ކާރޑިފް ޔުނިވާސިޓީގެ ޓީމަކުން ދާދި ފަހުން ކުރި ދިރާސާއަކުން އިންސާނުންގެ ދިފާއީ ނިޒާމުގެ ތެރެެއިން އާ ބައެއް ހޯދާފައިވާއިރު މިއީ ހުރިހާ ވައްތަރެއްގެ ކެންސަރަށްވެސް ފަރުވާ ކުރުމަށް ބޭނުން ކުރެވޭނެ މަގެއްކަމަށް އެ ޓީމުގެ ސައިންސްވެރިން ބުނެފިއެވެ.
ދިފައީ ނިޒާމަކީ އަހަރެމެންގެ ހަށިގަނޑު ބަލިތަކުންނާއި އިންފެކްޝަންތަކުން ސަލާމަތްކޮށްދޭ އަހަރެމެންގެ ދިފާއީބާރެއެވެ. ސައިންސްވެރިން މީގެ ކުރިންވެސް ހަށިގަނޑުގައި އުފެދޭ ޓިއުމަރާ ނައްތާލުމަށް ދިފާއީ ނިޒާމް މަސައްކަތް ކުރާގޮތް ވަނީ ބަލާ ހޯދާފައެވެ.
ފަހުގެ ހޯދުމުން ދިފާއީ ނިޒާމް ކެންސަރު ސެލްތަކާއި ދެކޮޅަށް މަސައްކަތް ކުރާކަން ދެނެގަނެވިފައިވާއިރު މި ޓީމަށް ހޯދިފައިވަނީ ލޭގައި ދައުރުވާ ޓީ-ސެލް ކިޔާ ސެލްއެކެވެ. މިއީ އިމިއުން ސެލްއެކެވެ. މި ސެލްގެ މަސައްކަތަކީ ހަށިގަނޑުގައި ބައްޔެއް އުޅޭތޯބަލާ ބަލި އެލިމިނޭޓްކޮށްލުމެވެ. ނުވަތަ އެ ބަލި ނައްތާލުމަށް މަސައްކަތް ކުރުމެވެ.
އެ ޓީމުން ބުނީ މި ހާ ހޯދުމާއެކު ޕްރޮސްޓޭޓް، ލަންގް ކެންސާރާއި އުރަމަތި ފަދަ ކެންސަރު އުފެދޭ ސެލް މަރާލުމަށް ޓެސްޓު ކުރަމުންދާ ކަމަށެވެ. އަދި މި ސެލް ބޭނުންކޮށްގެން ކެންސަރަށް ފަރުވާކުރެވިދާނެ ކަމަށްވެސް އެޓީމުން ބުނެއެވެ.
ނަމަވެސް އަދި ކެންސަރު ޖެހިފައިދާ ބަލިމީހުނަށް ޓެސްޓް ކުރަން ނުފަށާކަމަށާއި އެހެން ނަމަވެސް މި ދިރާސާގެ އަލީގައި ކެންސަރު ރަނގަޅު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް އެޓީމުން ބުނެއެވެ.