އައިސް ފެނަކީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް ސިއްހީ މާހިރުން ބުނާގޮތުގައި އައިސްފެނަކީ އެހާ ރައްކާތެރި އެއްޗެއް ނޫނެވެ. އައިސްފެނަށްވުރެ ރައްކާތެރި ތާފަނާފެން ނުވަތަ އާދައިގެ ފިނިހޫނުމިނެއްގައި ހުންނަ ފެނެވެ.
ހޫނުގަދަ ދުވަހެއް ނަމަ ބޭރުގައި އުޅެފަ ގެއަށް ވަދެވުމާ އެކުވެސް އެންމެ ފުރަތަމަ ބަލަނީ އައިސް ފެންތައްޓަކުން އަރުތެރެ ތެންމާލެވޭތޯއެވެ. ނަމަވެސް މިއީ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރާއެއްޗެކެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި އައިސްފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ހަކަތަ ބޭނުންވެއެވެ. އަދި މިކަމުގެ ސަބުބުން ކާނާ ހަޖަމު ކުރުމަށާއި ހަށިގަނޑަށް ބޭނުންވާ މާއްދާތަށް ނެގުމުގެ ބަދަލުގައި މިހަކަތަ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުން ކުރެވިގެންދެއެވެ. މީގެ އިތުރުން ލޭ ހޮޅިތަށް ހިމަވެ، ލޭދައުރު ވުމަށްވެސް ހުރަސް އަޅައެވެ. މިކަމުގެ ސަބުބުން ހަށިގަނޑުން ފެނުގެ ނިސްބަތްވެސް ބައެއް ފަހަރު މަދުވެއެވެ.
ކަސްރަތު ކުރާ ފަރާތްތަކުން ކަސްރަތަށް ފަހު ކަރުހިއްކުން ފިލުވައިލުމަށްވެސް އެންމެ އިސްކަމެއްދީގެން ބޭނުންކޮށްއުޅެނީ އައިސް ފެނެވެ. ނަމަވެސް ކަސްރަތަށްފަހު އައިސްފެން ބުއިމަކީ ގޮހޮރު އަދި ބަނޑުގެ މައްސަލަތައް އިތުރުވެ ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަ ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންކަމުން ކަސްރަތު ކުރުމަށް ފަހުވެސް އެންމެ ރަނގަޅީ އާދައިގެ ފިނިހޫނުމިނެއްގައި ހުންނަ ފެނެވެ.
އައިސްފެނަކީ ބައެއް ސިއްހީ މައްސަލަތައް ވެސް ކުރިމަތި ކުރުވާ އެއްޗެކެވެ. އެގޮތުން އައިސްފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ކާތަކެތި ހަޖަމު ކުރުމުގެ ޕްރޮސެސް ލަސްކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް އެތެރެވާ ކާތަކެތި ރަނގަޅަށް ހަޖަމުނުވެ ހަށިގަނޑަށް އެންމެ އެކަށީގެންވާ ނިއުޓްރިއެންސް ނުލިބިދެއެވެ.
ހަމަ އެހެންމެ އައިސްފެން ބުއިމަކީ ކަރުތެރެ ހަލާކު ވުމަށްވެސް މަގުފަހިވާ ކަމެކެވެ. އެގޮތުން މާގިނައިން އައިސް ފެނާއި ފިނި ކުރި ބުއިން ބޯނަމަ ކަރުގައި ރިއްސުމާއި ނޭފަތް ބެނދި ރޯގާ ޖެހި ބައެއް އިންފެކްޝަންތައް ޖެހުމަށް ވެސް މެދުވެރިވެ އެވެ.
ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމުން އެންމެ ފުރަތަމަ ކަމަކަށް ވެސް އައިސް އެއްޗެހި ނުބުއިމަށް ބުނަނީ މިހެން ވެގެންނެވެ.
އޭގެ އިތުރުން ވެސް އައިސްފެން ބުއިމަކީ ހިތުގެ ހިނގުން ވެސް ލަސްކޮށްދޭ ކަމެއް ކަމަށް ވެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވީހާވެސް މަދުން އައިސްފެން ބުއިމަށް އާދަ ކުރަން އެބަޖެހެއެވެ.
އައިސްފެން ބުއިމުގެ ސަބަބުން ލިބޭ ވަގުތީ ހިތްހަމަޖެހުމަށްވުރެން ލިބޭ ގެއްލުން ވިސްނާލައި ވީހާވެސް މަދުން ފިނިކުރި އެއްޗެހި ބޭނުން ކުރުމަށް އަޅުގަނޑުމެން ދިވެހިން އަހުލުވެރިވާން ވެއްޖެ ކަމެއްކެވެ.