ބާސްކެޓް ބޯޅަ ކުޅުންތެރިން އުފައްދައި އެކުޅިވަރު އިތުރަށް ފުޅާކުރުމުގެ ގޮތުން ބާސްކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުޅުދުއްފުށީގައި ވައިޑީޕީ ޕްރޮގުރާމެއް ފަށައިފި އެވެ.
ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގުރާމު އިފްތިތާޙުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ކުޅުދުއްފުށީ ބުރާންޗު މެނޭޖަރ އައިޝަތު އަބުދުއްރަހީމެވެ. ބީއެމްއެލްއަކީ އެމްބީއޭގެ ޑިވެލޮޕިންގ ޕާޓްނަރެވެ.
މި ޕްރޮގުރާމުގައި ދަރިވަރުން ބޭނުންކުރާ ޖާރޒީ ވަނީ ދައްކާލާފަ އެވެ. މި ޖާރޒީ ސްޕޮންސަރކޮށްފައިވަނީ ބީއެމްއެލުންނެވެ.
ކޭއޯއާ ވާހަކަދައްކަވަމުން އެމްބީއޭގެ ޖެނެރަލް ސެކެރަޓްރީ ވިސާމް ރަޝީދު ވިދާޅުވީ، މި ޕްރޮގުރާމް ރަސްމީކޮށް މިއަހަރު ކުޅުދުއްފުށީގައި ފެށިނަމަވެސް މިދިޔަ ފާއިތުވި ދެ އަހަރުވެސް މިނީ ބާސްކެޓް ކުޅުންތެރިން އުފެއްދުމަށް ޑަބުލިއުއެސްއޭއާ ގުޅިގެން ކުޅުދުއްފުށީގައި ޕްރޮގުރާމެއް ކުރިއަށްގެންދިޔަ ކަމަށެވެ.
މި ޕްރޮގުރާމުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްބީއޭ އިން ކުރިއަށްގެންދިޔަ ކޯޗިންގ ކޯސްތަކުން ސެޓްފިކެޓް ހާސިލުކޮށްފައިވާ ތަމްރީން ލިބިފައިވާ ކޯޗުންކަމަށް ވިސާމް ވިދާޅުވި އެވެ. ވިސާމް ވިދާޅުވީ، ޑަބުލިއުއެސްއޭއަކީ އެސޯސިއޭޝަނާ ގުޅިގެން ވަރަށް ގާތްކޮށް މިފަދަ ޕްރޮގުރާމްތައް ކުރިއަށްގެންދާ ފަރާތެއްކަން ފާހަގަކޮށް އެފަރާތަށް ވިސާމް ޝުކުރުއަދާކުރެއްވި އެވެ.
މި ޕްރޮގުރާމުގައި ތިން ސްކޫލުން 150 އަށްވުރެގިނަ ކުދިން ބައިވެރިވެފައިވާއިރު މި ޕްރޮގުރާމަކީ 10 އަހަރާއި 12 ދެމެދުގެ ކުދިންނަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.