުންދާ މީހުން ބުނަނީ އަހަރެމެން މަސްކަނޑަށް މިތިބެނީ ކައުންސިލުން ކަނޑައަޅާފައިވާ މަހު ކުލިދައްކައިގެން ކަމަށެވެ.
"އެހެންނަމަވެސް މަސްވެރިން އަތުން މަސް ގަންނަ ފަރާތްތަކުން އެތަނުގައި ތިބެ (މަސްމާރުކޭޓް) މަސް ބޮޑު އަގުގައި ރައްޔިތުންނަށް ވިއްކާ އަދި އެވަރުންވެސް ފުދެނީ އެއްނޫން. އެތަނުގައި ތިބެ މަސް ކަރުއަޅާ ކަނޑާ ހެދުމަށްފަހު ގެންދަނީ. އެއްވެސް އުޖޫރައެއް ކައުންސިލަކަށް ދައްކާކަށް ނުޖެހޭ. އަޅުގަނޑުމެން މަސްކަނޑާ މީހުން ކައުންސިލަށް ކޮންމެ މަހަކު 300 ރުފިޔާ ދައްކަން އެބަޖެހޭ. މިއީވެސް އިންސާފު ތޯ." މާރުކޭޓްގައި ހުއްދަ ނަގައިގެން މަސް ކަނޑަށް އުޅޭ މީހަކު ޝަކުވާކުރަމުން ބުންޏެވެ.
އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްކަނޑައިދިނުން ކަމަށްވީއިރު ދުވާލެއްގެ މައްޗަށް މަސްކަނޑައިދީގެން ލިބޭ ކުޑަ އާމްދަނީ ކޮޅުން ކައުންސިލަށް މަހު ކުލި ދައްކަންޖެހޭކަމަށް މީހުންދަނީ ބުނަމުންނެވެ.
އެއްވެސް ކުއްޔެނެތި މަސްގަނޑުކޮށް ގަނެ ވިއްކާ މާރުކޭޓްގެ ބޭނުން ކުރާ ފަރާތްތަކަށް އިޝާރާތް ކުރަމުން މަސްކަނޑައިދޭ މީހުން ބުނީ މަސް މާރުކޭޓްގައި ހަދާފައި ހުންނަ އަށިތައް ބޭނުންކޮށް ހުރިހާ ކަމެއް ކުރަމުންދަނީ ހިލޭ ކަމަށާއި އެއްވެސް ކުއްޔެއް އެ މީހުން ކައުންސިލަށް ނުދައްކާ ކަމަށެވެ.
"ނުވިތާކަށް އެ މީހުން ގަންނަ މަސްތަކަށް އިރުއިރުކޮޅާ ފެން ޖަހައި ހަދަމުންދާއިރު އެއީ ކަރަންޓު ބޭނުންކޮށްގެން ކުރާކަމެއް. ހަރަދު ހިނގާނެ. އެއްވެސް އުޖޫރައެއް އެ މީހުން އަތުން ކައުންސިލަކަށް ނުނެގި. މަސްކަނޑައިދޭން ތިބޭ މީހުން އަތުން މަހު ކުލި ކައުންސިލުން ނަގަމުން ދިޔުމަކީ މިކަން ވާންޖެހޭނެ ގޮތެއް ނޫން. އަޅުގަނޑުމެން މަހު ކުލި ދައްކަންޖެހޭތީ ބޮޑުވެގެން އުޅެނިއްޔެ ނޫން." އެ މީހުން ބުންޏެވެ.
މަސްކަނޑާ މީހުން ބުނީ ކައުންސިލުން މަސްގަނޑުކޮށް ގަނެ ވިއްކާ ފަރާތްތަކަށް މާރުކޭޓް ބޭނުން ކުރާކަމަށް ވަނީ ނަމަ ކައުންސިލުން ކުއްޔެއް ކަނޑައަޅާފައި އެ ފަރާތްތަކަށް އުސޫލުތަކަކާއި ގަވައިދެއް ކަނޑައަޅާފަ އޮންނަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެކަންކަން ނުކުރެވި އެއޮތީ ކައުންސިލްގެ ނުކުޅެދުމެއް ގޮތުގައި އެ މީހުން ސިފަ ކުރި އެވެ.
އެއްވެސް ކަހަލަ އުސޫލުތަކެއް، ގަވައިދުތަކެއް މާރުކޭޓް ހިންގުމުގައި ކައުންސިލުން ހަދާފައިނުވާކަމަށް ބުނަމުން އެ މީހުން ބުނީ އެތައް ފަހަރަކު އެތައް ޝަކުވާއެއް ކައުންސިލަށް ހުށަހެޅިކަމަށާއި އެކަމަކު ކައުންސިލުން ގެނެސްދިން ހައްލެއް ނެތް ކަމަށެވެ.
މަސްވެރިޔަކު ބުނީ މަސްގަނެ ވިއްކާ ފަރާތްތަކުގެ ސަބަބުން ބައެއް ފަހަރު އުނދަގޫތަކާ ކުރިމަތިވާކަމަށެވެ.
