ޗައިނާއިން ފެނި މިހާރު އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މައުލޫމާތު ދިނުމުގެ ޝެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ރޭގައި ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް އައި އިރު މައުލޫމަތު ދެމުން އައީ ސިއްހީ ހިދުމަތް ދެމުން އަންނަ ތަންނާއި ފަތުރުވެރިކަމުގެ ހިދުމަތް ދެމުން އަންނަ ތަންނަށް ކަމަށެވެ. ނަމަވެސް މިހާރު މިނިސްޓްރީގެ އަމާޒަކީ މުޅި ރާއްޖޭގައި ވެސް މި ވައިރަސްއާ ގޫޅޭ މައުލޫމަތު ދިނުން ހަރުދަނާ ކުރުން ކަމަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ބަލީގެ މައުލޫމާތު ދިނުމުުގެ ހަރަކާތެއް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ތިން ދުވަސްތެރޭ އެކޮށް މިމަސައްކަތް ނިންމާލެވޭނެ ކަމުގެ އުންމީދު ކުރާކަމަށެވެ. މިމައުލޫމާތު ޝެޝަންތައް ކުރިއަށް ގެންދަނީ އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުންނާއި މިނިސްޓްރީގެ އޮފިޝަލުން ރަށްރަށަށް ފޮނުވައިގެން ކަމުގަ އެވެ.
ދުނިޔޭގެ 20 އަށް ވުރެ ގިނަ ގައުމުތަކުން މި ވައިރަސް ފެނިފައިވީ ނަމަވެސް އަދި މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައެެއް ނުވެ އެވެ. ނަމަވެސް ޗައިނާއިން ރާއްޖެ އައި ތިން ދިއްވެސަކު ވަނީ ކޮރޯނާ ވައިރަސް އަށް ޓެސްޓް ކުރުމަށް ފުނަދޫގައި އެކަހެރިކޮށްފަ އެވެ. އެ މީހުންގެ ލޭގެ ސާމްޕަލްތައް ވަނީ ޓެސްޓް ކުރުމަށް އިންޑިއާގެ ޕޫނޭގައި ހުންނަ ލެބަކަށް ފޮނުވައިފަ އެވެ. އެ 3 މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކުރިން ފެނުނު އަލާމާތްތައް މިހާރު ނުފެންނަ ކަމަށެވެ.