twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޭއާރުއެޗުގެ ކާޑިއެކް ސެންޓަރު ހުޅުވިތާ ތިންމަސްވެގެން ދިޔައިރުވެސް ޑޮކްޓަރެއް ނުލިބުނު

• ހިތުގެ ބަލީގެ ފަރުވާ ހުއްޓިފައިވަނީ ޑޮކްޓަރެއް ނެތުމުން
• ކާޑިއެކް ސެންޓަރު ހުރީ ބަންދުކޮށްފައި، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް
• ސެންޓަރު ހުޅުވިތާ 3 މަސް ވެގެންދިޔައިރުވެސް ޑޮކްޓަރެއް ނުލިބުނު

އިބްރާހިމް ހަމީދު
Jan 13, 2020
6

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދާދިފަހުން ހުޅުވިގެން ދިޔަ ކާޑިއެކް ސެންޓަރު ހުޅުވިތާ ތިންމަސްވެގެން ދިޔައިރުވެސް ހިތުގެ ބަޔަށް އެސެންޓަރު މެދުވެރިކޮށް ފަރުވާދެވޭނެގޮތް ނެތުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ އަހަރު އޮކްޓޫބަރުމަހު ހުޅުވި ކާޑިއެކް ސެންޓަރު ހިދުމަތަށް ހުޅުވިގެން ދިޔައިރު އެހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ ހިތުގެ ޑޮކްޓަރު ރަށުން ފުރުމުން އެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިހާރު ތިންމަހަށް ވުރެން ގިނަދުވަސް ވަނީވެފަ އެވެ. އެކަމާ ގުޅިގެން އެހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ކޭއޯއަށް ވާހަކަ ދައްކަމުން ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ބަލި މީހަކު ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރެއް ސަރުކާރުން ގާއިމުކޮށްދެއްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ދިޔަކަމަށެވެ.

"އެހެންނަމަވެސް ކަންދިމާވީއެއާ އިދިކޮޅަށް ސެންޓަރެއް ރަސްމީކޮށް ހުޅުވީ ހިތުގެ ބައްޔަށް ފަރުވާދޭނޭ ހާއްސަ ޑޮކްޓަރެއް ނެތް. އަނެއްކާވެސް އަޅުގަނޑަށް މިޖެހުނީ ހުރިހާ ޓެސްޓްތަކެއް ހަދަން ބޮޑު ހަރަދުކޮށްފައި މާލޭދާން މިއީ ވަރަށް ބޮޑު ހަރަދެއް." އެމީހާ ބުންޏެވެ.

ޒަމާނީ މެޝިނަރީތަކާއެކު ސެންޓަރު ހުޅުވިގެންދިޔަތާ ތިންމަސްވެގެން ދިޔައިރުވެސް ކާޑިއެކް ސެންޓަރުން ދޭން މިނިސްޓަރު އިއުލާން ކުރެއްވި އެއްވެސް ހިދުމަތެއް ރައްޔިތުންނަށް ލިބިގެން ނުދާކަމަށެވެ.

"އަދިވެސް ޑޮކްޓަރެއްނެތް އެތަނުގެ ހިދުމަތެއް ނުލިބޭ ސެންޓަރު ހުންނަނީ ބަންދުކޮށްފައި މިއީތޯ އެވިދާޅުވާ ޓާޝަރީ ފެންވަރަށް ގެންދިއުމަކީ." އެމީހާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ.

މިކަމާގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާޑިއެކް ސެންޓަރު ހުޅުވިގެން ދިޔައިރު ހިތުގެ ބައްޔަށް ފަރުވާ ދިނުމަށް ޑޮކްޓަރެއް ހުންނެވިކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރެއް ނުހުންނާނެ ކަމަށެވެ. މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުގެ މައްސަލަތަކެއް ހުރެގެން އެ ޑޮކްޓަރުގެ ވިސާ ވެސް، ހަމަވުމާއެކު ވިސާ ރިނިއުވް ނުކޮށްދީގެން ވާނީ ފޮނުވާލެވިފައިވާކަމަށެވެ.

އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުން ހިތުގެ ޑޮކްޓަރެއް ނެގުމަށްޓަކާ އިންޓަވިއު ކޮށް ނިންމާފައިވާކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހިތުގެ ޑޮކްޓަރުގެ ހިދުމަތް ލިބިގެންދާނެކަމަށް މީގެ ކުރިން ހެލްތުގެ މީޑިއާ އޮފިޝަލްވަނީ ވިދާޅުވެފަ އެވެ.

މިއަދާއި ހަމައަށް އެ ސެންޓަރުގެ ހިދުމަތް ނުލިބޭތީ ރައްޔިތުންގެ މިކަންބޮޑުވުމާ ގުޅިގެން އަނެއްކާވެސް ހެލްތު މިނިސްޓްރީގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިދިޔަ އަހަރު އޮކްޓޫބަރުމަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސީޓީގެ ހިދުމަތާއި ކާޑިއެކްގެ ހިދުމަތް ތައް ފައްޓަވައި ދެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެފައިވަނީ މި ސެންޓަރާއެކު މި ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މާލެ ގޮސް ހިތުގެ ބައްޔަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެކަމަށެވެ.

އަދި މި ސަރަހައްދުގެ 65000 ވުރެއް ބޮޑު އާބާދީއަށް އަމާޒުކޮށްގެން މި ހުޅުވި މި ކާޑިއެކް ސެންޓަރުގެ ހިދުމަތް މެދުނުކެނޑި ދެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުޅުވި ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް، ހޯލްޓަރސް މޮނިޓަރިން، އީސީޖީ އަދި ޓީއެމްޓީގެ ހިދުމަތް ލިބިގެންދާނެކަމަށް ހެލްތުމިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ މީހުން އަދި ހޮނިހިރުދުވަހު 600 އަށްވުރެން ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355