ސަބަބު ހާމަކޮށްދެމުން މަސްވެރިޔާ ބުނީ މާރުކޭޓްގައި މަސްބެހުއްޓުމަށް ހުންނަނީ ދެ އަށި ކަމަށާއި މަސްގަނެ ވިއްކާ ފަރާތްތަކުން ކުރިން އަންނަ ދޯނިތަކުން އަގުހެޔޮކޮށް މަސްކޮޅު އެއްކޮށް ކިރާލުމަށްފަހު އަށީގެ ބޮޑުބައި ހިފައިގެން ބޮޑުއަގުގައި މަސް ވިއްކުމަށް ތިބޭތީ ކަމަށެވެ.
އެހެންވުމުން ފަހުން އަންނަ މަސްދޯނިތަކުން ގެންނަ މަސްކޮޅު އަށިމަތީގައި ބަހައްޓާނެ ޖާގަ މިއޮންނަނީ ގިނަ ފަހަރު ނުލިބި. މިއީވެސް ބޮޑެތި މައްސަލަތައް މިކަންކަން ހައްލުކޮށް ހަރުދަނާ އުސޫލުތަކެއް ކައުންސިލަރުން އެބަ ޖެހޭ ހަދަން ދެއްތޯ." މަސްވެރިޔާ ބުންޏެވެ.
މިކަމާ ގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކޮންމެ ކަމެއްވެސް ފަށައިގަތުމަށްފަހު ގެންނަންޖެހޭ ބަދަލުތަކެއް ހުންނާނެ ކަމަށެވެ.
"އެގޮތުން މަސް މާރުކޭޓްގެ ހިދުމަތް ދޭން ފަށާފައި އޮތީ އާއްމުކޮށް ހުޅުވާލައިގެން. އެހެންނަމަވެސް މިހާރު އަޅުގަނޑުމެން މިވަނީ މަސްކެނޑުމަށް އިސްކުރުބަރިތަކުން ފީއެއް ނެގިގެން ވަކި ބަޔަކަށް ކޮންޓްރެކްޓެއް ހެދިގެން އިސްކުރު ބަރިތައް ހަވާލު ކުރެވިފައި. އެފަރާތްތަކުން ކުލިދައްކައިގެން މަސްކަނޑަމުން އެގެންދަނީ." ލަތީފް ވިދާޅުވި އެވެ.
މާރުކޭޓްގައި މަސްގަނޑުކޮށްގަނެ ވިއްކާ ފަރާތްތަކުން މަސްވިއްކުމާއި ކެނޑުމަކީ އަބަދުވެސް ކައުންސިލަށް ލިބެމުންދާ ޝަކުވާއެއް އަދި މަސްކަނޑާ އަށިތައް ނޫން އެހެން ތަންތަނުގައި އެކަންކަން ކުރާ ޝަކުވާގެ އިތުރުން އެ އަށިތަކުން ހުއްދަ ނެތް ފަރާތްތަކުން މަސްކަނޑާ ޝަކުވާތައްވެސް ލިބެމުންދާކަމަށް ލަތީފް ވިދާޅުވި އެވެ.
މިހާރުވެސް މަސް މާރުކޭޓްގެ ގަވައިދުތަކެއް ހެދި އިސްކުރުބަރިތައް ކުއްޔަށްދެވިފައި ހުރިކަން ފާހަގަ ކުރައްވަމުން ލަތީފް ވިދާޅުވީ ޒަމާނަށް އަންނަ ބަދަލާއެކު ގެންނަންޖެހޭ އިސްލާހުތަކެއް އަބަދުވެސް ހުންނާނެކަމަށާއި މިހާރު އެޝަކުވާތަކާ ގުޅިގެން މާރުކޭޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދެހާސް ފަނަރަ ވަނައަހަރު މަސްމާރުކޭޓް ހުޅުވިއިރު ގަވައިދެއް ހެދިފައި ނެތް. މާރުކޭޓަށް ގަވައިދުތަކެއް ހެދިގެން ދިޔައީވެސް މިކައުންސިލުން. މާރުކޭޓްގެ ކަންތައްތައް އިސްލާހްކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ކައުންސިލުން ގެންނާނަން." ރައީސް ލަތީފް ވިދާޅުވި އެވެ.
މިވަގުތު މާރުކޭޓްގައި މަސްކެނޑުމަށް ކައުންސިލުން ދެއަށި ހާއްސަކުރެވި 8 ފަރާތްތަކަށް ކުއްޔަށް ދެވިފައިވާއިރު ކޮންމެ މަހަކު އެ ފަރާތްތަކުން 300 ރުފިޔާގެ ކުއްޔެއް ކައުންސިލަށް އަންނަނީ ދައްކަމުންނެވެ. ކަރަންޓް ބިލާއި މާރުކޭޓަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދަނީ ކައުންސިލްގެ ހަރަދުގައި އެވެ.