twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނޫ ކޮލަމް - ވަޒީފާގެ އެއްބަސްވުމެއް އެބައޮތްތޯ؟

Nov 28, 2019
2

އަޅުގަނޑުމެންގެ ތެރެއިން ވަޒީފާއަދާކުރާ މީހުންގެ ތެރޭގައި ވަޒީފާގެ އެއްބަސްވުމެއް އޮވެގެން ވަޒީފާ އަދާކުރަނީ، ކިތައް ބޭފުޅުންތޯއެވެ. އެފަދަ އެއްބަސްވުމެއްއޮތުމަކީ، ވަރަށް މުޙިންމުކަމެކެވެ. ބައިވަރު ސަބަބުތަކަށްޓަކައެވެ.

އަސާސީ މުހިއްމު ލިޔުމެއް

ފުރަތަމަކަމަކީ، ވަޒީފާގެ އެއްބަސްވުމަކީ ވަރަށް އަސާސީ އަދި ވަރަށް މުހިންމު ލިޔުމެކެވެ. ދެފަރާތުގެ ދެމެދުގައި އޮތުން ޤާނޫނުންވެސް ލާޒިމުއެއްޗެކެވެ. އެކަން ކުރުމަކީ ނުވަތަ ނުކުރުމަކީ ވަޒީފާއަދާކުރާ ފަރާތާއި ވަޒީފާ ދޭފަރާތުގެ އިޚްތިޔާރަށް ދޫކޮށްލެވިފައިވާކަމެއް ނޫނެވެ. ޤާނޫނުބުނާގޮތުން އެ އޮންނަންޖެހެއެވެ.

ލިޔުމުން ފެންނަން އޮންނަން ޖެހޭ

ދެވަނަކަމަކީ، ވަޒީފާގެ އެއްބަސްވުން ލިޔުމުން ފެންނަންއޮތުން މުހިންމެވެ. ގާތް ރަޙުމަތްތެރިއަކު ނުވަތަ ގާތްތިމާގެ މީހަކު އަނގަބަހުން ބުނެލާ ބުނެލުމެއްގެ މައްޗަށް، ނުވަތަ އެފަދަ މީހަކު ހޯދައިދޭ ފުރުސަތެއްގެ މައްޗަށް، ތިމާ ވަޒީފާއަކަށް ނުކުތުމުން ވަޒީފާއަދާކުރާ ފަރާތަށް ފަހުން ގެއްލުމެއްވެދާނެއެވެ. ފުރަތަމަކޮޅު ކިތަންމެ ރަނގަޅަށް ކަންކަން ދިޔަނަމަވެސް، ފަހުން ދިމާވެދާނެ ޚިޔާލު ތަފާތުވުމެއްގައި، ލިޔުމުން ފެންނަން ނެތިއްޔާ ދެފަރާތުގެ ދެމެދުގައި އެއްބަސްވީގޮތް ސާބިތުކޮށްދޭން ދަތިވާނެއެވެ.

މަސްއޫލިއްޔަތާއި ޒިންމާތައް ސާފުވުން

ތިންވަނަކަމަކީ، ލިޔުމުން އޮތް އެއްބަސްވުމެއް އޮތުމުން، ދެފަރާތުގެވެސް މަސްޢޫލިއްޔަތުތަކާއި ޒިންމާތައް ސާފުކޮށް އެނގެން އޮތުމެވެ. އަދި ޙާސިލުކުރަން ބޭނުންވާ ކަންކަން ދުރާލާ އެނގެން އޮތުމެވެ. ދެފަރާތަށްވެސް ލިބިދޭ ޙައްޤުތަށް ތަފްސީލުކޮށް ފެންނަން އޮތުމުން، އެޙައްޤުތަކަށް ޙިމާޔަތާއި ރައްކާތެރިކަން ލިބި، ދެފަރާތުގެ ވާޖިބުތަކުގެ ޙައްޤުތަކާއި ޒިންމާތަކުގެ ވަޒަންހަމަކޮށްދޭ އެއްޗަކަށް އެ އެއްބަސްވުންވެއެވެ.

މުސާރަ އާއި އިނާޔަތްތައް އަދި މަންފާތައް

ހަތަރުވަނަކަމަކީ، ވަޒީފާއަދާކުރާ ފަރާތަށް ލިބެންވާ މުސާރައާއި އިނާޔަތާއި މަންފާއާއި ޗުއްޓީ ލިބޭނެގޮތާއި މިންވަރު، ލިޔުމުން އޮތް އެއްބަސްވުމެއް އޮތުމުން، ސާފުކޮށް އެނގެންއޮތުމެވެ.

