twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުއްޓަށް ހިތުގެ ޑޮކްޓަރު ހުރީ ހަމަޖެހިފައި، ވަރަށް އަވަހަށް ދާނެ: ހެލްތް

އިބްރާހިމް ހަމީދު
Jan 28, 2020
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިތުގެ ޑޮކްޓަރެއް ހަމަޖެހިފައިވާކަމަށާއި ވަރަށް އަވަހަށް އެ ޑޮކްޓަރު ހޮސްޕިޓަލަށް ފޮނުވޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރުމަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސީޓީގެ ހިދުމަތާއި ކާޑިއެކްގެ ހިދުމަތް ތައް ފައްޓަވައި ދެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެފައިވަނީ މި ސެންޓަރާއެކު މި ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބި މާލެ ގޮސް ހިތުގެ ބައްޔަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެކަމަށާއި އެހިދުމަތް މެދު ނުކެނޑި ރައްޔިތުންނަށް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ބައްޔަށް ފަރުވާ ދިނުމަށް ހުޅުވިގެން ދިޔަ ޑޮކްޓަރަކު ނެތިގެން އެސެންޓަރުގެ ހިދުމަތް ލިބިގެންނުދާތީ ގިނަބަޔަކު ދަނީ ހެލްތު މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.

ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިތުގެ ޑޮކްޓަރެއް މިހާރު ހަމަޖެހި ވަރަށް އަވަހަށް ހޮސްޕިޓަލަށް ވަރަށް ފޮނުވާނެކަމަށެވެ.

"ތިކޮޅަށް ފޮނުވާ ހިތުގެ ޑޮކްޓަރު ހުރީ މިހާރު ހަމަޖެހިފައި ވަރަށް އަވަހަށް ޑޮކްޓަރު ފޮނުވާލެވޭނެ. އެޕްރޮސިޖާގެ ލާސްޓް ސްޓޭޖުގައި މިކޮޅުގައި އެމަސައްކަތް ތައް ހުރީ. އަޅުގަނޑަކަށް ވަކި ޑޮކްޓަރު ތިކޮޅަށް ދާނެ ޑޭޓެއް އަދި ދަންނަވަން ނޭނގޭ. ވަރަށް އަވަހަށް ތިކޮޅަށް ދާނެ" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވަން ނިންމާފައި ވަނީ އައިޖީއެމްއެޗުން ކާޑިއޯ ޑޮކްޓަރެއް ކަމަށާއި ޑޮކްޓަރު ތިކޮޅަށް ދިއުމާއެކު ހިދުމަތް ދާއިމީ ގޮތެއްގައި ހޮސްޕިޓަލުން ލިބިގެންދާނެކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހއ. ހދ . ށ މިތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ. ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ މީހުން އަދި ހޮނިހިރުދުވަހު 600 އަށްވުރެން ގިނަ މީހުން ދަނީ ހޮސްޕިޓަލުން ހިދުމަތް ހޯދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355