މިސާލަކަށް މަހަކު 6000 ރުފިޔާ ދިނުމަށް، ބަންދުދުވަސްތަކުގައި މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް، މުސާރައިގެ އިތުރުން އިނާޔަތްތަކާއި ޗުއްޓީ އަދި ވަޒީފާގެ ރައްކާތެރިކަން ލިބޭނެ ކަމަށް ބުނެ އަނގަބަހުންވާ އެއްބަސްވުމަކީ، ލިޔުމުން ފެންނަން ނެތިއްޔާ ވަޒީފާދޭ ފަރާތުން ނާޖާއިޒުފައިދާ ނެގިދާނެއެއްޗެކެވެ. ނަތީޖާއަކަށްވަނީ 6000 ރުފިޔާ ލިބެންވީ ވަޒީފާއަކަށް 4500 ރުފިޔާ ގެ މުސާރައެއްލިބި، މުސާރަދޭން ބުނާދުވަހަށް މުސާރަ ނުލިބިލަސްވެ، އިތުރަށް ދޭން އެއްބަސްވި އިނާޔަތާއި މަންފާއާއި ޗުއްޓީ އަދި ރައްކާތެރިކަން ނުލިބުން ކަމުގައިވެސް ވެދާނެއެވެ. އެފަދަ ދުވަހެއް އައިސްގެން، ބަލާލާއިރު، ލިޔުމުން އޮތް އެއްބަސްވުމެއް ނެތުމުން، ވަޒީފާއަދާކުރާފަރާތަށް ދެރަގޮތެއް ކުރިމަތިވުމަކީ، ދާދި ގާތްކަމެކެވެ.

ވަޒީފާގެ ރައްކާތެރިކަން

ފަސްވަނަ ކަމަކީ، ވަޒީފާގެ ރައްކާތެރިކަން ޔަޤީންވުމެވެ. ވަޒީފާއިން ވަކިކުރެވިދާނެ ގޮތްތައް ލިޔުމުން ފެންނަންއޮއްވައި، ކުއްލިއަކަށް ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާއިރު، އެވަގުތު އެންމެ ބޮޑު އެކުވެރިއަކަށް، ވަޒީފާގެ އެއްބަސްވުންވުމެވެ. ނުޙައްޤުން ނުވަތަ ނުޤަވާއިދުން ވަކިކޮށްފިނަމަ، ބަދަލު ހޯދުމުގެ ފުރުސަތު ޤާނޫނުން ތަނަވަސްކޮށްދޭނެއެވެ.

ހައްގެއް ނުދީ ހިފެހެއްޓުން

ހަވަނަކަމަކީ، ވަޒީފާގެ އެއްބަސްވުމެއްނެތި، މަސައްކަތް ކުރުވުމަކީ ވަޒީފާއަދާކުރާފަރާތަށް ލިބިދޭ ޙައްޤެއްނުދީ ހިފެހެއްޓުމެވެ. އެ ޙައްޤަށް އަރައިގަނެ އުނިކަންގެނައުމެވެ. މިފަދަ އެއްބަސްވުމެއް ނެތިއްޔާ، މަސައްކަތް ނުކުރުމަކީ، ވަޒީފާއަދާކުރާ ފަރާތުގެ ޙައްޤެކެވެ.

ވަޒީފާގެ ރައްކާތެރިކަން

ހަތްވަނަކަމަކީ، ވަޒީފާގެ އެއްބަސްވުމެއް އޮތުމުން، ވަޒީފާއަދާކުރާ ފަރާތް ބުނެވިދިޔަ ހުރިހާކަމަކުންވެސް، ރައްކާތެރިކަން ލިބިދޭކަމެވެ. އަނގަބަހުންވެވޭ އެއްބަސްވުންތަކާއި ވަޒީފާގައި ކަންކުރާގޮތާ ދެމެދު ފަރަޤު ކުޑަކޮށް، ދެފަރާތުން އެއްބަސްވިގޮތް ލިޔުމުން ފެންނަން ބާއްވައިގެންނެވެ. ވަޒީފާ ދިނުމުގައި ދެފަރާތުގެ ވިސްނުމުގައި ހުރިކަންކަން އެގޮތުގައި ދަމަހައްޓައިގެންނެވެ. ވަޒީފާދޭފަރާތުގެ އެކަނި އިޚްތިޔާރުގައި އެ އުސޫލުތަކަށް ބަދަލުގެންނަމުން ދިޔުން އެ ބަދަލުކުރަމުން ދިޔުން ހުއްޓުވައިގެންނެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355